08 ޖުލައި 2011 (ހުކުރު)

ރަމަޟާން މަހަށް ރަތް ދޫލައިގެ މަރުޙަބާ!

ޝާއިޢުކުރީ: ޒުލްފިޤާރް
ތަޤްސީމް:
 
(3 ރޭޓް)

އަޚުންނާއި އުޚްތުންނޭވެ. ބަރަކާތް ތެރި މަހަށް ހުޅެވި ހަނދުގެ އަލިވިލުން ގާތްވާ ވަގުތު އަންނައިރު ، އެމަހެއްގެ އިންތިޒާރުގައި އެއް އަހަރު ފުރިހަމަވާނީވެސް އެދުވަހަށްކަން ގައިމެއެވެ. މިއީ އިންތިޒާރުގައި އެމަހަކަށް އިންތިޒާރު ކުރި ބަޔަކަށް ވަރަށްވެސް ދިގު މުއްދަތެކެވެ. ތެދެކެވެ. އެމައްސަރަކީ އެމައްސަރަށްޓަކައި ސުވަރުގޭގެ ދޮރުތައް ހުޅުވާލެވިފައިވާ މައްސަރެވެ. ބޮޑުވެގެންވާ ނިޢުމަތުގެ މައްސަރެކެވެ. އެ މަހުގެ މިސާލަކީ ކޮންމެ އަހަރަކު އެއް ފަހަރު ޖަންނަތައް ދާން ބޭނުން މީހަކު ހުރި ނަމަ، ގޮވައިގެން ދިއުމަށް އަންނަ ބޮޑު ސިންގާ ނަވެއްގެ މިސާލެކެވެ. އެ ނަވަށް އެރުމުގެ ތަނަވަސްކަން ކޮންމެ އިންސާނަކަށް ލިބިގެންވެއެވެ. ކޮންމެ މީހަކަށް އެރުމަށް ދަޢުވަތު ދެއެވެ. ދުނިޔޭގެ އެންމެން އެރިކަމުގައި ވިނަމަވެސް އެނަވަކަށް ކުޑަނަމަވެސް ދަތިކަމެއް ނުވެއެވެ. އެހެންނޫންތޯއެވެ. ވީއިރު ތިބާ އެނަވަށް މަރުޙަބާ ކިޔާނީ ކޮންފަދައަކުން ހެއްޔެވެ؟ ރަތްދޫލައިގެ މަރުޙަބާ ހެއްޔެވެ؟

ލޮބުވެތި ނަބިއްޔާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. :”من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه” މާނައީ: “ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުމާއިއެކު އެކަލާންގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ.” މިޙަދީޘް ރިވާކުރެއްވީ އަލްއިމާމް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

ހުރިހާ މައްސަރުތަކެއްގެ މައްޗަށް މާތްކުރެވި ބަރަކާތްތެރި ޝަރަފްވެރި މަސް މުސްލިމުންނާއި ބައްދަލުކުރުމުގެ ވަގުތު ކުޑަތަން ވަމުން އަންނަނީއެވެ. މި ބަރަކާތްތެރި މައްސަރަށްޓަކާ ތިބާ ތައްޔާރުވަނީ ކޮންގޮތަކަށް ތޯއެވެ؟ ތިބާ އުންމީދުކުރަނީ ކޮން ކަންތައްތަކެއް ކުރުމަށްތޯއެވެ؟ އެއްބަޔަކު ވިޔަފާރި ފުޅާކޮށް މިދުވަސްތަކާއި ދިމާކޮށް ފިހާރައިގެ މުދާ ހެޔޮއަގުގައި ވިއްކުމަށް މަޝްޣޫލުވެ އަތްމަތި އަވަސްކޮށްގެންއުޅޭއިރު، އަނެއް ބަޔަކީ ގޭތެރެ ކުލަކުލައިން ޗާލުކޮށް ބާވެފަ ހުރި ފަރުނީޗަރ އާކޮށް، ނަލަކޮށް ޖަރީކޮށް، ބޭރު ދޮރުމަތި ދޮންވެލި ލައި ޒީނަތްތެރި ކުރާމީހުންނެވެ. އަދި ކުޅިވަރާއި މުނިފޫހި ފިލުވުމަށް ބޭނުންވާ ސާމާނު ހޯދާ ތެއްޔާރުވާ މީހުންނެވެ. ރޯދަމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް މަސައްކަތް ކުރުމަކީ މިއީ ތޯއެވެ؟

ތެދެއްމެއެވެ. ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ ކަރާމާތުން ތަނަވަސްވެގެންވާ ރޫޙާނީ މައްސަރަކެވެ. ނަމަވެސް ހިތާމަޔަކީ ގިނަ ބަޔަކު މިމަހުގެ، ބަރަކާތް ތެރިކަން ނަގާލާ، ދުނިޔެވީ ހިތްހަމަ ޖެހުމަށް ގެނބި ހެއްލިދާ މަހަށް މިމައްސަރު ހަދާކަމެވެ.

މިމައްސަރަކީ ގިނަ ޒުވާނުން އެންމެ ގިނައިން ތާސް ކުޅުމުގައި ވަގުތު ހޭދަ ކުރާ މައްސަރު، ޕްލޭސްޓޭޝަނާއި ކޮމްޕިއުޓަރ ގޭމްސްގެ މައްސަރު، އެންމެ ގިނައިން “ބައިބަލާ” މިފަދަ ތާކުންތާކުން ނުޖެހޭ ކުޅިވަރު ތަކުގައި ހޭލަމޭލަށް ދުވެދުވެ، ރޭގަނޑުގެ ވަގުތު ޝައިޠާނާއެކު ނަގާލާ މައްސަރުވެސްމެއެވެ. ތިންވަނަ ބާރުގެ ދަޢުވާކުރާ މީޑިޔާގެ ރޯލު މީހުންގެ މައްޗަށް ފޯރުވަނީ ކިހާވަރަކަށްބާއެވެ. ގިނަމީޑިޔާތައް އަންނަނީ މިހާރުއްސުރެ މީހުންގެ “މުނިފޫހިފިލުވުމުގެ” ތަފާތު ނަންނަމުގައި ދެ ޖިންސްގެ މީހުންގެ މެދުގައި އެކިއެކި ޕްރޮގްރާމްތައް މިހާރުއްސުރެ ރާވާ ހިންގައި ތައްޔާރީތަށް ވަމުންނެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހަމަ ޔަޤީނުންވެސް ޝައިޠާނާ އިންސާނުންގެ ތެރެއިން އެކަކުވެސް ސުވަރުގެ އަދައިގެން އަޅުކަމެއް ކުރުމަށް ރުހޭނެހެއްޔެވެ؟ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ޝައިޠާނާ މަސައްކަތް ކުރަނީ ކިހިނެތް ހެއްޔެވެ؟ “ތިޔަބޭފުޅުންގެ ފުރުޞަތު”، “މަސްރޭސް”، ވާ ދެމުން، ރޭގަނޑު ދަންވަރުގެ އެކިއެކި ޑްރާމާތަކާއި ލަވަތަކާއި، ފިލްމާއި މިއުޒިކާއި ދެންވެސް މިޢާއިލާގެ މިބާވަތުގެ ހުރިހާ ނަޖިހެއް ބޭނުންކޮށްގެން މިހާރުއްސުރެ މަގުފުރެއްދުމަށް ތައްޔާރީ ވުމަށްކަން ކަށަވެރެވެ. މި އަވައިގައި ޖެހުނު މީހަކު ދެން އަޅުކަމާއިގެން އުޅޭނީ ކޮން ވަގުތަކު ތޯއެވެ؟ އިންސާނާގެ ހަނދާން ބަލިވިއަސް ޝައިޠާނާ ހަނދާން ނައްތާ ނުލާ އެއްޗެއް ވެއެވެ. އެއީ ރޯދަމަހުގައި ކުރާ ފަރުޟުއަޅުކަމަކީ އެހެން މަސްމަހުގައި ކުރާ 70 ފަރުޟު އަދާކުރުމާއި އެއްފަދަ ވެގެންވާ އަޅުކަމެއް ކަމެވެ. އަދި އެމަހުގައި އަންނަ އެރެޔާއި އެއްފަދަ އެހެން އެއްވެސް ރެއެއް ނުވާ “ލައިލަތުލް ޤަދްރި ވިލޭރޭ” އެވެ. މިކަލޭގެ ހިތަކަށް މިއިން އެއްވެސް ހެޔޮކަމެއް އިންސާނަކުކޮށް ދަރުމަލިބުމަކަށް ހަމަހިލާ ކެތެއް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ.

ނަތީޖާއަކަށް މިފެންނަނީ އެންމެ ގިނައިން އަޅުކަމާއިގެން އުޅެންވީ ދުވަސްވަރުގެ ބަދަލުގައި، ކަނޑައެޅިގެން ދިމާ އިނދިކޮޅަށް އުޅެވޭ މަންޒަރެވެ. ހައިރާންވެ އަންތަރީސް ނުވޭ ހެއްޔެވެ؟ ދެން މިފެންނަނީ މިފަދަ ކަންކަމުގައި ޣަރަޤުވެގެން ތިބެ ރޯދަ އަށް ހުރެ ނުކައި ހުންނަން ޖެހުމުން އެއްކަލަ ޒުވާނުންނަށް ރޯދަ “ބުރަ” އަކަށްވާ މަންޒަރެވެ. ވޭނާއި ތުރާލަކަށްވާ މަންޒަރެވެ. ހޭލާނީވެސް މަޣްރިބައް ބަންގިދޭން 2 ގަޑިއިރަށް ވީމައެވެ. އެއީ އެއް ގަޑިއިރު ފެންވެރުމަށެވެ. އަނެއް ގަޑިއިރު ލޮނުޒިޔާރަތްކޮޅަށް ސައިކަލްގައި ބުރުޖަހާލަން ދިއުމަށެވެ. ރޯދަމަސް ނުގޮސްގެން، ނުނިމިގެން ދުވަސް ގުނަގުނާ ތިބޭ ކަހަލައެވެ. ހޮޓާ ހޮޓާ ފަދަ ތަންތަން ދުވާލުގަޑީގައި ބަންދު ބޯޑު އަޅުވާފައި ވާތަން ފެނުމުން ތަކްލީފެއްގައި ތިބެ މިތަން ދެން ހުޅުވާނެނަމައޭ ބުނެ ދެކޮޅަށް ކިރިކިރި ތިބޭ ކަހަލައެވެ. ގިނަ އަންހެނުންނަށްވެސް ކެއްކުން ނޫން ދެވަނަ އެހެން ވާޖިބެއް ސުންނަތެއް އޮންނަ ކަމެއް ކަމަށްވެސް ނުދަންނަ ކަހަލައެވެ. މިއީތޯ ތި ވިދާޅުވާ ތަޙްޒީބާއި ތަމައްދުނަކީ، ތަރައްޤީއާއި ކުރިއެރުމަކީ، މިއީ ތިއެދޭ ޑިމޮކްރަސީ ކަމުގައި ވާނަމަ ޖާހިލިއްޔަތުލް އޫލާ އެއީ އެއްވެސް އެއްޗެއް ނޫނެވެ.

ލޮބުވެތި ނަބިއްޔާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “قد جاءكم شهر مبارك، افترض الله عليكم صيامه، تفتح فيه ابواب اجنة، و تغلق فيه ابواب الجحيم، وتغل فيه الشياطين، فيه ليلة خير من ألف شهر، من حرم خيرها، فقد حرم” މާނައަކީ: “ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެންހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ.” މިޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދާއި، އިމާމުއްނަސާއީއާއި، އިމާމުލް ބައިޙަޤީއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އެދުވަހެއްގެ ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ ދުވަހުން ސަލާމަތް ވުމަށް އެންމެން އުޅޭނެ އެ ބިރުވެރި މަންޒަރު ހިތައް ގެނެސްގެން މާޒީވެ ދިޔަ އެންމެހާ ކަންތަކުން ޢިބްރަތް ހޯދަމާހެވެ. އަހަރުމެން ފަދައިން އަހަރުމެންނާއި އެކު އުޅުނު ކިތެންމެ އެކުވެރި ރައްޓެހިންނެއް އަހަރުމެންގެ ކޮނޑުމަތީގައި ގެންގޮސް ވަޅުލައިފީމެވެ. އެހެންނޫންތޯއެވެ. ވީއިރު މުސްލިމެއްގެ ހައިސިއްޔަތުން ދޭން ބޭނުންވާ ނަސޭޙަތަކީ ތަރައްޤީވެފައިވާ ޝައިޠާނުންގެ ދަންތުރަތަކުން ސަލާމަތްވެ ކުރިން ވެދިޔަ ތަނުގައި ފަރުވާކުޑަކުރެވުނު ކަންތައްތަކުން ދުރުވެ ތައުބާވުމަށް، މިރަނުގެ ފުރުޞަތު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިއްޕަވާށެވެ. ޖާބިރު رضى الله عنه ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” الله تعالى ވަޙީކުރެއްވިއެވެ: “ރޯދައަކީ ރައްކާތެރިކަމެކެވެ. އަޅާ އެރޯދައިގެ ސަބަބުން ނަރަކައިން ސަލާމަތް ކުރައްވައެވެ. އެރޯދަވަނީ ތިމަން ﷲ އަށެވެ. އެރޯދަ ވެރިޔާއަށް ޘަވާބު ދެއްވަނީވެސް ތިމަން ﷲ އެވެ.” (رواه أحمد )

އަބޫހުރައިރާ رضى الله عنه ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

“މާތް ﷲ ވަޙީކުރެއްެވިއެވެ. އާދަމުގެ ދަރިޔާގެ ރޯދަ ފިޔަވައި ހުރިހާ ޢަމަލެއް ވަނީ އޭނާ އަށެވެ. ރޯދަ ވަނީ ތިމަން ﷲ އަށެވެ. އެ ރޯދަ ވެރިޔާއަށް ޘަވާބު ދެއްވަނީ ތިމަން ﷲ އެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުރެއްޖެނަމަ ހުތުރު ބަސްބުނުމާއި ޒުވާބުކޮށް އަރާރުންވުމުން ދުރުހެލިވާށެވެ. މީހަކު ތަޅާފޮޅާ އަރާރުންވާން ހަދައިފިނަމަ އޭނާއަށް ބުނާށެވެ. ތިމަންނަޔަނީ ރޯދަވެރިއެކެވެ. ތިމަން ކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތް ޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ރޯދަވެރިޔާ އަނގައިން ދުވާވަސް ﷲގެ ޙަޟްރަތުގައި މަސްކުގެ ވަހަށްވުރެ މީރެވެ. ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އޭނާ ރޯދަވީއްލާ ހިނދު އުފާކުރެއެވެ. އަދި ﷲ އާއި ބައްދަލުވާ ހިނދު އުފާކުރެއެވެ.” (رواه البخاري)

މަޞްދަރު: ލިޔުންތެރިޔާ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 ޖުލައި 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+7 #1 އިބްނި ހުސޭނު 2011-07-08 14:49
މީޑިއާއަކީ ހަތަރުވަނަ ބާރެ. ތިންވަނަ ބާރެއް ނޫނެ.تفتح فيه ابواب اجنة މި ތަންކޮޅުގައި ل އެއް މަދުކަން ފާހަގަ ކުރެވެއެވެ. ލިޔުން ވަރަށްވެސް ފުރިހަމައެވެ. މިހިރަކަހަލަ ކަންކަން އިޞްލާޙުކޮށްލާނެ ކަމަށް އުއްމީދު ކުރަމެވެ. އިންޝާ ﷲ މިފަހަރުގެ ރޯދަ މަސް ހެޔޮގޮތުގައި ބޭނުން ކުރުމަށް އުއްމީދު ކުރާ ޙާލު ހުރިހާ މުސްލިމުންނަށް އުފާވެރި ފައިދާކުރަނިވި ރޯދަމަހަކަށް އެދެމެވެ. ތިޔަ ސައިޓްއަށް އބަދުވެސް ފަހިކަން މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ. އަދި ދީނަށްޓަކައި ތިޔަ ޓީމް ތިކުރާ މަސައްކަތަށް ވަރަށް ސާބަހެވެ.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.