11 ޖުލައި 2011 (ހޯމަ)

ޖަންނަތުގެ އެންމެ ބޮޑު ނިޢުމަތް

ޝާއިޢުކުރީ: އަބޫ ދުޖާނާ
 
(2 ރޭޓް)

އަބޫ ސަޢީދުލް ޚުދުރީ (رضى الله عنه)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ.

ޖަންނަތުގެ އަހުލުވެރިންނަށް ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “އޭ ޖަންނަތުގެ އަޙުލުވެރިންނޭވެ!” އެބައިމީހުން ބުނާނެއެވެ. “ތިޔައިލާހަށް އަހަރެމެން އިޖާބަދެމެވެ. އޭ އަޅަމެންގެ ރައްބެވެ! އަދި ތިޔައިލާހުގެ ބާއްޖަވެރިކަމާއެވެ. އަދި ހުރިހާ ހެވެއްވަނީ ތިޔަ އިލާހުގެ އަތްޕުޅުމަތީގައެވެ.” އެބައިމީހުންނަށް ﷲ سبحانه وتعالى ވަޙީކުރައްވާނެތެވެ. “ކަލޭމެން ރުހިއްޖައިން ހެއްޔެވެ؟” އެބައިމީހުން ދަންނަވާނެއެވެ. “އޭ އަޅަމެންގެ ވެރި ރައްބެވެ! އަޅަމެން ނުރުހެންވީ ކީއްވެގެން ތޯއެވެ؟ ހަމަކަށަވަރުން ތިޔައިލާހުގެ މަޚުލޫޤުންގެ ތެރެއިން އެކަކަށްވެސް ނުދެއްވާފަދަ (ނިޢުމަތްތަށް) އަޅަމެންނަށް ދެއްވައިފިއެވެ.” ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ތިމަން ﷲ މިއަށްވުރެ މާބޮޑަށް މާތް އެއްޗެއް ނުދެއްވަންވީ ހެއްޔެވެ؟” އެބައިމީހުން ބުނާނެއެވެ. “މިއަށްވުރެ ވަކި މާތްވާނީ ފަހެ ކޮން އެއްޗެއްހެއްޔެވެ؟” ﷲ سبحانه وتعالى ވަޙީ ކުރައްވާނެތެވެ. “ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲގެ ރުހުން ހަލާލުކޮށްފީމެވެ. ފަހެ ތިމަން ﷲ ތިޔަބައިމީހުންގެ މައްޗަށް ދުވަހަކުވެސް ކޯފާއެއް ނުކުރައްވާނަމެވެ.” (ބުޚާރީ: 5649، މުސްލިމް: 7140).

ހަޤީގަތުގައި އިންސާނާ ދުނިޔޭގައި އުޅުމުގެ މަޤުސަދަކީ ﷲ ތަޢާލާގެ ރުހުން ހާޞިލްކުރުމެވެ. އެހެންކަމުން ﷲ ތަޢާލާގެ ރުހުން ހާޞިލްވެއްޖެނަމަ، އެމީހަކަށް އެމީހެއްގެ ބޭނުން ހާޞިލްވީއެވެ. ޖައްނަތުގެ އަހުލުވެރިންނަށް ﷲ ތަޢާލާ ދެއްވާ އެންމެ ބޯޑު ނިޢުމަތަކީ އެއިލާހުގެ ޒާތު ފުޅު ފެނުމެވެ. އެދުވަހަކުން ޖައްނަތުގެ އަހުލުވެރިންނަށް ﷲ ތަޢާލާގެ ޒާތުފުޅު ފެނިގެންދާނެކަން އަހަރެމެންގެ މާތް ނަބީއްޔާވަނީ އަހަރެމެންނަށް އަންގަވާފައެވެ.

ޝުވައިބް (رضى الله عنه)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. “ޖަންނަތުގެ އަހުލުވެރިން ޖަންނަތަށް ވަނުމަށްފަހު، އެބައިމީހުންނަށް ﷲ سبحانه وتعالى ވަޙީ ކުރައްވާނެތެވެ. “ތިޔަބައިމީހުން އިތުރުކަމަކަށް އެދެން ހެއްޔެވެ؟” އެބައިމީހުން ބުނާނެއެވެ. “ތިޔަ އިލާހު އަހަރެމެންގެ މޫނުތަށް އައްޔެއް ނުކުރައްވަން ހެއްޔެވެ؟ އަދި އަހަރެމެން ޖަންނަތަށް ނުވައްދަވަން ހެއްޔެވެ؟ އަދި އަހަރެމެން ޖަހަންނަމައިން ސަލާމަތެއް ނުކުރައްވަމު ހެއްޔެވެ؟” ދެން ﷲ سبحانه وتعالى އެއިލާހުގެ ހިޖާބުފުޅު ކަހާ ލައްވާނެއެވެ. އަދި އެބައިމީހުންނަށް ދެން އެންމެ ލޮބުވެތި ކަމަކަށްވާނީ އެއިލާހާއި ދިމާލަށް ބަލަންތިބުމެވެ.” (މުސްލިމް: 449)

މަޞްދަރު: ލިޔުންތެރިޔާ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 11 ޖުލައި 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.