01 ޖުލައި 2011 (ހުކުރު)

"ހުކުރު ޚުޠުބާގައި ތަޅުއެޅުވިފައި"

ޝާއިޢުކުރީ: މުސާފިރް
ހިމެނޭ ބައި: ޢާއްމު ލިޔުން
 
(7 ރޭޓް)

ކީރިތި ﷲ ތިޔަ އަޚުންނާއި އުޚުތުންނަށް އަޅުގަނޑުގެ މުރާދުން ފައިދާކުރުވަނިވި ބުއްދިއެއް ދެއްވުން އެދި ދުޢާ ކުރަމެއެވެ.

އަހަރުމެން އެންމެން ޤަބޫލުކުރާ ޙަޤީޤަތެއް ވެއެވެ. އެއީ ޖަލްސާއެއްގައި ޕޯޑިއަމް ކައިރިއަށް ހުއްޓި ހުރެ މީސްތަކުންނާއި މުޚާޠަބު ކުރާ މީހާ، މުޚާޠަބު ކުރަމުންދާއިރު އެންމެންނަށް ފެންނަ ގޮތަށް ކަރުދާހެއް ބަލައިގެން އޭގައިވާ އެއްޗެހި ތަކެއް ކޮށިކޮށިކޮށް މަށަމަށައިގެން ކިޔަމުން ދާނަމަ ތިއިން އެއް އަޚަކުވެސް އުޚްތަކުވެސް އެތާނގައި އެޖަލްސާގައި އިނުމަކަށް ޤަޞްދެއް ނުކުރާނެއެވެ. ބަލާނީ ކޮންމެވެސް ފައިދާ ހުރި އެހެން ކަމެއް ކުރުމަށްޓަކައި ވަގުތު ސަލާމަތް ކުރުމުގެ ގޮތުން އެތަނުން ސަލާމަތް ވެވޭތޯނޫންތޯއެވެ؟ ސަބަބަކީ އެމީހާ އެކިޔަނީ އެއްޗެއް ބަލައިގެންކަމުންނެވެ. އޭގައި އެއްވެސް ޝައުޤުވެރިކަމެއް ނެތީމައެވެ. އެމީހާ އެކިޔަނީ މީހަކު ލިޔުނު ޢިބާރާތެއް އެލިޔުނު ގޮތަށްކަމުންނެވެ. އެހެން ވެއްޖެއްޔާ އެލިޔުނު އަޞްލު މީހާ ކޮބައިތޯއެވެ؟

އާނއެކެވެ. މިދައްކަނީ އަހަރުމެންގެ ވެރިންގެ ކުރިމަތީގައި އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ހިތައި، އެހެން ނަމަވެސް މުއުމިނުންނަށް އެއެއްޗަކުން ފުރިގެންވާ ބަރަކާތްތެރި ހުކުރު ޚުތުބާގެ ވާހަކައެވެ. އެޚުޠުބާގެ ބަރަކާތްތެރި ކަމާއި އިތުރުކަމާއި ދެވިފައިފާ ޢިއްޒަތުގެ މިންވަރު ވިސްނާލާށެއެވެ. ޚުޠުބާ ކިޔަމުން ދާއިރު މީހަކު ވާހަކަ ދެއްކުން އެއީ ޙަރާމް ކަމެކެވެ. އަދި މީހަކު ވާހަކަ ދައްކާތީ އޭނާ ކައިރީގައި ހަނު އިންނާށޭ ބުނަން ބޭނުންވެގެންވެސް އެއްޗެއް ބުނުންވެސް ވަނީ ޙަރާމް ވެގެންނެއެވެ. އަޚުންނޭވެ! އެއީ ބަރަކާތް ތެރި ހުކުރު ޚުޠުބާއަށް އިސްލާމްދީން ދިން ލޯތްބާއި ޤަދަރާއި އަހަންމިއްޔަތެވެ. ވީއިރު އަޚުންނޭވެ! އަހަރުމެން އެއްފަހަރު ނަމަވެސް ވިސްނާލަން ނުވޭތޯއެވެ؟ އަހަރުމެންނަށް ވަނީ އަހަރުމެންގެ ތެރޭގައި އެއިރެއްގައި ޖެހިފައިވާ އެންމެއް ބޮޑު މައްސަލަތަކެއް ހޯދައިގެން އެ ކަންކަމުގެ ޙައްލު ހޯދާ މުސްލިމުންނަށް ޢިބްރަތުން ފުރިގެންވާ އަގުހުރި ވަގުތު ކޮޅަކަށް އެ ޚުޠުބާ ހެދުމަށްޓަކައި، ވަރުގަދަ ހަތިޔާރަކަށް ހެދުމަށް އިސްލާމްދީން މަގުދައްކައިދީފައެވެ. ފަހަރެއްގައިވެސް މީހުން ޚުޠުބާގެ މަތިން ފޫހިކުރުވާނީ ކިހިނަކުންކަން ހޯދައިގެން އެގޮތަށް މަސައްކަތް ކުރުމެއް ނޫނެއެވެ.

ދެން ސުވާލެއް ކޮށްލާނަމެވެ. ތިކިޔާ “ފަރަންޖީނުންގެ ޑިމޮކްރަސީ” ޤަބޫލުކުރާ މީހުން އެކި ޕާޓީޕާޓީއަށް ޖާނުން ފިދާވާންތިބެ، ޖަލްސާތަކުގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ އިރު އެއްޗެއް ބަލައިގެން ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ ޖަވާބު ވަރަށް ޞަރީޚައެވެ. ޔަޤީނެވެ. އެފަދަ މީހެއްގެ އެއްވެސް މަޤްބޫލުކަމެއް ނޯންނާނެއެވެ. އަދި އެދައްކާ ވާހަކަ ތަކެއް މީހުން ޤަބޫލެއް ނުކުރާތާނގައި މަޑު މަޑުން އެތަނަކުން މީހުން ނިކުމެ ނިކުމެ ހުސްވާނީއެވެ. އެހެން ސުވާލެއްވެސް ކޮށްލާހިތްވެއެވެ. ތިކިޔާ ” ރާއްޖޭގެ ޑިމޮކްރަސީނުންގެ ވެރިން” ރަށްރަށުގެ މައްސަލަތައް ޙައްލުކުރުމަށްޓަކާ ދަތުރު ކުރަމުން ދާއިރު، ހުރިހާ ރަށަކަށް ގޮސް ހަމަ އެއްވާހަކައެއް އެއްވެސް ލަފުޒަކަށް، ފިއްޔަކަށް، ބަދަލެއް ނުގެނެސް ވާހަކަ ދައްކާ ހެއްޔެވެ؟ ޖަވާބު ނިކަން ފަސޭހައެވެ. އެގޮތަކަށް ނުދައްކާނެއެވެ. ސަބަބަކީ ހުރިހާ ރަށެއްގައި ސީދާ ދިމާވާނީ އެއް މައްސަލައެއް ނޫންކަމުން ބުއްދިއެއް ހުރި މީހެއް އެގޮތަށް ވާހަކަ ނުދައްކާނެތީއެވެ.

އަޚުންނާއި އުޚްތުންނޭވެ! ވިސްނާލާކަށް ނުވޭ ހެއްޔެވެ؟ މިރާއްޖޭގައި މިވާ ޑިމޮކްރަސީގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ތަނެއްގައި ބޭނުން އިރަކަށް ބޭނުން އެއްޗެއް ކިޔުމުން އެއީ “އޯކޭ” ކަމެކެއެވެ. އެހެން ނަމަވެސް ހުކުރު ދުވަހުގައި ހުކުރު ކުރާއިރު ވަރުގަދަ ދަރުސަކަށް އަގުހުރި ނަޞޭޙަތަކަށް ބޭނުންތެރި ފިލާވަޅަކަށް ޚުޠުބާ ވެދާނެކަމަށްޓަކައި އެމީހުން ބިރުގަތެވެ. އެކަމަށް އެމީހުން ހުރަސް އަޅައެވެ. ނަބަވީ އިރުޝާދުން ދަލީލު ނަންގަވައިގެން ރަސޫލު صلى الله عليه وسلم އަންގަވާފައިވާ ގޮތަށް ހުކުރު ޚުތުބާތައް ބިނާވެގެން ގޮސްދާނެތީ އެ ބައިގަނޑު ކިތަންމެހާވެސް ބިރުގަނެއެވެ.

އެމީހުންގެ ބަހުރުވައިންނަމަ އޭގެ ސަބަބުން އުފެދިދާނެ ފިތުނަ އަކަށްޓަކައި ނުވަތަ މަޞްލަޙަތު ގޯސްވެދާނެ ކަމަށް ބުނެ މިބައިގަޑު ޚުތުބާތައް ފާސްކުރަނީ އެމީހުން ބޭނުން ގޮތަކަށެވެ. އެމީހުންގެ މުށުތެރެއަށްލާ ފިއްތާލައެވެ. އެމީހުން ޖަހާ ތައްގަނޑު ތެރެއަށްލާ ބާރު ކޮށްލައެވެ. ސުވާލަކީ ބާޠިލު ފާސިޤު ލަޢްނަތް ލިބިގެންވާ މުޑުދާރު ފަރަންޖީނުންގެ ޑިމޮކްރަސީގެ ދަށުން ބޭނުން މީހަކަށް ބޭނުން ޕޯޑިއަމް އެއްގައި ބޭނުން އެއްޗެއް ކިޔައިގެން ނުއުފެދޭ ފިތުނައެއް ނުވަތަ ގޯސްނުވާނޭ މަޞްލަޙަތެއް، އިސްލާމްދީނުގައި ވާގޮތަށް ހުކުރު ޚުޠުބާ ކިޔުމަކުން އުފެދޭނެ ހެއްޔެވެ؟ ހަމަހިލާ އެހެނަކުން ނުވާނެއެވެ. %100 ގެރެންޓީއެވެ. އަދިކިއެއް އެއީ ޝައިޠާނާގެ ބަހެވެ.

އެމީހުންގެ ބޭނުމަކީ އަހަރުމެންގެ ޢަޤީދާ ބަލިކަށި ކޮށްލުމެވެ. ފުނޑު ފުނޑު ކޮށްލުމެވެ. ﷲ ގެ ކަލިމަ މަތިވެރި ކުރުމަށް ކުރާ މަސައްކަތް އެއީ އެބައިގަނޑު ރުހޭ ކަމެއް ނޫނެވެ. އަހަރުމެން ކުށްކުރުން ހުއްޓާލުމަކަށް އެބައިގަނޑު ނޭނދެއެވެ. އެހެންނަމަ ﷲ ގެ ގެކޮޅުގައި ﷲ ގެ އަމުރުފުޅަށް ކިޔާ ހުކުރު ޚުޠުބާއަށް އެބައިގަނޑު ބާރުނުފޯރުވީސްކަން ކަށަވަރެވެ. ފިޠުނަ އުފެދިދާނޭ ކިޔައިގެން އެމީހުންގެ ޚާއްޞަ ހުއްދައެއް ލިބިގެން މެނުވީ ކުރާކަމަކަށް ނުހެދީސްކަން ކަށަވަރެވެ. އެބައިގަނޑުގެ ބޭނުން ކިތެންމެހާވެސް ސާފެވެ. އެއީ އެބައިގަނޑު ﷲ ގެ ނޫރު މިބިންމަތީގައި ފާޅުވެދާނެތީ އަތްއަޅާ ނިއްވާލުމަށް ކުރާ މަސައްކަތެއް ނޫން ދެވަނަ ކަމެއްނޫނެވެ. އެހެންނޫންނަމަ ކޮންމެ ރަށެއްގައި ނުވަތަ އަތޮޅަކަށް ނުވަތަ އެބަޔަކަށް ދިމާވެގެން އުޅޭ މައްސަލަތަކެއްގެ ޙައްލު ޚުޠުބާއިން ނުދެވޭންވީ ސަބަބެއް އެބައޮތްތޯއެވެ. އެކި ކަންކޮޅުތަކުގައި އެކިއެކި ބޮޑެތި، މުޖްރިމުން ބިރުވެރި ނުރައްކާތެރިކަން އޭގެ އިންތިހާއަށް ގޮސްފައިވާ ފާފަތަކުން ފޯވެފަ ތިބޭއިރު، އެއިން ވާހަކައެއް ޛިކުރުކޮށްލުމެއްނެތި ތިމާވެއްޓަށް ގެއްލުން ލިބިދާނެތީ، ދޮންމީހުން އައުން މަދުވެދާނެތީ، “ޕްލާސްޓިކް ކޮތަޅު ކަނޑަށް ނުއުކާށޭ” ބުނެ ރާއްޖޭގެ ހުރިހާ ޚަޠީބުން ހުރިހާ މިސްކިތެއްގައި ނުގޮވީސްކަން ކަށަވަރެވެ.

މިއީ ކޮންކަމެއްތޯއެވެ؟ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ޖަލްސާތަކުގައި ޕޯޑިއަމް ތަކުގައި، އެކި ގޮތްގޮތަށް، ﷲ ނަހީ ކުރެއްވިހާ ގޮތްގޮތަށް ވާހަކަ ދައްކާފައި، ﷲ ގެ ގެކޮޅުގައި ހުކުރު ޚުޠުބާ ކިޔުމަށް ވަކި ގޮތަކަށް ކިޔުމަށް ބާރުއަޅާ ބިރުދެއްކި އެވެ. އަމިއްލަ ޚުޠުބާއެއް މީހެއް ކިޔައިފިނަމަ ބިރުން އަވަހަށް ޝައިޠާނާގެ ވަސްވާހަށް ހެއްލި މައްކާގެ މުޝްރިކުންހެން ހޯހޯ ގޮވަމުން ފާސްތަކާ ހުއްދަތައް ހިފަހައްޓާ ބާޠިލް ކުރެއެވެ. މިއީ އިސްލާމީ ޝަރީޢަތެއް ނެތް ތަނެއްގައި އިޞްލާޙުގެ އެއްވެސް ދޮރެއް ހުޅުވިގެން ނުދާނޭ ކަމުގެ އަލިގަދަ ދަލީލެކެވެ. އެހެން ނަމަވެސް އޭ ޑިމޮކްރަސީނުންނެވެ. ވަތަކުތޯ ޖެހޭނީ އަހަރުމެން ނިކަން ހުރެ ބަލާނަމެވެ. ކަލޭމެންތީ ފިނޑި، މަރަށް ބިރުން ދުވާ ބައިގަނޑެކެވެ. ހަނދާނުން ފުހެ ނުލާށެވެ! ނަރަކަ އަކީ ﷲ އަށް ކާފިރުވެ އެސއިލާހުގެ ޝަރީޢަތަށް ނުރުހުނު މީހުންނަށް އެންމެ އަވަހަށް ދާން އޮތް ތަންކަން ދަންނާށެވެ! އެތަނުން އިސްތިޤްބާލުކުރާނީ މުގުރުބުރި ތަކުގެ ވެރި ގަދަފަދަ މަލާއިކަތުންކަމާއި މެދަކު އެއްވެސް ޝައްކެތް ވަހުމެއް ނެތެވެ.

ﷲ ވަޙީ ކުރައްވާފައި ވެއެވެ.

“يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ “

“(އެއުރެން އެދެނީ، ﷲ ގެ ނޫރު ފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައި ވިޔަސް ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަ ކުރައްވާހުއްޓެއެވެ.”( سورة الصف 8

މަޞްދަރު: ލިޔުންތެރިޔާ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 01 ޖުލައި 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+4 #1 މުޙައްމަދު ވަޙީދު 2011-07-02 14:52
ހުކުރު ޚުތުބާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކިޔުމަށް ޢިލްމުގެ އަހުލުވެރިންނާ ޙަވާލުކުރުމަކީ، އެންމެ ފުރިހަމަގޮތް. ލިޔުންތެރިޔާ ވިދާޅުވިގޮތައް ހުކުރުޚުތުބާ ބަލައިގެން ކިޔުމަކީ ވަރަށް ބޯހަމަނުޖެހޭގޮތެއް
ޚިޔާލެއް!
 
 
+7 #2 އައްޔަ 2011-07-03 10:06
މި ކަންކަމަށް ހައްލު ހޯދުމަށް މަސްއްކަތް ފަށަމާ ހިނގާ….ގިނަ ރައްޔިތުން ނަށް މިކަހަލަ ކަންތައް ތައް އިނގޭނެ ގޮތައް އާންމު ކުރަމާހިނގާ..މިކަހަލަ ލިޔުމެއް ކިޔާލާނީ މަދުބައެއް…
ޚިޔާލެއް!
 
 
+3 #3 އަލީ އިބްރާހިމް 2011-07-03 11:33
މުޙައްމަދު ވަޙީދުގެ ބަހަށް މަވެސް ތާއިދު.
ޚިޔާލެއް!
 
 
+2 #4 އިއްބެ 2011-07-04 20:18
ވަރަށް ފުރިހަމަ އާރޓިކަލްއެއް. އެމީހުން ހުކުރު ހުތުބާ އަށް އަތްގަދަކޮށްފައޮތް ވަރު، މިދިޔަ ހުކުރު ހުތުބާގައިވެސް ޔަރުމޫކު ހަނގުރާމައިގައި 3 ސަހާބީން ޝަހީދުވިވާހަކަވެސް މިވެރިން ބަދަލު ކޮށްފަ އިނީ އަވަހާރަވީކަމަށް. މިވެރިން ސަހާބީންވެސް ޝަހީދުވިވާކަބުނަން ބިރުގަންނަނީ ދޯ. ހަމަމިވެސް އުފެދިދާނެ ފިތުނަޔަކަށް ބަލާފަބާ.. ދެން ކީކޭ ބުނާނީ.. ބޯހަލާލު
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.