10 އޭޕްރީލް 2011 (އާދީއްތަ)

ބިލް އަނބުރައި ގެންގޮސްފި: ދިވެހި ޤާނޫނު ވަނީ ހައިޖެކް ކުރެވިފައިބާ؟(1) *މުހިއްމު*

ޝާއިޢުކުރީ: މުޙައްމަދު މުސްޠަފާ (މުސްތޮ)
ހިމެނޭ ބައި: ޢާއްމު ލިޔުން
 
(5 ރޭޓް)

ޅައުމުރުގައި ކައިވެނީގެ ސިޔާސަތަށް ޚާއްޞަ ނަޒަރެއް

ތަޢާރަފް:

ދިވެހި ރާއްޖޭގައި މިވާ ވަޟަޢީ ޤާނޫނުގައި ކުޑަކުއްޖެއްގެ އުމުރަކަށް މިހާރު ބަޔާންވެވިފައިވާ 18 އަހަރުން 16 އަހަރަށް ބަދަލުކުރުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފު ހުށަހެޅި ބިލް އަނބުރައި ގެންގޮސްފިއެވެ. މަޙްލޫފު ބަޔާންކޮށްފައިވާ ގޮތުގައި މި “އިސްލާޙު” އަނބުރައި ގެންގޮސްފައިވަނީ އެކަމާ ގުޅިގެން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އ.ދ ގެ ޔުނިސެފުން އޭނާއާއި ބައްދަލުކޮށް “ކަންބޮޑުވާކަން ފާހަގަ ކުރުމުން” ކަމަށެވެ.

ދިވެހި ރާއްޖޭގެ އާންމު ނޫސްތަކުގައި މި އިސްލާޙު ގެންދިއުމުގެ ސަބަބަށް ފަރުވާތެރިކަމެއް ދީފައިނުވިއެއްކަމަކު، މިއީ ޙަޤީޤަތުގައި ވަރަށް ފުން ޙަޤީޤަތްތަކެއް އެއިން ރަމްޒުކޮށްދީފައިވާ ޢަމަލެކެވެ.

ޙަޤީޤަތަކީ މިޒަމާނުގެ ކޮންމެ ދައުލަތެއްވެސް “މިނިވަން” ކަމުގެ ވާހަކަ ދައްކާއިރު އެ މިނިވަންކަން ފޮރުވިފައިވާ އަޅުވެތިކަމަކާއިއެކު މެނުވީ ލިބިފައި ނުވާކަމެވެ. އަދި ޑިމޮކުރެސީގެ ނަމުގައި ރައްޔިތުންގެ އަތުން ވޯޓު ހޯދުމަށްފަހު އެ މަޤާމަކަށް ހޮވޭ ރައީސެއްވިޔަސް ނޫނީ މެންބަރެއްވިޔަސް އޭނާގެ ޢަމަލުތައް އެއަށްފަހު އަދާކުރަނީ ވަކިބައެއްގެ ނުފޫޒާއި ރުހުމުގެ މައްޗަށްކަމެވެ. އަދި ޢާންމުގެ އިހްސާސުތަކާއި މަސްލަހަތަށް ބެލުމަކީ “އެބޭފުޅުންގެ” އެޖެންޑާއިން އައު އިންތިޚާބާއި ގާތްވުމާއި ހަމައަށް ފޮހެވިފައިވާ ކަމެއްކަމެވެ.

މިގޮތުން މިނިވަން ކަމާއެކު، އެންމެ ފުރަތަމަ މި ބިލް ހުށަހެޅުމުގައި މަޙްލޫފު ވަރަށް ހަރުދަނާ ވާހަކަތަކެއް ބަޔާންކޮށްފައިވެއެވެ: އެއީ 16 އަހަރުން ދަރިވަރުން ސުކޫލު ނިންމުމަށްފަހު “ބޮޑު މީހަކަށް” ވުމާއި ދެމެދު 2 އަހަރު ދުވަސް އޮތުމުން، އެދެމެދުގައި އިތުރު ތަޢުލީމަށް ފުރުސަތުލިބޭ ކުދިންނަކީ މަދުބައެއް ކަމަށްވެފައި، ބޮޑުބައިގަނޑު “މަގުމައްޗަށް ނިކުމެ ކުށުގެ މާހައުލަށް” ތަޢާރަފުވާތީ ކަމަށެވެ. އަދި ކިޔެވުމުގެ އިތުރުން (އެހެނިހެން) ފުރުސަތުތައް އެ އުމުރުގެ ކުދިންނަށް ހުޅުވާލުމަށްޓަކައެވެ.[1]

މިބަޔާންކުރެވުނު ނުޤުތާތަކަށް ބަލާއިރު މިއީ ވަރަށް ޒިންމާދާރު އަދި ހަރުދަނާ ވާހަކައެއްކަން ފާޅުވެއެވެ. އެހެނީ މިބުނެވުނު އުމުރުފުރައިގެ ޒުވާނުންގެ ބޮޑުބަޔަކީ ދުނިޔެވީ ސިސްޓަމުގެ މަތީ ތަޢުލީމުން ކުރިއަށް ނުދާ ބައެއްކަމުގައި ވެފައި، އެފަދަ ޒުވާނުންނަށް ތަފާތު ދާއިރާތަކުން “ބޮޑު މީހެއް” ގެ ގޮތުގައި ވަޒީފާ ދާއިރާތަށް ހުޅިވިގެން ދިއުމަކީ، އެ ކުދިންނާއި މުޖުތަމަޢުއަށްވެސް އޭގެ ލާބަ ފޯރާނޭކަމެވެ. އަދި މިގޮތަށް ބަދަލު ކުރެވުނަސް މަތީ ތަޢްލީމު ޙާޞިލްކުރަން ބޭނުންވާ ފަރާތްތަކަކަށް އެކަމުގެ ފުރުސަތު މަޖުބޫރުކަމެއް ނެތި އޮތުމަކީ ޙަޤީޤަތުގައި މިފުރައިގެ ކުދިންގެ “ރައިޓްސް” ތައް އެންމެ ފުރިހަމަ ގޮތުގައި ދެވުމެވެ. އެއީ އެ ޒުވާނުންނަށް ކުރިއަށް ދިއުމުގެ މަގުތަކަށް މިނިވަންކަމާއެކު އިޚްތިޔާރު ދިނުމެވެ.

ނަމަވެސް މަޙްލޫފުކައިރީ މި ދެޖަމްޢިއްޔާގެ މެންބަރުން “ކަންބޮޑުވުން” ފާޅުކުރުމަށްފަހު މިއިސްލާޙު ގެންދިއުމާމެދު ދިން ބަޔާނުގައި “ކުށްކުރަނީ 300 އާއި 400 ދެމެދު މަދު” ކުއްޖެއް ކަމަށްވެފައި، އޭގެ ސަބަބުން މުޅި އުމުރުފުރާ އެއްކޮށް ބަދަލުކުރުމުން ހުރިހާ ކުދިންނަށް “ގެއްލުން” ލިބުމުގެ ފުރުސަތު އޮތްކަމަށް ބުންޏެވެ.[2]

ޙަޤީޤަތުގައި މިއީ ކުރީގެ ބަޔާނަށް ބަލާއިރު ހަމަނުޖެހޭ ބުނުމެކެވެ. މަޙުލޫފު ކުރިން ދީފައިވާ ބަޔާނުގައި ބަޔާން ކޮށްފައިވަނީ ކުށްކުރުމުގެ ސަބަބެވެ: އެއީ މުޖުތަމައުގައި “ހުސް ވަޤުތު” ލިބިފައިވާ ކުދިން ގިނަވުމެވެ. އަދި އެކަމަށްޓަކައި ގެނައި އިޞްލާޙެއްކަމެވެ. އެހެންކަމުން މިހާރު ތިބި ކުށްކުރާ ކުދިންގެ ގިނަ ނޫނީ މަދު އަދަދެއް އެކަމަކާއި ގުޅުމެއްނެތެވެ.

މިއާޚިލާފަށް ޙަޤީޤަތަކީ އަޅުގަނޑުވެސް ކުރިން ބަޔާންކުރި ފަދައިން އެކަމުގައި އެކުދިންނާއި މުޖުތަމަޢުއަށް ބޮޑެތި ފައިދާތަކެއް ލިބޭނޭކަމެވެ. އަދި އެ ޒުވާނުން ކުށްތަކުން ދުރުކުރެވޭނޭ އިޞްލާހެކެވެ. އެހެނަސް މަޙްލޫފު މިހާރު ހުށަހަޅާފައިވާ އިސްލާޙަކީ ހަމައެކަނި ކުށްކޮށްފި ޒުވާނަކަށް އަދަބު ދެވޭނޭ ގޮތެއް ހެދުމާ މެދުގައެވެ.

އަހަރެމެންގެ ޒުވާނުންނަށް އަދަބު ދިނުމަކީ އަހަރެމެންގެ މަޤްޞަދެއްކަމުގައި ހެދުމަކީ ވަރަށް ނުބައި އަނިއާއެކެވެ. މުޖުތަމަޢުއަށް ހެވެއް އެދޭބައެއްނަމަ، އެންމެ ފުރަތަމަވެސް ބަލާނީ އެފަދަ ކުށެއްގެ ކުރިން އެފަދަ ޒުވާނުން އިސްލާޙު ކުރެވޭނޭ މަގުތަކަށެވެ. އެހެނަސް ވަކި ބައެއްގެ ނުފޫޒުގެ ދަށުން މިވަނީ މިފަދަ ހެއޮ އިސްލާޙުތައް ގެނައުން ހުއްޓުވިފައެވެ. އަދި އެއަށް ސަބަބު ތަކެއްވެސް އެބަހުއްޓެވެ.

މިގޮތުން މަހުލޫފާއި މި “ބައްދަލު” ކުރި ފަރާތްތަކަށް ނަޒަރުހިންގާލުން މުހިއްމެވެ. ފުރަތަމައީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސޭ ކިޔާ “މިނިވަން” އިދާރާއެވެ. ހަވީރުގައިވާ ނޫސް ރިޕޯރޓުގައި ވާގޮތުގެ މަތީން އެ ކޮމިޝަނުން މިކަމާއި މަހުލޫފާއި މަޝްވަރާ ކުރީ “މިފަދަ އިސްލާހަކާއި ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ވާހަކަދެކެވި، މިކަމުގައި ކޮމިޝަނުން ކަންބޮޑުވާ ކަންތައްތަކާ މެދު” ގައެވެ.

މިއިން ދޭހަވަނީ މި އެންމެހާ “މިނިވަން” ކަމެއްގެ އިދާރާއަކީ ޙަޤީޤަތުގައި ދިވެހި ރާއްޖޭގެ ހެވަކަށްވުރެ ބޮޑަށް “އެހެން ބައެއް” ގެ މަޞްލަހަތާއި ރުހުމަށް ބަލާ ބައެއްކަމެވެ. މިބައިމީހުންގެ ލަނޑުދަނޑިއަކީ އަހަރެމެންގެ މަޞްލަޙަތު އިސްލާޙު ކުރުމަށްވުރެ އެހެން ބާރަކުން އަތުވެދާނެ “ގޮންޖެހުން” ތަކެކެވެ. މިނިވަންކަމަކީ ﷲގެ އަޅުވެތިކަމާއި ޚިލާފަށް ކުރެވޭނޭ ކަމެއް ކުރުމެވެ. އަދި އަޅުވެތިވުމާއި ކުއްތަންވެ ބިރުވެތިވުން މިވަނީ “އެހެން” ބާރުތަކަކަށެވެ. އެހިނދު މިނިވަންކަމީ ނެތް އެއްޗެކެވެ. އަޅުގަނޑު އަޖައިބުވަނީ މިފަދަ ބައެއްގެ ނިންމުންތަކަށް ޤަދަރުކުރާ “ދިވެހިން” ތިބޭތީއެވެ.

މި ކައުންސިލުން މިކުރި ޢަމަލަކީ ދިވެހިންގެ ފައިދާއަށް ވިސްނުމެއްނެތި އެއްވެސް ދުރާލާ ވިސްނުމާއި ދިރާސާއެއްގެ މައްޗަށް ކޮށްފައިނުވާ، ޢުދުވާނެއްކަން މިކުޑަކުޑަ ދިރާސާގައި އަޅުގަނޑު، ބަޔާން ކޮށްދެވޭތޯބަލާނަމެވެ.

މިކަމުގައި ފޮރުވިފައިވާ “ބަސްތަކަކީ” ކުޑަކުދިންގެ ޙައްޤުކަމުގައި ބުނެ، 16 އަހަރުން ކައިވެނި ކުރަން ފެށުމުގެ ބިރާއި މިކަނޑައެޅިފައިވާ “ކިޔެވުމުގެ” ނިޒާމުގެ މައްޗަށް އެފަދަ ޒުވާނުންނަށް ބޮޑު އިޚްތިޔާރީއެއް ލިބުމެވެ. މިއީ ޔުނިސެފާއި މިބުނެވުނު “މިނިވަން” ވަކިބައެއްގެ ޙައްޤުތައް ހޯދައިދޭ ޖަމާޢަތުގެ އެންމެ ބޮޑު ބިރެވެ.



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 12 އޭޕްރީލް 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.