06 ޖުލައި 2011 (ބުދަ)

ނަރަކައިގެ ހޫނުކަމާއި، ފިނިގަދަކަން

ޝާއިޢުކުރީ: މުސާފިރް
ހިމެނޭ ބައި: ދީނީ ލިޔުން (ނަކަލް)
 
(3 ރޭޓް)

މާތް الله سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ. “فَرِحَ الْمُخَلَّفُونَ بِمَقْعَدِهِمْ خِلَافَ رَسُولِ اللَّهِ وَكَرِهُوا أَنْ يُجَاهِدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ وَقَالُوا لَا تَنْفِرُوا فِي الْحَرِّ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا لَوْ كَانُوا يَفْقَهُونَ “ (ސޫރަތުއް ތައުބާ 81)

މާނައީ: “ފަސްޖެހުނު މީހުން، ﷲގެ ރަސޫލާއާ ޚިލާފަށް ހަނގުރާމައަށް ނުގޮސް ތިބިތިބުމަށް އުފާކުޅައޫއެވެ. އަދި ﷲ ގެ މަގުގައި، އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދު ކުޅައުމަށް އެއުރެން ނުރުހުންވޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ! ކަލޭގެފާނު ވިދާޅުވާށެއެވެ! ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދައެވެ. އެއުރެންނަށް (އެކަން) ވިސްނޭކަމުގައި ވާނަމައެވެ.”

މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު، ގިނަގިނައިން ވިދާޅުވާކަމުގައި އަލްއިމާމުއް ތިރްމިޛީ ރިވާ ކުރައްވާފައިވެއެވެ.

“أَكْثِرُوْ ذِكْرَ النَّارِ، فَإِنَّ حَرَّهَا شَدِيْدٌ، وَإِنَّ قَعْرَهَا بَعِيْدٌ، وَإِنَّ مَقَامِعَهَا حَدِيْدٌ.”
މާނައީ: “ތިޔަބައިމީހުން ނަރަކައިގެ މަތިން ގިނަގިނައިން ހަނދުމަކުރާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެތާނގެ ހޫނަކީ ގަދަހޫނެކެވެ. އަދި ހަމަކަށަވަރުން އެތާނގެ ތިލަވަތްގާ ވަރަށް ދުރެވެ. (އެބަހީ: ނަރަކައަކީ ވަރަށް ފުންތަނެކެވެ.) އަދި ހަމަކަށަވަރުން އެތާނގެ އަސާތައް (އެބަހީ: މީހުންގައިގާ ތެޅުމަށް ބޭނުންކުރެވޭ ލަޓިތައް) ވަނީ ދަގަނޑުންނެވެ.”

ނަރަކައިގެ ހޫނުގެ ގަދަކަމާއި، އެތާނގެ އަލިފާނުގެ އެންދުމުގެ ގަދަފަދަކަން ހާމަކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

“سَأُصْلِيهِ سَقَرَ (26) وَمَا أَدْرَاكَ مَا سَقَرُ (27) لَا تُبْقِي وَلَا تَذَرُ (28) لَوَّاحَةٌ لِلْبَشَرِ (29)”
މާނައީ: “ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ވައްދަވާހުށީމެވެ.(26) އެނަރަކައަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟(27) އެނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.(28) ގައިގެ ހަމާއި، މަހާއި ކަށިތައްވެސް އަންދައިލައެވެ. އެތެރެހަށީގައިވާ ގުނަވަންތައްވެސް އަންދައިލައެވެ. އަދި ހިތުތެރެއަށް ތޮރުފިގަނެއެވެ.(29)”

އައްޞަޙީޙައިންގައި (އެބަހީ: ޞަޙީޙުލް ބުޚާރީއާއި ޞަޙީޙުލް މުސްލިމު) މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އާދަމުގެ ދަރިން އަންދަން ބޭނުންކުރާ ތިޔަބައިމީހުންގެ މިއަލިފާނަކީ، ނަރަކައިގެ އަލިފާނުގެ ހަތްދިހަބައިކުޅަ އެއްބައިގެ ހޫނުކަންހުރި އަލިފާނެއެވެ.” އަޞްޙާބުން ދެންނެވިއެވެ. ﷲ ގަންދެއްވައި ދަންނަވަމެވެ. (މި) އަލިފާނަކީ (ބަޔަކުހަލާކުކުރުމަށް) ފުދޭވަރުގެ (ހޫނުގަދަ) އެއްޗެކެވެ. އޭ ﷲ ގެ ރަސޫލާއެވެ! صلى الله عليه وسلم އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ އަލިފާންވަނީ (އެބަހީ: ނަރަކައިގެ އަލިފާންވަނީ) މި އަލިފާނުގެ މައްޗަށް (އެބަހީ: ދުނިޔޭގައި ގެންގުޅޭ) އަލިފާނުގެ މައްޗަށް ފަސްދޮޅަސް ނުވަބައި އިތުރު ކުރެވިގެންނެވެ. އެއިން ކޮންމެ ބަޔަކީ، ދުނިޔޭގެ އަލިފާނުގެ ހޫނެކޭ އެއްފަދަބަޔަކެވެ.”

ނަރަކައިގެ ޢަޛާބުގެ ބާވަތްތަކުގެ ތެރޭގައި ގަދަފިނީގެ ޢަޛާބުވެސް ވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“ނަރަކަ އޭގެ ވެރިރަސްކަލާނގެއަށް ޝަކުވާދެންނެވިއެވެ. ފަހެ ނަރަކަ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅާގެ(ހޫނުގަދަވެ) އެއްބައި އަނެއްބައެއް ކައި، ހަލާކުކޮށްފިއެވެ. ފަހެ، ނަރަކައަށް ދެނޭވާލުމަށް އެކަލާނގެ ހުއްދަ ދެއްވިއެވެ. (އެއީ) ފިނިމޫސުމުގައި ނޭވާއަކާއި، ހޫނުމޫސުމުގައި ނޭވާއެކެވެ. ފަހެ (ހޫނުމޫސުމަށް) ތިޔަބައިމީހުންދެކޭ އެންމެގަދަ ހޫނަކީ، އެއިގެ (އެބަހީ:ނަރަކައިގެ) ހޫނުގެ ތެރެއިންވާ ކަމެކެވެ. އަދި (ފިނިމޫސުމަށް ތިޔަބައިމީހުންދެކޭ އެންމެގަދަ ފިންޏަކީ، އެއިގެ (އެބަހީ:ނަރަކައިގެ) ގަދަ ފިނީގެތެރެއިންވާ ކަމެކެވެ.”

މަޞްދަރު: އަޙްމަދު ފާރޫޤު މުޙައްމަދު ތަރުޖަމާކޮށް ލިޔެފައިވާ “ނަރަކަ” ސަލާމަތްވާންބޭނުމީ ކާކުހެއްޔެވެ؟ މިފޮތުގެ “ނަރަކައިގެ ހޫނުކަމާއި، ފިނިގަދަކަން” މިމަޒްމޫނުން ނަކަލް ކުރެވިފައި. .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 06 ޖުލައި 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.