17 ޖޫން 2011 (ހުކުރު)

ތަތާރުންނާއި މުސްލިމުން

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން
ތަޤްސީމް:
 
(1 ރޭޓް)

މުސްލިމުންނަށް މިއަދު ކުރިމަތި ވެފައިވާ ކަންތައްތަކަށް ބަލައިލުމުން ހަނދާން ވަނީ ހިޖުރައިން 6 ވަނަ ޤަރުނުގައި (މީލާދީން 13 ވަނަ ޤަރުނު) މުސްލިމުންނަށް ކުރިމަތިވީ ބިރުވެރި ކަންތައްތަކެއެވެ. ތަތާރުންގެ ފައުޖުތައް މުސްލިމުންގެ ބިންތަކަށް ގަދަވެ ފެތުރިގެން ދިޔައީ ހިކި ދަރުގަނޑެއް ގައި ހުޅުހިފީމަ އަނދާހާ ބާރުމިނުގައެވެ. ސަމަރުޤަންދުން ނިޝާޕޫރާހަމައަށް، ބުޚާރާއިން ބަޣްދާދާއިހަމައަށް، ތަންތަން ސުންނާފަތި ކުރަމުން ލޫޓުވަމުން އެބައިމީހުން އައީ ދުނިޔެ ދުވަހަކުވެސް ދެކެފައިވާނުވާހާ ހަލުވިކަމާއި އެކުގައެވެ. އެލެގްޒެންޑަރ ދަ ގްރޭޓް އޭކިއުނު ވަރުގަދަ ރަސްގެފާނުވެސް ދުނިޔޭގެ އެކިއެކި ހިސާބުތައް ހިފާ އަތްދަށުލުމަށް ވިއްސަކަށް އަހަރުނެގިއެވެ. ނަމަވެސް ތަތާރުން މިދެންނެވި ފަދައިން މުޅިދުނިޔޭގައި ފެތުރިގެންނަން އަހަރެއްވެސް ނުނަގައެވެ. އެމީހުން ރަށްތައް ހަލާކުކުރަމުން ރަށްރަށުގެ އަހުލުވެރީން މަރާހުސްކުރަމުން އައިއިރު އެއްވެސް ބަޔަކަށް އެބައިމީހުން ހުއްޓުވާލެވޭނެ ކަމަކަށް މީހުންނުދެކެއެވެ. މުސްލިމުންގެ ހިތްވަރުއެލި ބިރުގަނެފައިތިބީ ލަދުގަންނަންޖެހޭ ދަރަޖައަކަށެއެވެ. އާދެ މިހާރުގެ ގިނަ މުސްލިމުން ފަދައިންނެއެވެ.

ތާރީޚު ޢިލްމުވެރިއެއްކަމަށްވާ އިބްނު ކަޘީރު އެދުވަސްވަރުގެ ވާހަކަ ބަޔާން ކުރައްވަމުން ލިޔުއްވާފައި ވެއެވެ. “އަހަރެން އެދުވަސްވަރުގެ ވާހަކަތައް ނުދައްކާ ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މުސްލިމުންނަށް ޖެހުނު ބިކަހާލާއި ލިބުނު ނިކަމެތިކަން ބަޔާން ކުރަން ފަސޭހަވާނީ ކާކަށް ހެއްޔެއެވެ؟ މުސްލިމުން އަމިއްލައަށް ނިކަމެތި ވެގަނެފައިވަނީ ކޮންފަދަ ދަރަޖައަކަށް ހެއްޔެވެ؟ ތަތާރުންގެ އަންހެނަކު ގެއަކަށް ވަދެ އެގޭގައިތިބި ހުރިހާ މީހުން މަރާފައި ނިކުމެގެން ދިޔައެވެ. އެބައިމީހުންނަށް އެއީ އަންހެނެއްކަން ފިރިހެނެއްކަންވެސް ނޭނގުނެއެވެ. އިސްޖަހައިލައިގެން ތިބީއެވެ. އަދި ތަތާރުންގެ ފިރިހެނަކު މަގެއްގެ މައްޗަށް ނިކުމެ އެމަގުގައި ތިބިހާ ބަޔަކު މެރިއެވެ. އޭރު އެމަގުގައި ސަތޭކައެއްހާ މުސްލިމް ފިރިހެނުން ތިބިކަމަށް ވެއެވެ. އަމިއްލަ ދިފާޢުގައި އަތް އުފުލާލާން ކެރުނު މީހަކު ހުރިކަމަކަށް ނުވިއެވެ.” އަދިވެސް އެހެން ޙާދިޘާއެކެވެ. މުސްލިމަކު ހައްޔަރުކޮށްގެން އުޅުނު ތަތާރުންގެ މީހެކެވެ. އޭނާ އެމުސްލިމްމީހާ ޤަތުލުކުރާނެ ހަތިޔާރެއް ހޯދާ ހޯދާ އަތަކު ނުޖެހުނެވެ. “ކަލޭ ތިމަންނަ އަންނަންދެން މިގާގަޑުމަތީ ބޯއަޅާލައިގެން އޮންނާށޭ” ބުނެފައި ގޮސް ކަނޑިއެއް ހިފައިގެން އައިސް އެމީހާގެ ކަރުބުރިކޮށްލަންދެން އެމުސްލިމްމީހާ ބިރުން “ކިޔަމަންތެރި” ކަމާއިއެކު ބޭއްވިގޮތަށް އޮތެވެ. ނިކަމެތިވެގަތުމުގެ އިންތިހާއެއް ނޫންތޯއެވެ؟ މިހާރު މިއުޅޭ ގިނަ މުސްލިމުންނަށް ނަޒަރެއް ހިންގާލިއަސް ގިނައިން ފެންނަނީ މިކަހަލަ “ކިޔަމަންތެރީން” ނެވެ. ޢަމަލީ މައިދާނުގެ ކިޔަމަންތެރީންނެވެ. ފިކުރީމައިދާނުގެ ކިޔަމަންތެރީންނެވެ. އަމިއްލަ ދީނަށާއި އެދީނުގެ އަހުލުވެރީންނަށް ދެރަބަސް ބުނެ، ލިޔެ، އެގޮތަށް ޢަމަލުކުރާ ކިޔަމަން ތެރީންނެވެ.

ތަތާރުންގެ ދުވަސްވަރު ހަލާކޫޚާންގެ ދަށުން އިރާނާއި ޢިރާޤް ހިފިއިރު މުސްލިމް ޚަލީފާޔާމެދު ކަންތައްކުރި އިހާނެތި ގޮތްފެނި އެމީހުންގެ އެންމެ މުހިންމު އެއްކޮމާންޑަރު ކަމުގައިވާ ބްރޭކް ޚާން (އެއިރު ހުންނެވީ އިސްލާމް ވެ ވަޑައިގެންއެވެ.) އޭނާގެ ލަޝްކަރާއިގެން ބަޣްދާދުން ނިކުމެވަޑައިގަތެވެ. މިއަދުގެ މުސްލިމް ޤައުމުކަށް މިފަދަ ކަމެއް ކުރާން ކެރިދާނެ ބާވައެވެ. ވަރަށް ދުރުކަމެކެވެ. އެދުވަސްވަރު ތަތާރުންނަކީވެސް ހުއްޓުވިދާނެ ބަލިކުރެވިދާނެ ބައެކަމަށް މުސްލިމުންނަށް ވިސްނެންފެށީވެސް މިޞްރުގެ މާމުލުކުން ތަތާރުންނާއި ހަނގުރާމަކޮށް ބަލިކުރުމުންނެވެ. އޭގެ ކުރީން އެއީ “ކުރިމަތި ނުލެވޭނެ” ބާރެކެއެވެ.

މީ އޭގެ 8 ޤަރުނު ފަހެވެ.(2002 ނޮވެމްބަރ އާ ހަމައަށް) އެކާވީސް ވަނަ ޤަރުނުގެ ތަތާރުން ގެ ނާމަންކަން މިވަނީ މުސްލިމް އުއްމަތާ ކުރިމަތިވެފައެވެ. އެމީހުންނާއި އެމީހުންގެ އެހީތެރީންގެ ބައިގަނޑުތައް އަނެއްކާވެސް މިވަނީ ބަޣްދާދުގެ ދޮރޯށިތަކާއި ހަމައަށް ފޯރާފައެވެ. މިހާރު އޮތް ހަމައެކަނި ސުވާލަކީ މިބައިގަނޑު އަރައިގަންނާނީ ކޮންއިރަކުންތޯއެވެ. ނުވަތަ އަރައިގަންނާނެތޯ ނޫނީ ނޫންތޯއެއްނޫނެވެ. ދުނިޔޭގެ އެހެންޤައުމުތަކަށް ބިރުދައްކަމުން ބަޣްދާދު ސުންނާފަތި ކޮށްލާނޭކަމަށް ބުނަމުން އައިސް އަހަރުމެންގެ އަޚުންނާއި އުޚުތުން ކަތިލާތަން އަހަރުމެންނަށް މިހާރު ފެންނަން ފަށައިފިއެވެ. އާ މަންޒަރުތަކެއް ނޫނެވެ. މިމަންޒަރުތައް ފެންނަތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ކަޝްމީރުންނެވެ. ފަލަސްޠީނުންނެވެ. ފިލިޕީންސް އިންނާއި ޗައިނާއިންނެވެ. ޝީޝާން އިންނާއި ބޮސްނިޔާ އިންނެވެ. އަދިވެސް އެތައް ޤައުމަކުންނެވެ. ބައެއް ޤައުމުތަކުގައި “މިޒަމާނުގެ ތަތާރުން” އަރައިގަނެ އަނިޔާވެރިކަން ފަތުރައިގެންނެވެ. އަނެއް ޤައުމުތަކުގައި މިބައިމީހުންގެ ބެލުމުގެ ދަށުން ވެރިކަން ޙަވާލުކުރެވިފައިވާ މީހުން މެދުވެރިކޮށެވެ.

ޚުދު މުސްލިމުންގެ މެދުގައިވެސް “ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި” އެހެން މިހެން ހަދައިފިއޭ ލިޔެ ހަދައެވެ. މިއީ ހުޅަނގުގެ މީހުން އަޅުގަނޑުމެންގެ ކަރުބުޑަށް ލަވާ ޚަބަރުތައް ހުރިގޮތަށް މީސްތަކުންގެ ތެރޭގައި ހޮޑަށް ލެވެނީކަމެއް ވިސްނައެއް ނުލައެވެ. މިގޮތަށް މަސައްކަތް ކުރާ މީޑިޔާ އަކަށް “ރިޕޯރޓިންގް” އެކޭ ނުކިޔޭނެއެވެ. އެއަށް ކިޔޭނީ “ރިޕީޓިންގް” މިހެންނެވެ. އަދި މިފަދައިން މީޑިޔާގެ މައިދާނުގައި މަސައްކަތް ކުރާ މީހުންނަށް “ރިޕޯރޓަރުން” ނެކޭ ނުކިޔޭނެއެވެ. އެއީ ބަޔަކު ބުނާހާއެއްޗެއް ފަތުރާ “ރިޕީޓަރުންނެވެ.”

ދެން މުސްލިމުން “ކިޔަމަންތެރިކަން” މިއަދާ ކުރަނީ ކިހާ ޙިކްމަތްތެރިއަކަށްތޯ ބަލާލަމާހެވެ. ޢިރާޤަށް ހަމަލާދޭން ތިއުޅެނީ ކީއްވެހޭ ސުވާލުކުރުމުން އެކި ޒާތްޒާތުގެ ވާހަކަ ދައްކާނިންމާލަމުން މިޒަމާނުގެ ތަތާރުންގެ ބޮޑުސަރުދާރު ވަރަށް އަސަރާއިއެކު ބުނީ ކީކޭ ކަމަށްތޯއެވެ؟ “އޭނާ އަހަރެންގެ ބައްޕަވެސް މަރާލާން އުޅުނެވެ.” މިއީ ޤައުމެއްގެ ވެރިއަކު އެހެން ޤައުމަކަށް ޙަމަލާދީ ސުންނާފަތިކޮށްލަން ތިއުޅެނީ ކީއްވެހޭ އެހުމުން ދިން ޖަވާބެކެވެ. ނަމަވެސް މުސްލިމުންގެ ބަހަކީ ކޮބައިތޯއެވެ. ބައިނަލް އަޤްވާމީ އެންމެ ބޮޑު އިސްލާމުންގެ ޖަމާޢަތުން ބުނަނީ ޢިރާޤަށް ދޭންއުޅޭ ޙަމަލާއަށް ތަރުޙީބު ދެވެން ނެތްކަން ހިތާމަޔާއިއެކު ފާހަގަ ކުރާ ކަމަށެވެ. އާދެ، އެހެން ގޮތަކަށް ބުނަނީނަމަ އަހަރެމެން މި ތިބީ ކަލޭމެން ކޮންމެ ކަމެއް ކުރިއަސް ތަރުޙީބު ދޭން ތައްޔާރަށެވެ. އެހެން ނަމަވެސް މިހާރު ތިޔަކުރަން އުޅޭ ކަންތަކަށް މީސްތަކުންގެ ނުރުހުން ލިބޭލެއް ބޮޑުކަމުން ތަރުޙީބުދެވެންނެތް ވާހަކަ ހިތާމަޔާއި އެކު ފާހަގަ ކުރަމުއެވެ.

ބަޣްދާދަށް ތަތާރުން އެރިއިރުކަން ހިނގި ގޮތުގެ ވާހަކަ ތާރީޚު ޢިލްމުވެރީންނަށް ލިޔަން އުނދަގޫވީ، ކަމުގެ ލަދުވެތިކަމާއި، މުސްލިމުން ނިކަމެތިވެގަތްލެއް ބޮޑުކަމުންނެވެ. މިހެން ކަމަށް ވީއިރު 20 ވަނަ އަދި 21 ވަނަ ޤަރުނުގެ މުސްލިމުންނާއި މެދު ލިޔާނީ ކީކޭތޯއެވެ؟ އަންނަން އޮތްޖީލުތަކުގެ ދަރީންގެ މަލާމާތް އެންމެ ބޮޑަށް ރައްދުވާނެ އެއްބަޔަކީ އަޅުގަނޑުމެން ކަމުގައި ނުވާނެ އެއްވެސް ސަބަބެއް ނެތެވެ. އަމިއްލަ ދީނަށް ނަޞްރުދޭން ނޭނގުނުތާ އަމިއްލަ އަބުރުވެސް ހިފަހައްޓަން ނޭނގުނު ބައެއްގެ ގޮތުގައި ލިޔެވޭނެ ކަމީ ނުވެ ނުދާނެ ކަމެކެވެ. އެހެނީ މިއަދު ކިތަންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް މިކަމުގެ ޙަޤީޤަތެއް ނުފޮރުވޭނެއެވެ.

ހަނދާން ކުރަންވީ ކަމަކީ ކަންތައް މިކުރާ ގޮތުން މުސްލިމުންނަށް ލަދު ހުތުރު ރައްދުވިޔަސް އެއީ އިސްލާމް ދީނަށް ކުޑަވެސް އުނިކަމެއް އަންނަ ކަމެއްނޫންކަމެވެ. މި ދީން ދެމި އޮންނާނެއެވެ. ވެއްޔާއި މޮޑެވިގެން ދާނީ މިދީނަށް އުޅޭން ނުކެރުނު ފިނޑީންނެވެ. ތަތާރުންނަށް ވީކިހިނެތްތޯއެވެ؟ އެބައިމީހުން މުސްލިމުންގެ ރަށްތަކާއި ގެދޮރު ސުންނާފަތިކޮށް އަންހެނުން އަޅުވެތިކޮށްގެން އުޅުމުގެ ތެރޭގައި އިސްލާމްދީނުގެ ނޫރު އެބައިމީހުންގެ ހިތްތަކަށް ވަދެ އިސްލާމީ ދަންމަރު ހިފައިގެން އެބައިމީހުން ތެދުވީއެވެ. ތެދުމަގު ފެނުމަށްފަހު ހިތްވަރާއިއެކު އެކަން ޤަބޫލުކޮށް އެއަށް ޢަމަލުކުރަން ފެށީއެވެ. ހިދާޔަތަކީ މިކަހަލަ އެއްޗެކެވެ. އެއަށް އެކަށޭނެ މީހުން އޭގެ ސަބަބުން ޢިއްޒަތްތެރި ވެއެވެ.

އަދި އެއަށް ފުރަގަސްދިން މީސްތަކުންގެ ފަރާތުން ޢިއްޒަތް ހޯދަން މަސައްކަތް ކުރާމީހުން ނިކަމެތިވެ މަލާމާތް ރައްދުވާ ބަޔަކަށް ވެދެއެވެ. މިޙާލަތުގައި އަޅުގަނޑުމެން ބަލަންވީ އިސްލާމްދީނަށް އުޅޭ އެދީނަށް ކެރިތިބެގެން ނަޞްރުދޭ ކަމުގައި ވެވޭތޯއެވެ. ޙަޤީޤީ ޢިއްޒަތް ލިބޭނީ އޭރުންނެވެ. ކިޔަމަންތެރިކަން އަދާކުރަންވީ ފަރާތަށް ކިޔަމަން ތެރިކަން އަދާކުރެވޭ ބަޔަކު ކަމުގައި ވާނީ އޭރުންނެވެ.

މަޞްދަރު: ޑރ. އިބްރާހީމް ޝިހާމް / 2002 ނޮވެމްބަރ ދަރުމަ (ތަތާރުންނާއި މުސްލިމުން … މިއަދުގެ ޙާލު) އިން ނަކަލު ކުރެވި ކުދިކުދި ބަދަލުތަކާއިއެކު، އަޞްލު ބައްލަވާލެއްވުމަށް (ދަރުމަ 2002 ގެ ނޮވެމްބަރގައި) .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 17 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.