02 ޖުލައި 2011 (ހޮނިހިރު)

އިންސާނާގެ މަރު

ޝާއިޢުކުރީ: އިބްނު އުމަރު
ހިމެނޭ ބައި: ދީނީ ލިޔުން (ނަކަލް)
 
(6 ރޭޓް)

ހިނގާ ކޮންމެ ސިކުންތަކާއެކު ތިމާގެ އުމުރުކުރުވަމުން އަންނަކަން އިޙްސާސް ކުރެވޭހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މިދުނިޔެއަށް އުފަންވާ ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނެމީހެކެވެ. މިގޮތުން އެތައް ބަޔަކު މިހާރު މަރުވެއްޖެއެވެ. އެމީހުންގެ ތެރޭން ވަރަށް މަދު ބައެއް ފިޔަވާ ނިޝާން ވެސް ފެންނާކަށް ނެތެވެ. މިހާރު މިދުނިޔޭގައި ތިބި އެންމެވެސް، ކަނޑައެޅިފައިވާ ވަގުތެއްގައި މަރުވާނެކަމެވެ. ނަމަވެސް އަހަރެމެން މިދުނިޔޭގައި އުޅޭއިރު، އެކަމުގެ މައްޗަށް މާބޮޑު ސަމާލުކަމެއް ނުދެމުއެވެ.

މަރު ހަނދާން ނުކޮށް ވޭތޯ ވެސް ވަރަށް ގިނަ މީހުން ބަލައެވެ. އިރުއަރައި، އިރުއޮއްސި ދަނީ ދުންޔަވީ އެތައް އެތައް ކަމެއްގައި މަޝްޢޫލުވެ، އެތައް އެތައް ކަމަކަށް ފިކުރު ކޮށްކޮށް ހުއްޓެވެ. ވަންނާނީ ކޮން ކޮލެޖަކަށް ކަމެއް، މަސައްކަތް ކުރާނީ ކޮން ކުންފުންޏަކަށް ކަމެއް، މާދަމާ ހެނދުނު އަޅާނީ ކޮން ކުލައެއްގެ ހެދުމެއް ކަމެއް، މިރޭ ކައްކާނީ ކޯއްޗެއް ކަމެއް ކަމެއް ކަނޑައެޅުން އެއީ، ބޮޑެތި މުހިއްމު ކަންތައް ކަމުގައި ވެއެވެ. މަރު އައުމުން ދުނިޔޭގެ” ޙަޤީޤަތްތައް” އެ ހިސާބުން އެނިމުނީއެވެ. ދެން ހަމަކުރެވޭނެ އެއްވެސް ކަމެއ ނޯންނާނެއެވެ. ނަމަވެސް މަރުވުމަށްފަހުގައި ތިބާގެ ހަށިގަނޑަށް ވާނީ ކިހިނެއް ހެއްޔެވެ؟

އެންމެފަހު ނޭވާލާ ވަގުތުން ފެށިގެން ތިބާވަނީ ހަމައެކަނި” މުޅަ މަސްގަނޑެއް” ކަމުގައެވެ. ތިބާގެ ހަށިގަނޑު، ކަފުން ކޮށްގެން އޮއްވާ ސަހަރާއަށް ގެންދާނެއެވެ. އަދި ވަޅުގަނޑެއް ކޮނެފާ ވަޅުލާނެއެވެ. ދެން ޖަނާޒާގައި ބައިވެރިވި މީހުން ހިނގައިދާނެއެވެ. އެކަނި ކޮށްލާފައެވެ. ފިލާކޮޅެއްގައި ނަން ޖަހާފައި އޮވެދާނެއެވެ.

ފުރަތަމަ ދުވަސްކޮޅު މަހާނަ ކައިރިއަށް ގާތްތިމާގެ މީހުން ޒިޔާރަތްކޮށް ހަދާފާނެއެވެ. ނަމަވެސް ޒިޔާރާތް ކުރުން ދާނީ ފަހަރަކަށްވުރެ ފަހަރެއް މަދުވެގެންނެވެ.

ތިބާ މަރުވާ ވަގުތު ގާތްތިމާގެ މީހުން އެކަމާ ވަރަށް ހިތާމަކޮށް ހަދާނެއެވެ. މިކަންވެސް ދުވަސްވީވަރަކަށް ދާނީ މަޑުމަޑުން ފޮހެވެވުމުންނެވެ. އަދި ތިބާގެ ޖީލު ފިޔަވައި އެހެން ޖީލެއްގެ ބަޔަކު ދުނިޔޭގައި އުޅެމުންދާއިރު، ތިބާގެ މަތީން ހަނދާންވިޔަސް ވާނީ ވަރަށް މަދު ފަހަރަކުއެވެ.

ސަންދޯކަށް ލައިގެން ގޮސް ތިބާ ވަޅުލުމާއެކު، ތިބާގެ ހަށިގަނޑަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އާދެއެވެ. ހަށިގަނޑުގެ ތެރޭގައިވާ ޖަރާސީމުތައް ޙަރަކާތްތެރިވާން ފަށައެވެ. އަދި އެސޮރުމެން ބޭރުކުރާ ގޭސްތަކުގެ ސަބަބުން މީހާ ދުޅަވާންފަށައެވެ. އެންމެ ފުރަތަމަ ދުޅަވާން ފަށަނީ ބަނޑެވެ. އަދި މިކަމުގެ ސަބަބުން މީހާގެ ސިފައަށް ބަދަލުތައް އަންނާންފަށައެވެ. ދެން އަގައިންނާއި ނޭފަތުން ފޮނުތަކެއް ނުކުމެއެވެ. އެއީ، މެޔާ ދިމާލުން އަރާ ގޭސްތަކެއްގެ ސަބަބުންނެވެ. ހަށިގަނޑު ނުބައިވަމުން ދާވަރަކަށް އިސްތަށިތަކާއި، ނިޔަފަތިތައް ފައިބަމުން ވެއްޓެމުން ދެއެވެ. އަދި ފައިތިލަ އާއި އަތްތިލަވެސް ހަށިގަނޑުން ނެއްޓެއެވެ. ހަށިގަނޑުގެ ބޭރުފުށަށް މިބަދަލުތައް އަންނަމުން ދާއިރު، ފުއްޕާމެއާއި، ހިތާއި، ފުރަމޭ ފަދަ އެތެރެހަށިގެ ގުނަވަންތައްވެސް ނުބައިވަމުން ދެއެވެ. މިވަގުތު ބަނޑަށް ވަނީ ކިހިނެއްތޯއެވެ؟ ގޭސްތަކުގެ ސަބަބުން ބަނޑު ފުފެމުން ފުފެމުން ގޮސް އެންމެފަހުން ހަށިގަނޑަށް އޮބިނޯވެގެން ކުއްލިއަކަށް ފަޅައިގެން ދަނީއެވެ. މިވަގުތު ވަރަށް ވަރުގަދަ ކުނިވަހެއް ދުވާނެއެވެ. ބޮލުގެ ނާށިގަނޑުން ފެށިގެން ގައިގެ މަސްތައްވެސް އޭރު، ކަށިތަކާއި ވަކިވަމުން ދާނެއެވެ. ހަންގަނޑު އެއްކޮށްފައިބާ، ގައިގެ މަސްގަނޑުގެ ކީލިތައްވެސް މުޅީން ފައިބައެވެ. ސިކުނޑިވެސް ނުބައިވާނެއެވެ. އަދި ކުދިން ކުޅެން ގެންގުޅޭކަހަލަ ކުލޭގަނޑެއްގެ ސިފަ ޖެހޭނެއެވެ. އެންމެފަހުން ހަމައެކަނި ކަށިގަނޑަށް ވަންދެން މިކަންތައް މިގޮތަށް ކުރިޔަށް ދާނެއެވެ.

މިހުރިހާ ކަމެއް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ﷲ އިރާދަ ކުރައްވައިފިނަމަ ހަށިގަނޑު އެގޮތަށް ނުބައިވެވެސް އޮވެދާނެއެވެ. ނަމަވެސް ހަށިގަނޑު ނުބައިވުމުން އެއީ އަހަރެމެންނަށް ވަރަށް މުހިއްމު މެސެޖެއް ދޭކަމެކެވެ. ކުރީގެ ދިރިއުޅުމަށް އެނބުރި ދެވޭނެ ހަމައެއްވެސް ގޮތެއް ދެނެއް ނޯންނާނެއެވެ. ޢާއިލާގެ މެމްބަރުންނާއި އެކު މޭޒުދޮށުގައި ކައިބޮއި ހެދުން، ދަތުރުގޮސް މަޖާކުރުން، ފައިސާ އެއްކުރުން މިއީ ދެން ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ނޫނެވެ.

އިންސާނާގެ ނިމުން މިއޮންނަ ގޮތުން އޭނާއަކީ ހަމައެކަނި ހަށިގަނޑެއް ނޫންކަން އޭނާއަށް އެނގެން ޖެހޭނެއެވެ. އަދި ކިއެއްތަ، އޭނާއަކީ ހަށިގަނޑަކުން ” ވަށާލެވިފައިވާ” ފުރާނައެއްކަން އެނގެން ޖެހޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ އިންސާނާއަކީ ހަށިގަނޑެއްގެ އިތުރު ބައެއްވެސް ހިމެނޭ މީހެކެވެ. އިންސާނާ ވަރަށް މުހިއްމު ބައެއްކަމަށް ދެކިގެން އުޅުނު ހަށިގަނޑު ކޮންމެވެސް ދުވަހަކުން ކުނިވެ، ފަނިކައި، އަދި އެންމެފަހުން ކަށިގަނޑަކަށް ބަދަލުވެގެން ދެއެވެ. އެދުވަސް ހީނުކުރާހާ އަވަހަށްވެސް އަތުވެދާނެއެވެ.

ކަން މިހެން އޮތްނަމަވެސް ނަފުސާނީގޮތުން އިންސާނާއަކީ އޭނާ ނުރުހޭ ނުވަތަ ބޭނުން ނޫން ކަންތައްތަކަށް އަޅާނުލެވޭ މީހެކެވެ. އަދި އެކަންތައްތަކަކީ ޙަޤީޤަތެއް ނޫންކަމަށް ޤަބޫލު ކުރެވޭ ދަރަޖައަށްވެސް މި ވިސްނުންދެއެވެ. މަރަކީވެސް މިކަހަލަ ކަމެކެވެ. ނަމަވެސް ޖަނާޒާއެއްގައި ބައިވެރިވާ ހިނދު ނުވަތަ ވަރަށް ގާތްތިމާގެ މީހަކު ކުއްލިއަކަށް މަރުވާ ހިނދު މަރު މަތީން ހަނދާންވާ ގޮތްވެއެވެ. އެހެން ނޫނީ މަރާމެދު ދެކޭނީ ވަރަށް ދުރު ކަމެއްގެ ގޮތުގައެވެ. މީހުން ނިދީގައި މަރުވާކަމާއި، އެކްސިޑެންޓެއްގައި ކުއްލިއަކަށް މަރުވާ ކަންވެސް އެންމެން ދަނެއެވެ. ނަމަވެސް ހިތަށް ގެނެވޭނީ އެއީ އަދި ވަކި ބައެއް ކަމަށެވެ. ތިމާއަށް އެގޮތް މެދުވެރިވެދާނެކަން ޤަބޫލުކުރަން ހަމަ ދަތިވަނީ އެވެ. އަބަދުވެސް ހީވެފައި އޮންނަނީ މަރުވާ ދުވަސް އަދި މާ ފަހަތުގައި އޮތް ކަމަށެވެ. ހައްޖަށްދާން އަދި މާއަވަހޭ ބުނެވޭނީވެސް އެހެން ވެގެން ކަންނޭނގެއެވެ.

މަދަރުސާއަށް ދަނިކޮށް ނުވަތަ އޮފީހަށް ދަނިކޮށް އެކްސިޑެންޓްވެގެން މަރުވާ ކުއްޖާ ނުވަތަ، މީހާވެސް ހީކޮށްގެން ހުންނާނީ ހަމަ މިކަހަލަ ގޮތަކަށް ކަންނޭނގެއެވެ. މާދަމާގެ ނޫހުގައި އޭނާގެ މަރުގެ ވާހަކަ އޮންނާނެ ކަމެއް އޭނާއަކަށް ކުޑަކޮށްވެސް ނޭނގޭނެއެވެ. މިމަޒުމޫނު ވިދާޅުވާއިރު ޚުދު ތިޔަބޭފުޅާވެސް ހުންނެވީ މިކަހަލަ ވިސްނުންފުޅެއްގައި ނޫންކަމެއް ނޭނގެއެވެ. އަވަހަށް ނިޔާވެދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާން ދަތިފުޅުވާނެއެވެ. އަދިވެސް މި ދުނިޔޭގައި ނުކުރެއްވި އެތައް ކަންތައްތަކެއް ހުރީމައެވެ.

މިއީ މަރުން އެއްކިބާވުމުގެ ވިސްނުމެކެވެ. ނަމަވެސް މަރަކުން ހަމ ހިލާ ސަލާމަތެއް ނުވާނެއެވެ. ގަދަފަދަ ވެގެން ވާކިއްލާއެއްގެ ތެރޭގައި އޮތް ނަމަވަހެއެވެ. ކޮންމެ ތަނެއްގައި ހުއްޓަސް މަރު އޭނާ އަތުލާނެއެވެ.

އިންސާނާ ދުނިޔެއަށް އައީ އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އޭނާ އެނބުރި ދާނީވެސް އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެކަނިމައި އެކަންޏެވެ. ނަމަވެސް އޭނާ ދުނިޔޭގައި އުޅޭއިރު، އޭނަވަނީ އޭނާގެ މުދަލަށް އަމަލުވެފައެވެ. އޭނާ ދިރިއުޅުމުގެ ހަމައެކަނި މަޤްޞަދަކީ މުދާގިނަކުރުން ކަމުގައި ހީވާ ފަހަރު ދެއެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާގެ މުދާތައް ހިފައިގެން ކަށްވަޅަކަށް ނުދެވެއެވެ. ވަޅުލާނީ އާދައިގެ ދެރަ ފޮއްޗަކުން ކަފުން ކޮށްފައެވެ. އޭނާއަށް ގެންދެވޭ ހަމައެކަނި އެއްޗަކީ އޭނާކުރި ޢަމަލެކެވެ. ހެޔޮކަމުގެ ތިލަފަތް ބަރުވެއްޖެނަމަ ހުރި އުފަލެއްގެ ބޮޑުކަމާއެވެ.

މަޞްދަރު: މުސްތަފާ، ދަރުމަ 2002 އިން ނަކަލް ކުރެވިފައި.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 02 ޖުލައި 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+1 #1 ނައުބެ 2011-07-04 21:38
މާޝާﷲ ވަރައް އިބްރަތްތެރި ލިޔުމެއް.ވިސްނުމުގެ ހިތަކުން މިލިޔުން ކިޔާފި ކޮންމެ މީހަކު މަރުމަތިން ހަދާން ނުނެތޭނެކަން ހަމަޔަގީން….އިންޝާﷲ…
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.