ތަޥްޙީދާއި ޝިރްކު
ޝާއިޢުކުރީ: އަބޫ ދުޖާނާ

އެންމެހައި ހަމްދުޘަނާއެއް ހައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އަހަރެމެން އެއިލާހަށް ހަމްދުކުރަމެވެ. އަދި އަހަރެމެން އެހީތެރިކަމަށާއި ފާފަފުއްސެވުމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުންނެވެ. އަދި ޝައިތާނާގެ ފަރާތުންނާއި އަހަރެމެންގެ ނަފުސްތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުންނެވެ. އަދި ﷲ ތަޢާލާ ތެދުމަގު ދައްކަވައިފި މީހަކު މަގު ފުރައްދަވާނޭ މީހަކު ނުވޭ. އަދި ﷲ ތަޢާލާ މަގުފުރައްދައިފި މީހަކަށް ތެދުމަގު ދައްކަވާނޭ މީހަކުވެސް ނުވެއެވެ. އެހެންކަމުން އެއިލާހު ފިޔަވައި އެހެން އެއްވެސް އިލާހަކު އަދި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް އަޅުހެކިވަން އަދި މުހައްމަދުގެ ފާނަކީ ﷲގެ ރަސޫލާ އަދި ނަބިއްޔާކަމަށްވެސް އަޅު ހެކިވަމެވެ.

ކަލިމައިގެ މާނަ: ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤު އެހެން ފަރާތެއް ނުވެއެވެ. އަދި ހަމައެފަދައިން، ﷲ ފިޔަވައި އެހެން ފަރާތްތަކުން އިލާހުވަންތަކަން ނަފީކުރުމާއިއެކު، ﷲ އަށް އެކަނި އިލާހުވަންތަކަން ޘާބިތު ކުރުމެވެ. شيخ الإسلام ابن تيمية (رحمه الله) ވިދާޅުވިއެވެ: [ﷲ އަށް ލޯބިވެތިވުމުން މެނުވީ ހިތަށް އުފާވެރިކަމާއި ލައްޛަތެއް ނުލިބޭނެއެވެ. އަދި (އެހެންމެ) އެއިލާހު ލޯބިވެވޮޑިގަންނަވާ ކަންތައްތަކާއި ކައިރިވުމުންނެވެ. އެއިލާހު ފަދައިން ލޯބިވެތިވާ އެހެން ހުރިހާ ފަރާތްތަކެއްގެ ކިބައިން އެނބުރިގަނެގެން މެނުވީ، އެއިލާހަށް ލޯބިވެތިވުން ޙާޞިލްކުރުމަކީ ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އަދި (لا إله إلا الله ގެ) ޙަޤީޤަތަކީ މިއީއެވެ. އަދި ﷲގެ ޚަލީލް އިބްރާހީމް (عليه السلام) ގެ މިއްލަތަކީވެސް މިއީއެވެ. އަދި ﷲގެ ޞަލަވާތާއި ސަލާމްލެއްވެވި އެންމެހާ ނަބިއްޔުންނާއި ރަސޫލުންގެ މިއްލަތަކީވެސް މިއީއެވެ.]

العلامة ابن القيم (رحمه الله) ވިދާޅުވިއެވެ: ”ތައުޙީދަކީ ﷲ ފިޔަވައި އެހެން ޚާލިޤެއް ނުވާކަމަށާއި، އަދި ﷲ އީ އެންމެހާ ތަކެއްޗެއްގެ ވެރިރައްބު އަދި ވެރިރަސްކަލާނގެކަމަށް، އަޅާ އިޤުރާރުވާ އިޤުރާރުވުން އެކަންޏެއް ނޫނެވެ. ބުދުތަކަށް އަޅުކަންކުރަމުން ދިޔަމީހުން ވެސް، މުޝްރިކުންކަމުގައިވާ ޙާލު މިކަންކަމަށް އިޤުރާރުވިއެވެ. ޝައްކެއްނެތް ގޮތުގައި! ތައުޙީދު އެކުލަވާލެވިފައިވަނީ ﷲ އަށް ލޯބިވުމާއި، އެއިލާހަށް ކިޔަމަންތެރިވުމާއި، އެއިލާހުގެ ކުރިމަތީގައި ނިކަމެތިވުމާއި، އެއިލާހަށް ފުރިހަމަގޮތުގައި ކިޔަންމަތެރިވެ ބޯލެނބުމާއި، އެއިލާހަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމާއި، އަދި ހުރިހާ ބަސްތަކެއްގައްޔާއި ޢަމަލުތަކެއްގައި، އަދި މުއްބާރުކުރުމުގައްޔާއި އަތްހުޅުވާލުމުގައި، އަދި ލޯބިވުމުގައްޔާއި ރުޅިއައުމުގައި އެއިލާހުގެ މަތިވެރި ވަޖްހުފުޅު އަދައިގެން ކުރުމުގެ މައްޗަށެވެ.

الموالاة (އެހީތެރިވުން) ގެ އަޞްލަކީ ލޯތްބެވެ. އަދި المعاداة (ޢަދާވާތްތެރިކަން) ގެ އަޞްލަކީ ރުޅިއެވެ. ހިތްތަކާއި ގުނަވަންތައް ޙަރަކާތްތެރިވަނީ މި ދެކަމުގެ ސަބަބުންނެވެ. الموالاة ގެ ސަބަބުން ނުޞްރަތް ދިނުމާއި، އެކުވެރިވެ އޯގާވެރިވުމާއި، އެހީތެރިކަން ފޯރުކޮށްދިނުން ފަދަކަންކަން ޙަޤީޤަތަކަށް ވެދެއެވެ. އަދި المعاداة ގެ ސަބަބުން ޖިހާދުކުރުމާއި، ހިޖުރަކުރުން ފަދަ ކަންކަން ޙަޤީޤަތަކަށް ވެދެއެވެ. (އައްރިސާލަތުލް މުފީދާ – ޝައިޚް ޢަބްދުއްލަޠީފް އާލުއްޝައިޚް)

ޝާއިޢުކުރީ: އުއްމު ޢީޝަލް

ދަންނާށެވެ! رسول الله صلى الله عليه وسلم، އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ތައުޙީދަށެވެ. އަދި الله سبحانه وتعالى ގެ މަގު، ޙައްޤުވެގެންވާ މަގު ހޯދާމީހަކަށްވާ ފުރަތަމަ މަރުޙަލާއަކީ ވެސް އެއީ އެވެ. އެހެންކަމުން އިސްލާމް ވާން ބޭނުން މީހާ އެންމެ ފުރަތަމަ ވެސް ދެނެގަންނަންވީ ތައުޙީދެވެ. އަދި އިސްލާމް ދީނަށް ގޮވައިލާ މީހާގެވެސް އެންމެ އިސްވާޖިބަކީ އެއީއެވެ. الله سبحانه وتعالى، ފޮނުއްވި ރަސޫލުންގެ ވެސް ޢަމަލުތަށް ބެހެއްޓެވީ އެގޮތުގެ މަތިންނެވެ. އެބޭބޭކަލުންގެ ވިދާޅުވަމުން ގެންދެވިއެވެ. ”ތިޔަބައިމީހުން ﷲ ތަޢާލާއަށް އަޅުކަން ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“

« ފެށުން ފަހަތަށް 1 2 3 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 3)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.