16 ސެޕްޓެމްބަރ 2009 (ބުދަ)

ތަކްފީރު މައްސަލަ (2) – ނަބީ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. ”ﷲ އަށް ވުރެ ޢުޛުރު ޤަބޫލު ކުރެއްވުމަށް ލޯބިކުރައްވާ ފަރާތެއް ނުވެއެވެ. އެކަލާނގެ ރަސޫލުން އުފާވެރިކަމާއި ބިރުވެރިކަމުގެ ޚަބަރުދޭ ބައެއްގެ ގޮތުގައި ފޮނުއްވެވީ އެސަބަބަށްޓަކައެވެ. *މުހިއްމު*

ޝާއިޢުކުރީ: އަބޫ ޣަރީބް
 
(2 ރޭޓް)

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުންނާއި އުޚުތުން ތަކްފީރު ކުރުމުގައި އަވަސްވެގަންނަނީ، މިއަދު މީސްތަކުންނަށް ދޭނެ އެއްވެސް ޢުޒުރެއް ނެތް ކަމަށް ބުނަމުންނެވެ. އަދި ބައެއް އަޚުންނާއި އުޚްތުން ދަޢްވާ ކުރައްވާ ގޮތުގައި ނަބީ صلى الله عليه وسلم ގެ ހަޔާތްޕުޅަށްވުރެވެސް މިޒަމާނުގައި ޢިލްމު ފެތުރިފަވާލެއް މާފުޅަލެވެ. އެހެންކަމުން މީސްތަކުންގެ މައްޗަށް ވަނީ ހުއްޖަތް ޤާއިމް ކުރެވިފައެވެ. މިދަޢްވާ ކުރައްވާ އަޚުންނާއި އުޚުތުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ ޢިލްމެއް، އެތައް މަސްހުނިތަކަކާއި އެކު ފުޅާކޮށް ދުރަށް ފެތުރުމާއި، ޢިލްމެއް ވަރަށްސާފުކޮށް ކުޑަކޮށް ފެތުރުމުގެ ފަރަޤަކީ ކޮބައިހެއްޔެވެ؟

ތިޔަ އަޚުންނާއި އުޚުތުން ތިބުނުއްވާގޮތަށް ނަބީ صلى الله عليه وسلم ގެ ޙަޔާތްޕުޅަށް ވުރެ އެތައް ގުނައެއް ފުޅާކޮށް މިއަދު ދީނީ ޢިލްމު ވަނީ ފެތުރިފައެވެ. މިއަދު ގޭގައި ކޮޓަރި ތެރޭގައި އިނދެގެން އިންޓަނެޓް ގެ ޒަރީޢާއިން އެމީހަކު ބޭނުން ދީނީ މަޢްޟޫއެއްގެ މަޢްލޫމާތު ހޯދާލުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް އޭރު ނަބީ صلى الله عليه وسلم ގެ ޒަމާނުގައި ޢިލްމު މީސްތަކުން ހޯދީ ވަރަށްވެސް ހިންމަތާއި މިންނަތުންނެވެ. އޭގެ ސަބަބުން ޢިލްމު ފެތުރުންވެސް ދިޔައީ ކުޑަކޮށެވެ.

ހަޤީޤަތަކީ ނަބީ صلى الله عليه وسلم ގެ ޒަމާނުގައި ޢިލްމު ކުޑަކޮށް ފެތުރުނު ކަމުގައި ވިޔަސް އެ ޢިލްމު ވެގެން ދިޔައީ އޭގައި އެއްވެސް މަސްހުނިވުމެއްނެތް، އޮޅުންބޮޅުމުން ދުރުވެގެންވާ ވަރަށްވެސް ސާފު ޢިލްމަކަށެވެ. މިއާޚިލާފަށް މިއަދު ފެތުރިފައިވާ ފުޅާ ޢިލްމުގައި މަސްހުނިވުމާއި، އޮޅުންބޮޅުވުމާއި ޝައްކާއި މިހެންގޮސް އެތައް އެތައް ނުސާފު ކަންތައްތައް އެކުލެވިގެންވެއެވެ.

މިކަން އެންމެ ރަނގަޅަށް ވިސްނޭނެ މިސާލެއްގެ ގޮތުން، މިއަދު މުސްލިމު ކޮންމެ މީހެއްގެ ބޯމައްޗަށް ފަރުޟު ޢައިން ވެފަވާ ޖިހާދާއި މެދު އާދައިގެ ޢިލްމު ހޯދަމުންދާ މީހެއްގެ ސިކުނޑި ގޮވާވަރަށް އޮޅުންބޮޅުންތައް ނެތްހެއްޔެވެ؟ މީގެ ދިރި ހުރި މިސާލު ތަކަކީ މިއަދު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ދަޢްވާ ފަތުރަމުންދާ ބައެއް ދޫހެލުންތެރީންގެ ފަށުވި ދަރުސް ތަކަށް ޝައުޤުވެރިވެގެން މަޅިތަކުގައި ބެދިފައިތިބި އުންމަތުގެ އެތައް ޒުވާނުން ތަކެކެވެ؟ އަޅުގަޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މިމަޢްޟޫއް (ޤިތާލް) ގެ މާނަ އޮޅުވާލަން މަސައްކަތް ކުރާ މިންވަރަކީ، އުންމަތާއި މުސްލިމު އަސީރުންނާއި މެދު ވިސްނާ މީހަކު ހިތްދަތިވެގެންގޮސް ރޮވޭ މިންވަރަކަށެވެ. ﷲ މިފަދަ މީހުންނަށް ހިދާޔަތް ދައްކަވާށިއެވެ. އާމީން!

އެހެންކަމުން އަޚުންނާއި އުޚްތުންނޭވެ! ފުންކޮށް މިކަމާއި މެދު ވިސްނުން ހުއްޓެވެ. މިއަދު އުންމަތުގައި ފެތުރިފައިވާ ޢިލްމު އޮޅުވާލުމުގެ ޕްރޮޕެގެންޑާ އަކީ ﷲ އާއި ރަސޫލާ صلى الله عليه وسلم އާ އަދި އަޅުގަނޑުމެންގެ ޢަދުއްވުންތައް އެބައިމީހުންގެ ވަކިތަކުން މިއުންމަތް ސަލާމަތް ކުރުވާނެ އަބްޠާލުން ތަކެއް ގިނަވެދާނެ ކަމުގެ ބިރަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ފަތުރާފައިވާ ކަންތައްތަކެކެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ދީނަށް ޚިޔާނަތްތެރިވާ ބައެއްގެ ފުރިހަމަ އެއްބާރުލުމާއިވެސް އެކީގައެވެ.

ނަމަވެސް ޢާއްމު ޢިލްމު ހޯދުމަށްޓަކައި އުޅޭ މީހާއަށް ފަހަރުގައި މިއޮޅުވާލުންތައް ހުރިކަން ނޭނގިދާނެއެވެ. އަދި ފަހުން އޭނާއަށް، ކަމުގެ ހަޤީޤަތް އެނގިއްޖެނަމަ އޭނާ އަކީ އެކަމުން ބަރީޢަވެގެންވާ މީހަކު ކަމުގައި ވެސް ވެދާނެއެވެ. އެހެންކަމުން މި ޢިލްމު އޮޅުވާލަމުންދާ ޚިޔާނާތްތެރީންގެ ޙުކުމާއި މިފަދަ މީހަކާއި އެއްވަރެއް ނުވާނެއެވެ. އަދި މިފަދަ މީހުންނާއި މެދު އަޅުގަނޑުމެން ހެޔޮކޮށް ވިސްނަންވާނެއެވެ. އަދި ހައްޤު ދަޢުވަތު، ޙިކްމަތްތެރިކަމާއި އެކު އެމީހަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދަހިވެތިވާން ވާނެއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.

މަޖްމޫޢް ފަތާވާގެ ވޮލިޔުމް 3 ގެ ޞަފްހާ ނަންބަރު 287-288. ޝޭޚޫލް އިސްލާމް އިބްނި ތައިމިއްޔާ رحمه الله ވިދާޅުވަނީ:

وقد ثبت في الصحيح أن الصحابة صلوا بغير ماء ولا تيمم لما فقدت عائشة عقدها ولم يأمرهم النبي صلى الله عليه وسلم بالإعادة بل أبلغ من ذلك أن من كان يترك الصلاة جهلا بوجوبها لم يأمره بالقضاء فعمرو وعمار لما أجنبا وعمرو لم يصل وعمار تمرغ كما تتمرغ الدابة لم يأمرهما بالقضاء وأبو ذر لما كان يجنب ولا يصلي لم يأمره بالقضاء والمستحاضة لما استحاضت حيضة شديدة منكرة منعتها الصلاة والصوم لم يأمرها بالقضاء .

والذين أكلوا في رمضان حتى يتبين لأحدهم الحبل الأبيض من الحبل الأسود لم يأمرهم بالقضاء وكانوا قد غلطوا في معنى الآية فظنوا أن قوله تعالى { حتى يتبين لكم الخيط الأبيض من الخيط الأسود من الفجر } هو الحبل فقال النبي صلى الله عليه وسلم ” { إنما هو سواد الليل وبياض النهار } ” ولم يأمرهم بالقضاء , والمسيء في صلاته لم يأمره بإعادة ما تقدم من الصلوات والذين صلوا إلى بيت المقدس بمكة والحبشة وغيرهما بعد أن نسخت, بالأمر بالصلاة إلى الكعبة وصاروا يصلون إلى الصخرة حتى بلغهم [ ص: 288 ] النسخ لم يأمرهم بإعادة ما صلوا وإن كان هؤلاء أعذر من غيرهم لتمسكهم بشرع منسوخ.

ތަރުޖަމާ:-

ޢާއިޝާ رضى لله عنها ގެ ހާރުކޮޅު ގެއްލުމުގެ ސަބަބުން ލަޝްކަރު މަޑުކުރަން ޖެހުނީއެވެ. އެތަނުގައި ވުޟޫކުރުމަށް ފެން ލިބޭކަށް ނެތެވެ.. އަދި ތަޔައްމަމުގެ ޙުކުމް އައީ މިޙާދިޘާ އާއި ގުޅިގެންނެވެ. އޭގެ ކުރީގައި ވުޟޫ އާއި ތަޔައްމަމު ކުރުމަކާއި ނުލައި ކުރި ނަމާދު ދެވަނަ ފަހަރަށް ކުރުމުގެ ޙުކުމް ރަސޫލު ﷲ صلى الله عليه وسلم ނުދެއްވިއެވެ. އަދި އެއަށްވުރެ ބޮޑަށް މައްސަލަ ސާފުކޮށްދޭ އަނެއް ދަލީލަކީ ނަމާދަކީ ވާޖިބު އެއްޗެއްކަން ނޭނގި ނަމާދު ދޫކޮށްލާ މީހާ ދެވަނަ ފަހަރު އެނަމާދު ޤަޟާ ކުރުމަށް ﷲ ގެ ރަސޫލާ صلى الله عليه وسلم އަމުރެއް ނުކުރައްވައެވެ. އެއްފަހަރު ދަތުރު މަތީގައި ޢުމަރުގެފާނާއި ޢައްމާރު رضي الله عنهما ޖުނުބުވެރިވުމުން ހިނގައިގަންނަން ފެން ލިބެން ނެތުމުން ޢުމަރު ނަމާދު ދޫކޮށްލިއެވެ. އަދި ޢައްމާރު رضي الله عنه ޖަނަވާރެއް ބިންމަތީގައި ފުރޮޅޭހެން ފުރޮޅިފައި ތަޔައްމަމު ކުރުމަށްފަހު ނަމާދު ކުރީއެވެ. އެނަމާދު ޤަޟާ ކުރުމަކަށް އެދެބޭކަލުންނަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ. އަދި އެގޮތުން އަބޫ ޛައްރު رضي الله عنه ވެސް ޖުނުބު ވެރިވެ ހިނައިގަންނަން ފެން ނުލިބުމުން ނަމާދު ދޫކޮށްލައްވައެވެ. އެކަލޭގެފާނު އެނަމާދު ޤަޟާ ކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އަދި އެތޮގަށް މުސްތަޙާޟަތު (ރަޙިމުގެ އެތެރޭގައި އުފެދޭ ޒަޚަމެއްގެ ސަބަބުން ބަނޑުން ލޭފައިބާ އަންހެނާ) ވަރަށް ގަދަޔަށް ލޭ އަންނަން ފެށުމުން ނަމާދާއި ރޯދަ ދޫކޮށްލުމުން ދެވަނަ ފަހަރަށް އެނަމާދު ޤަޟާ ކުރުމަކަށް ޙުކުމެއް ނުދެއްވައެވެ.

އަދި ހަމައެފަދައިން އަޞްޙާބު ބޭކަލުންގެ ތެރެއިން ބަޔަކަށް މިއާޔަތުގެ މާނަ…

…حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ…

[ކަޅު ރޮދީގެ (ރޭގަނޑުގެ އަނދިރިކަމުގެ) ތެރެއިން ފަޖުރުގެ ހުދު ރޮދި (އަލިކަން) ފާޅުވެއްޖެއުމަށް ދާންދެން] (ސޫރަތުލް ބަޤަރާ:187)

…ނުބައިކޮށް ވިސްނުމުގެ ސަބަބުން ފަޖުރު ވުމުގެ ފަހުން ކައިބޮއެ ހެދުމުން އެރޯދަ ދެވަނަ ފަހަރަށް ޤަޟާ ކުރުމަށް އެކަލޭގެފާނު އަމުރުފުޅެއް ނުކުރައްވައެވެ. އެބޭކަލުންނަށް ހީފުޅު ކުރެއްވުނީ އެއާޔަތުގެ މާނައަކީ ކަޅުފަށާއި ހުދުފަށް ވަކިކުރަން އެނގޭ ވަރަށް އަލިވުން ކަމަށެވެ. އެކަލޭގެފާނު އެއާޔަތުގެ މާނަ ވިސްނަވައި ދެއްވަމުން ޙަދީޘްފުޅު ކުރައްވަނީ إنما هو سواد الليل وبياض النهار [ހަމަކަށަވަރުން އެއީ ރޭގަނޑުގެ އަނދިރި ކަމެވެ. އަދި ދުވާލުގެ އަލިކަމެވެ.]

(ރުކޫޢު ސުޖޫދު ރަނގަޅަށް އަދާނުކުރާ މީހާގެ ނަމާދު) އޭނާގެ އިސްވެދިޔަ ނަމާދުތައް ޤަޟާކުރުމަށް އެކަލޭގެފާނު صلى الله عليه وسلم އަމުރެއް ނުކުރައްވައެވެ. އަދި މައްކާއާއި ހަބަޝާގައި ތިބެގެންވެސް ބައިތުލް މަޤްދިޞްއަށް ކުރިމަތިލައިގެން ނަމާދު ކުރުން މަންސޫޚް ވުމަށްފަހު އެކަމުގެ ޚަބަރު ނުލިބި ބައިތުލް މަޤްދިޞްއަށް ކުރިމަތިލައިގެން [ނަމާދު ކުރުމުން] އެނަމާދުތައް ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އެހެނީ އެމީހުން މަންސޫޚް ވެފައިވާ ޝަރީޢަތެއްގެ މައްޗަށް ކުރި ނަމާދުތަކުގެ ޢުޛުރު އެހެނިހެން މީހުންގެ ޢުޛުރާއި އަޅާބަލާއިރު މާއައުލާކަން ބޮޑުވިކަމުގައި ވިޔަސް މެއެވެ.



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 10 މާރޗް 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.