شيخ الإسلام ابن تيمية (رحمه الله)


އެންމެހައި ހަމްދުޘަނާއެއް ހައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އަހަރެމެން އެއިލާހަށް ހަމްދުކުރަމެވެ. އަދި އަހަރެމެން އެހީތެރިކަމަށާއި ފާފަފުއްސެވުމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުންނެވެ. އަދި ޝައިތާނާގެ ފަރާތުންނާއި އަހަރެމެންގެ ނަފުސްތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުންނެވެ. އަދި ﷲ ތަޢާލާ ތެދުމަގު ދައްކަވައިފި މީހަކު މަގު ފުރައްދަވާނޭ މީހަކު ނުވޭ. އަދި ﷲ ތަޢާލާ މަގުފުރައްދައިފި މީހަކަށް ތެދުމަގު ދައްކަވާނޭ މީހަކުވެސް ނުވެއެވެ. އެހެންކަމުން އެއިލާހު ފިޔަވައި އެހެން އެއްވެސް އިލާހަކު އަދި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް އަޅުހެކިވަން އަދި މުހައްމަދުގެ ފާނަކީ ﷲގެ ރަސޫލާ އަދި ނަބިއްޔާކަމަށްވެސް އަޅު ހެކިވަމެވެ.



ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله) މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: وَالَّذِينَ لا يَشْهَدُونَ الزُّورَ “އަދި ނުބައިކަންކަމަށް (ބާޠިލަށް) ހެކިނުވާ މިހުންނެވެ.” (އަލްފުރްޤާން:72) މުޝްރިކުންގެ ޢީދުތަކަށް ބަލާއިރު، އެ ޢީދުތައްވަނީ އެކުލެވިފައިވަނީ ޝުބުހަތަކާއި، ޝަހުވާނީ އެދުންތަކަކާއި ބާޠިލުގެ މައްޗަށެވެ. އެކަންކަމުގައި ދީނީގޮތުން މަންފާކުރާ އެއްވެސްކަމެއް ނުވެއެވެ. އަދި އަވަސްއަރުވާލައި ހޯދަމުންދާ ލައްޛަތުތައް ނިމިގެންދަނީ ވޭނެއްގައެވެ. އެހެންކަމުން، އެއީ ނުބައިކަންކަން ކަމުގައިވެއެވެ. އަދި އެކަމަށް ހެކިވުމުގެ މާނައަކީ، އެކަންކަމުގައި ބައިވެރިވުމެވެ.



އެމީހެއްގެ ނަފްސަށް ހެޔޮކަން ބޮޑީ މީސްތަކުންނާއި ވަކިވެގަނެގެން އުޅުންތޯ ނުވަތަ މީސްތަކުންނާއި އެކުވެރިވެގެން އުޅުންހެއްޔެވެ؟

ޖަވާބު: މިމައްސަލައަކީ މީސްތަކުން އެކަމަކާއި މެދުގައި އެއްކޮށް ނުވަތަ އޭގެ އެއްބައިގައި ތަފާތު ތަކެއް ގެންގުޅުނު ކަމެއް ކަމުގައި ވިޔަސް އެކަމުގެ ޙަޤީޤަތަކީ، މީސްތަކުންނާއި އެކުވެ އުޅުން އެއީ ބައެއްފަހަރު ވާޖިބު އަދި ބައެއް ފަހަރު އެދެވިގެންވާ ކަމެއް ކަމެވެ. ހަމަ އެ ނަފްސަށް ބައެއް ފަހަރު މީސްތަކުންނާއި އެކުވެ އުޅުމަށް އަމުރުވެވިގެންވެއެވެ. އަދި އަނެއްބައި ޙާލަތްތަކުގައި އޭނާގެ ނަފްސު މީސްތަކުންނާއި އެކަހެރިކޮށްގެން އުޅުމަށް އަމުރުވެވިގެންވެއެވެ.



”ދީނާއި ޝަރީޢަތުގެ ގޮތުން ނަބިއްޔާ (صلى الله عليه وسلم) ގެންނެވި ކަންތައްތައް ފޯރުކޮށްދީ އަދި ހެކިތަކާއި މުޢުޖިޒާތްތަކުގެ ގޮތުން އެކަލޭގެފާނުގެ އެކަންތައްތަކާއިގެން ވަޑައިގެންނެވި ކަންތައްތައް ފޯރުކޮށްދިން މީހުން، މޫސާ (عليه السلام) އާއި ޢީސާ (عليه السلام) ގެންނެވި ކަންތައްތައް ފޯރުކޮށްދިން މީހުންނަށް ވުރެ މަތިވެރިއެވެ. ހަމައެއާއިއެކު، ނަބިއްޔާ (صلى الله عليه وسلم) އެކަންތައްތަކާއި ވަޑައިގެންނެވި ކަންތައްތަކަކީ، މޫސާ (عليه السلام) އާއި ޢީސާ (عليه السلام) އެކަންތައްތަކާއިގެން ވަޑައިގެންނެވި ކަންތައްތަކަށް ވުރެ މަތިވެރި ކަންތައްތަކެވެ. ޙަޤީޤަތުގައި ހުޅުވިފައިވާ ސިކުނޑިއަކާއި އެކު، މިއަދުގެ މުސްލިމުންގެ ކިބައިގައިވާ ފައިދާހުރި ޢިލްމާއި ޞާލިޙް ޢަމަލުތަކާއި އަދި ނަޞާރާއިންނާއި ޔަހޫދީންގެ ކިބައިގައިވާ ކަންތައްތަކާއި އަޅާކިޔައިފި ނަމަ އެނގިގެންދާނީ މުސްލިމުންނާއި އަނެއް ދެބައިމީހުންގެ ދެމެދުގައި ވަރަށް ބޮޑު ފަރަޤުކަމެއް ވާތަނެވެ.



”ﷲ ތަޢާލާ، އިންސާނާ އާއި އެހެނިހެން ވައްތަރުގެ މަޚްލޫޤުން އުފެއްދެވީ ފިޠުރީ ގޮތުން އެއްވައްތަރުގެ މަޚްލޫޤުން އެކަތި އަނެކައްޗާއި މުޢާމަލާތު ކުރެވޭ ގޮތަށެވެ. މި މަޚްލޫޤުން، އެކަތި އަނެކައްޗާއި ގާތްވީ ވަރަކުން އެތަކެތި އެކަތި އަނެކައްޗާއި މުޢާމަލާތު ކުރުން އިތުރުވެ އަދި އުޅުމާއި ސިފަތަކުގެ ގޮތުން އެކަތި އަނެކައްޗާއި އެއްގޮތްވާނެއެވެ. މިގޮތަށް އެއްގޮތްވުމުގައި، އެތަކެތި އެއްގޮތްވަނީ އެތަކީގެ ޖިސްމާނީ ސިފަތަކުން މެނުވީ ވަކިނުކުރެވޭ މިންވަރަށެވެ.

« ފެށުން ފަހަތަށް 1 2 3 4 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 4)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.