23 ޖޫން 2011 (ބުރާސްފަތި)

ޖަހަންނަމައިގެ ބޮޑުކަމާއި ފުންކަން

ޝާއިޢުކުރީ: މުސާފިރް
ހިމެނޭ ބައި: ދީނީ ލިޔުން (ނަކަލް)
ތަޤްސީމް:
 
(9 ރޭޓް)

ޝައްކެއްނެތެވެ. ޖަހަންނަމަ، ނުވަތަ ނަރަކައަކީ، ވަރަށްބޮޑު ތަނެކެވެ. އެކިފަރާތްފަރާތަށް ފެތުރިފައިވާ، ފާރުތައް ނުހަނުއުސް، ފުންކަން އެހާމެބޮޑު ތަނެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން އަލްއިމާމުއް ތިރްމިޛީ ރިވާކުރެއްވި، އަދި އެއީ ޞައްޙަ ޙަދީޘެއްކަމުގައި އަލްބާނީ ވިދާޅުވެފައިވާ ޙަދީޘެއްގައި މިކަން ބަޔާން ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.

“إِنَّ غِلَظَ جِلْدِ الْكَافِرِ اثْنَانِ وَأَرْبَعُونَ ذِرَاعًا، وَإِنْ ضِرْسَهُ مِثْلُ أُحُدٍ، وَإِنْ مَجْلِسَهُ مِنْ جَهَنَّمَ كَمَا بَيْنَ مَكَّةَ وَالْمَدِيْنَةَ.”
މާނައީ: :”ހަމަކަށަވަރުން (ނަރަކާގައި) ކާފިރުމީހާގެ (ގައިގެ) ހަމުގެ ބޯމިނުގައި ސާޅީސްދެމުށް ހުންނަހުއްޓެވެ! އަދި އޭނާގެ ފޭރާދަތް އުޙުދު ފަރުބަދައެކޭ އެއްފަދަވާނެއެވެ.(އެބަހީ:އެހާބޮޑުވާނެއެވެ.) އަދި ޖަހަންނަމާގައި އޭނާއިންނަ ތަނުގެ ބޮޑުމިން މައްކާއިން މަދީނާއާ ދެމެދުވަރުވާނެއެވެ.”

ވިސްނާލެއްވުން ހުއްޓެވެ. ނަރަކަވަންތަވެރިންކުރެ ކޮންމެ މީހެއްގެ ގައިގެ ހަމުގައި ސާޅީސްދެމުށް ހުރުމާއެކު، އޭނާގެ ފޭރާދަތް އުޙުދު ފަރުބަދަހާ ބޮޑުވެފައި ޖަހަންނަމައިން އޭނާ އިނުމަށް ޚާއްޞަވެފައިވާ ތަނުގެ ބޮޑުމިން މައްކާއާ މަދީނާއާދެމެދުގެ ބޮޑުމިންހާ ބޮޑުކަމުގައިވާ ހިނދު މުޅިޖަހަންނަމައިގެ ބޮޑުކަން ކިހާވަރެއް ވާނެތޯއެވެ؟

(ނޯޓް: ސުވަރުގެއާ ގުޅޭ ގޮތުން އެއީ ދުވަހަކުވެސް އިންސާނެއްގެ ލޮލުންދެކެފައިނުވާފަދަ، އެފަދަ ފުރިހަމަ ކަމެއްގެ ވާހަކަ ދުވަހަކުވެސް މީހަކު އަޑުއަހާފައި ނުވާފަދަ، އަދި މީހެއްގެ ހިތުގައި އެފަދަ ފުރިހަމަ ކަމެއްގެ ތަޞައްވުރުވެސް ކުރެވިފައިނުވާހާ ފުރިހަމަ ތަނެއްކަމުގައި ވީފަދައިން، ނަރަކައިގެ ވޭންދެނިވި ޢަޛާބާއި، އެތާނގެ ކެކުޅުންތަކާއި، ވޭނުންފުރިގެންވާ ކަންތައްތަކަކީ ހަމައެއްވެސް މީހަކަށް ތަޞައްވުރުވެސް ކުރެވޭނެ ކަމެއްނޫނެވެ. މާތްﷲ އަޅަމެން އެނުބައި ނަރަކައިން ސަލާމަތްކުރައްވާށިއެވެ! އާމީން! “މުތަރުޖިމު”)

ޖަހަންނަމައިގެ ފުންކަމާއި އެތަނުގެ ބޮޑުކަން ބަޔާން ވެގެންވާ ޙަދީޘެއް، މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން އަލްއިމާމް މުސްލިމާއި، އެހެންބައެއްބޭކަލުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

كُنّا مَعَ رَسُولِ اللهِ -صلى الله عليه وسلم- إِذْ سَمِعَ وَجْبَةً فَقَالَ النَّبِىُّ -صلى الله عليه وسلم- ” أَ تَدْرُونَ مَا هَذَا؟” قَالَ : قُلْنَا اللهُ وَرَسُولُهُ أَعْلَمُ. قَالَ: “هَذَا حَجَرٌ رُمِىَ بِهِ فِى النَّارِ مُنْذُ سَبْعِيْنَ خَرِيْفًا فَهُوَ يَهْوِى فِى النَّارِ الآنَ حَتَّى انْتَهَى إِلَى قَعْرِهَا.”
މާނައީ:”ތިމަންމެން މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިއްބަވަނިކޮށް (ފުންތަނަކަށް އެއްޗެއް ވެއްޓުނު) އަޑެއް އިވުނެވެ. އެހިނދު ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެއީ ކޮންއަޑެއްކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟” އެކަލޭގެފާނު (އެބަހީ:އަބޫހުރައިރަތުގެފާނު) ވިދާޅުވިއެވެ. ތިމަންމެން ދެންނެވީމެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ، މީގެ ހަތްދިހައަހަރު ކުރިން ޖަހަންނަމައަށް އެއްލައިލެވުނު (ބޮޑު) ހިލައެއް މިހުރިހާ ދުވަހަކު ތިރިއަށް ދަމުންގޮސް، ނަރަކައިގެ އަޑިއަށްވެއްޓި (ފުލުގައި) ޖެހުނު އަޑެވެ.”

އެހެން ޙަދީޘެއްގައިވެއެވެ.

“لَوْ أَحَجَراً مِثْلُ سَبْعَ خَلَفَاتِ أُلْقِيَ عَنْ شَفِيْرِ جَهَنَّمَ هَوَى فِيْهَا سَبْعِيْنَ خَرِيْفاً لاَ يَبْلُغُ قَعْرَهَا.”(رَوَاهُ الْحَاكِمُ وَصحَّحَهُ الأَلْبَانِىُّ)
މާނައީ: “(މާބަނޑުވެ ވިހަންކައިރިވެފައިވާ) ބޮޑެތި ހަތްޖަމަލުހާބޮޑު ހިލަގަނޑެއް ޖަހަންނަމައިގެ ތުންފަތްމަތިން ތިރިޔަށް ފުރޮޅައިލެވިއްޖެނަމަ، އެހިލަގަނޑު ހަތްދިހަ އަހަރުވަންދެން އޭގެ (އެބަހީ: ނަރަކައިގެ) އަޑިޔަށް ވެއްޓެމުންދާއިރުވެސް އޭގެ އަޑީގައި ނުޖެހޭހުއްޓެވެ.”

މަޞްދަރު: އަޙްމަދު ފާރޫޤު މުޙައްމަދު ތަރުޖަމާކޮށް ލިޔެފައިވާ “ނަރަކަ” ސަލާމަތްވާންބޭނުމީ ކާކުހެއްޔެވެ؟ މިފޮތުގެ “ޖަހަންނަމައިގެ ބޮޑުކަމާއި ފުންކަން” މިމަޒްމޫނުން ނަކަލް ކުރެވިފައި. .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 23 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.