شيخ محمد سعيد القحطاني (حفظه الله)


ކަލިމައިގެ މާނަ: ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤު އެހެން ފަރާތެއް ނުވެއެވެ. އަދި ހަމައެފަދައިން، ﷲ ފިޔަވައި އެހެން ފަރާތްތަކުން އިލާހުވަންތަކަން ނަފީކުރުމާއިއެކު، ﷲ އަށް އެކަނި އިލާހުވަންތަކަން ޘާބިތު ކުރުމެވެ. شيخ الإسلام ابن تيمية (رحمه الله) ވިދާޅުވިއެވެ: [ﷲ އަށް ލޯބިވެތިވުމުން މެނުވީ ހިތަށް އުފާވެރިކަމާއި ލައްޛަތެއް ނުލިބޭނެއެވެ. އަދި (އެހެންމެ) އެއިލާހު ލޯބިވެވޮޑިގަންނަވާ ކަންތައްތަކާއި ކައިރިވުމުންނެވެ. އެއިލާހު ފަދައިން ލޯބިވެތިވާ އެހެން ހުރިހާ ފަރާތްތަކެއްގެ ކިބައިން އެނބުރިގަނެގެން މެނުވީ، އެއިލާހަށް ލޯބިވެތިވުން ޙާޞިލްކުރުމަކީ ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އަދި (لا إله إلا الله ގެ) ޙަޤީޤަތަކީ މިއީއެވެ. އަދި ﷲގެ ޚަލީލް އިބްރާހީމް (عليه السلام) ގެ މިއްލަތަކީވެސް މިއީއެވެ. އަދި ﷲގެ ޞަލަވާތާއި ސަލާމްލެއްވެވި އެންމެހާ ނަބިއްޔުންނާއި ރަސޫލުންގެ މިއްލަތަކީވެސް މިއީއެވެ.]



العلامة ابن القيم (رحمه الله) ވިދާޅުވިއެވެ: ”ތައުޙީދަކީ ﷲ ފިޔަވައި އެހެން ޚާލިޤެއް ނުވާކަމަށާއި، އަދި ﷲ އީ އެންމެހާ ތަކެއްޗެއްގެ ވެރިރައްބު އަދި ވެރިރަސްކަލާނގެކަމަށް، އަޅާ އިޤުރާރުވާ އިޤުރާރުވުން އެކަންޏެއް ނޫނެވެ. ބުދުތަކަށް އަޅުކަންކުރަމުން ދިޔަމީހުން ވެސް، މުޝްރިކުންކަމުގައިވާ ޙާލު މިކަންކަމަށް އިޤުރާރުވިއެވެ. ޝައްކެއްނެތް ގޮތުގައި! ތައުޙީދު އެކުލަވާލެވިފައިވަނީ ﷲ އަށް ލޯބިވުމާއި، އެއިލާހަށް ކިޔަމަންތެރިވުމާއި، އެއިލާހުގެ ކުރިމަތީގައި ނިކަމެތިވުމާއި، އެއިލާހަށް ފުރިހަމަގޮތުގައި ކިޔަންމަތެރިވެ ބޯލެނބުމާއި، އެއިލާހަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމާއި، އަދި ހުރިހާ ބަސްތަކެއްގައްޔާއި ޢަމަލުތަކެއްގައި، އަދި މުއްބާރުކުރުމުގައްޔާއި އަތްހުޅުވާލުމުގައި، އަދި ލޯބިވުމުގައްޔާއި ރުޅިއައުމުގައި އެއިލާހުގެ މަތިވެރި ވަޖްހުފުޅު އަދައިގެން ކުރުމުގެ މައްޗަށެވެ.



الموالاة (އެހީތެރިވުން) ގެ އަޞްލަކީ ލޯތްބެވެ. އަދި المعاداة (ޢަދާވާތްތެރިކަން) ގެ އަޞްލަކީ ރުޅިއެވެ. ހިތްތަކާއި ގުނަވަންތައް ޙަރަކާތްތެރިވަނީ މި ދެކަމުގެ ސަބަބުންނެވެ. الموالاة ގެ ސަބަބުން ނުޞްރަތް ދިނުމާއި، އެކުވެރިވެ އޯގާވެރިވުމާއި، އެހީތެރިކަން ފޯރުކޮށްދިނުން ފަދަކަންކަން ޙަޤީޤަތަކަށް ވެދެއެވެ. އަދި المعاداة ގެ ސަބަބުން ޖިހާދުކުރުމާއި، ހިޖުރަކުރުން ފަދަ ކަންކަން ޙަޤީޤަތަކަށް ވެދެއެވެ. (އައްރިސާލަތުލް މުފީދާ – ޝައިޚް ޢަބްދުއްލަޠީފް އާލުއްޝައިޚް)



ﷲ އަށްޓަކައި ލޯބިވުމަކީ މުސްލިމުން ހިއްސާކުރާ އެންމެ ވަރުގަދަ ގުޅުމެވެ. މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ވާޖިބިއްޔަތުތައް އަންނަނީ މިގުޅުމުގެ ދަށުންނެވެ. އެއީ ބައިވަރު ޙައްޤުތަކެކެވެ. އޭގެތެރޭގައި: އެހީތެރިވުމާއި، ލޯތްބާއި، ޒިޔާރަތްކުރުމާއި، އިޙްތިރާމްކުރުމާއި، ސަލާމްގޮވުމާއި، ޙަމްދަރުދީވުމާއި އަދިވެސް މިނޫންވެސް ޤުރުއާނާއި ސުންނަތުން ކަނޑައެޅިފައިވާ ކަންކަން ހިމެނެއެވެ.

މީގެ ތެރެއިން މިމަޥްޟޫޢުއާއި ގުޅޭގޮތުން ވާހަކަ ދެއްކުން އެންމެ މުހިއްމީ އެހީތެރިވުމާއި ލޯބިކުރުމުގެ މައްޗަށެވެ.



ޢާއްމުގޮތެއްގައި އެހީތެރިވުމަށް, ގުޅުންބަދަހިކުރުމަށް ނުވަތަ ރައްކާތެރިކޮށްދިނުމަށް އެދި ކާފަރުންނަށް ބަރޯސާވުން ނުވަތަ އެމީހުންގެ ދީނަށް ވަނުމަކީ މި ގުޅުމުގެ (އެބަހީ ކާފަރުންނާއިއެކު ގުޅުންބަދަހިކުރުމުގެ) ދެވަނަ ވައްތަރެވެ. ﷲ ތަޢާލާވަނީ މިކަން ޙަރާމްކުރައްވަވާފައެވެ. ވަޙީކުރެއްވިއެވެ. ”لا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ وَمَنْ يَفْعَلْ ذَلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلا أَنْ تَتَّقُوا مِنْهُمْ تُقَاةً وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَإِلَى اللَّهِ الْمَصِيرُ“ ”މުއުމިނުން، މުއުމިނުން ފިޔަވައި, ކާފަރުން އެއީ އެކުވެރި ވާގިވެރިވާބައެއް ކަމުގައި ނުހަދާ ހުށިކަމެވެ! އެފަދައިން ކަންތައް ކޮށްފިމީހާއަށް ﷲ ގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުވާނެއެވެ. އެއީ އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ބިރުގަންނަ ޙާލެއްގައި މެނުވީއެވެ. އަދި ﷲ އެއިލާހުގެ ޛާތުފުޅަށް (އެބަހީ:ޢަޒާބަށް) ރައްކާތެރިވެ ތިބުމަށް ކަލޭމެންނަށް އިންޛާރުދެއްވަވައެވެ. އަދި އެނބުރިދިއުން ވަނީ ﷲ ގެ ޙަޟްރަތަށެވެ.“ (ސޫރަތު އާލްޢިމްރާން:28)

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.