05 ޖޫން 2011 (އާދީއްތަ)

ހުޅަނގުން އިސްލާމްދީނުގެ އިރު އަރަނީއެވެ.

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން
 
(3 ރޭޓް)

ސެޕްޓެމްބަރ 11 ވަނަ ދުވަހު ޙާދިޘާގެ ފަހުން ހުޅަނގުން ޤައުމު ތަކުގައި އިސްލާމް ދީނަށް ވަންނަ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރު ވެއްޖެއެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ އިގިރޭސި ވިލާތުގެ ކަމުވޮށި ވެގެންވާ ޢާއިލާ ތަކުގެ ޒުވާނުންނެވެ. މުއްސަނދި އިނގިރޭސި ޢާއިލާއެއްގެ އަންހެން ކުއްޖެއް ކަމުގައިވާ އެލިޒަބަތު އަކީ ޕޮލިޓީކަލް ސައިންސްގެ ރޮގުން ޑިގްރީ ހޯދާފައިވާ ޒުވާނެކެވެ. އޭނާ ބުނާ ގޮތުގައި އޭނާ އަޅަން ބޭޏުންވީ ފިޔަވަޅު، އެބެހީ އިސްލާމްދީނަށް ވަނުމަށް ހިތުގައި މުޅީން ކަނޑައެޅި ޔަޤީންކަން އުފެދުނީ މީގެ ދުވަސްކޮޅެއް ކުރިން މިޞްރަށް ކުރި ދަތުރެއްގައި ޠޫރުސީނާ ފަރުބަދަ މަތީގައި އިރު އަރާ މަންޒަރު ބަލާން ހުއްޓެއެވެ. އަދި މިދިޔަ ހުކުރު ދުވަހު ލަންޑަންގެ އެލިޒަބަތު އިސްލާމްވިއެވެ. އޭނާ މިފިޔަވަޅު އެޅީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި އޭނާ ބުންޏެވެ. “އެއީ ކީއްވެގެންކަން ބުނެދޭކަށް އަހަރެންނަކަށް ނޭނގެއެވެ. މިއީ އަލަތު ލޯތްބެއް ފަދަ ކަމެކެވެ. ﷲގެ ރަޙްމަތްފުޅެވެ.

ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ޙާދިޘާ ކުރިމަތިވީ އެލިޒަބަތު ކީރިތި ޤުރުއާން މުޠާލަޢާ ކޮށް އިސްލާމްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިޙާދިޘާއާއި އަދި އެއާއި ވިދިގެން އުފެދުނު އިސްލާމްދީނާއި ދެކޮޅު އޮއިވަރަށް އެލިޒަބަތު ދަތުރު ކުރަމުން އައި މިސްރާބު ބަދަލުކޮށެއް ނުލެވުނެވެ. “ޓެރަރިޒަމަކީ ނުބައި ކަމެކެވެ. ނަމަވެސް މީހުން ހުޅަނގު ދެކެ ރުޅިއަންނަންޖެހޭ ސަބަބުތަކަށްވެސް ވިންނަން ޖެހޭނެއެވެ.” އެލިޒަބަތު ބުނެއެވެ. ޔޫރަޕާއި އެމެރިކާގައި އިސްލާމްވާ މީހުންގެ ޢަދަދު ސެޕްޓެމްބަރ 11 ވަނަ ދުވަހަށްފަހު ކުއްލިއަކަށް އިތުރު ވެއްޖެއެވެ. ހޮލެންޑުގެ އިސްލާމީ މަރުކަޒަކުން ނެރެފައިވާ ޚަބަރުގައި ބުނާގޮތުން އެ މަރުކަޒުގައި އިސްލާމްވާ މީހުންގެ ޢަދަދު 10 ގުނައަށް ވަނީ އިތުރުވެފައެވެ. އިނގިރޭސި ވިލާތުގެ ލީސެސްޓަރގައި ހުންނަ މަރުކަޒަކުން ބުނާގޮތުގައި އަލަށް އިސްލާމްވާން ބޭނުންވާ މީހުން މެދުކެނޑުމެއް ނެތި އަންނަ ފަށައިފިއެވެ. މި މަރުކަޒު ހިންގަނީވެސް ނަޞާރާ ދީނުން އިސްލާމްދީނަށް ވަދެފައިވާ މީހެކެވެ. މިބައިމީހުންނަކީ އެހެނިހެން ދީންތަކުގެ މައްޗަށް އިސްލާމްދީން އިޚްތިޔާރު ކުރި ބައެކެވެ. އަދި މިއިޚްތިޔާރުގެ ސަބަބުން އެމީހުންގެ އަމިއްލަ ޢާއިލާ ތަކާއި ރައްޓެހިންނާއި ގުޅުން ކެނޑޭގޮތް ވެއެވެ. އެހެނީ މުސްލިމަކަށް ވުމަށްފަހު އެމީހުންނަކީ ނަޞާރާއިން ނުވަތަ ކްރިސްޓިއަނުންނާއި މުޅިން ތަފާތު ބައެކެވެ. އެމީހުން ފަސް ވަގުތު ނަމާދު ކުރާނެއެވެ. ރަމަޟާން މަހު ރޯދަ ހިފާނެއެވެ.

މަރުވުމުގެ ކުރީން އެމީހުންގެ މުޤައްދަސް ބިމަށް (އެބަހީ:މާތްވެގެންވާ މައްކާއަށް) ޙައްޖަށް ދާން އުއްމީދު ކުރާނެއެވެ. އެމީހުން ރަލެއް ނުބޯނެއެވެ. އަދި އޫރު މަހެއްވެސް ނުމެ ކާނޭމެއެވެ. އަދި ކްރިސްޓިއަން އަންހެނުންނާއި ޚިލާފަށް އެމީހުންގެ އަންހެނުން އުޅޭނީ ދީނުގައި ވާގޮތަށް ޢައުރަ ނިވާ ކޮށްގެންނެވެ. އަދި އެމީހުންގެ މޮބައިލް ފޯނުތަކަށް ޖަވާބުދޭނީ “السلام عليكم” މިދުޢާ ކުރަމުންނެވެ. ކެމްޕްރިޖް ޔުނިވަރސިޓީގެ ގްރެޖްއޭޓެއް ކަމުގައިވާ ލުސީ ބުނި ގޮތުގައި އޭނާ އިސްލާމްދީން މުޠާލަޢާ ކުރާން ފެށީ އެދީނަށް ނުނިޔަތް ލައިގެން އެދީނަކީ މިޒަމާނާ ނުގުޅޭ ދީނެއްކަން ހާމަ ކުރުމުގައި މަޤްޞަދުގައެވެ. ނަމަވެސް ކިޔެވި ކިޔެވިހެން އެދީނުގައިވާ ހަމަ ބުއްދިއާއި ތަޢާރުޒް ނުވާ އުޞޫލުތައް ފާޅުވާން ފަށައިފިއެވެ. އަދި ދަގައްފާނާއި ދިމާއަށް ދަގަނޑު ދަމާ ފަދައިން އޭނާ އިސްލާމް ދީނާއި ގާތަށް އަންނަން ފެށިއެވެ.

އަޙްމަދު ޑޮބްސަންއަކީ އިނގިރޭސި ވިލާތުގައި ކުރީގެ ލޭބަރ މިނިސްޓަރ ފްރޭންކް ޑޮބްސަންގެ ދަރިކަލެކެވެ. އޭނާ ވިދާޅުވާ ގޮތުން އިސްލާމްދީނަށް ވެންނެވުމުން އޭނާއަށް ރޫޙާނީ ގޮތުން މުޅިން އައު ދިރުމެއް ލިބިއްޖެއެވެ. އަދި މުޅި ޔުނިވަރސިޓީއިން އެންމެ މަތީ ވަނަ ޙާޞިލު ކުރެއްވުމުގެ މަގު ފަހިކޮށް ދިނީވެސް އިސްލާމްދީނުގެ ބާރެވެ.

މަޝްހޫރު އިގިރޭސި ލިޔުންތެރިޔާ ޓީ.އީ.ލޯރެންސް އިސްލާމްދީނުގެ ފުރިހަމަ އުޞޫލުތަކަށް ތަޢުރީފް ކުރައްވާ ލިޔުއްވިއެވެ. ނަމަވެސް އޭނާ އިސްލާމްދީނަށް ވެންނެވިކަމެއް ނޭނގެއެވެ. ކުރީގެ އިގިރޭސި ޑިޕްލޮމެޓެއް ކަމުގައިވާ ގައި އީޓަށް އޭނާގެ ޢުމުރުފުޅުން ހަތްދިހަ އަހަރުގައި އިސްލާމްވެ ވަޑައިގަތެވެ. އަދި އޭނާ ލިއުއްވާފައިވާ “އިސްލާމް އެންޑް ދަ ޑެސްޓިނީ އޮފް މޭން” މި ފޮތަކީ އަލަށް އިސްލާމްވާ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ފޮތެކެވެ. ލޯރޑް ބްރިޓްގެ ދަރިކަލުން ޖޮނަތަން 1997 ގައި، އޭނާގެ ކުރިއަރަމުން އައި ސިޔާސީ ޙަޔާތް ދޫކުރައްވައި އިސްލާމްވެ ވަޑައިގެން އެދީނުގެ މައުޟޫއަކަށް ޕީ.އެޗް.ޑީ ނެންގެވުމަށް ކިޔަވާ ވިދާޅުވާން ފެއްޓެވުމުގެ ސަބަބުން އިނގިރޭސި ރައްޔިތުން ޙައިރާން ކޮށްލެއްވިއެވެ. އަދި ޢިރާޤްގު ހަތިޔާރުތައް ފާސްކުރުމާއި ޙާވާލު ކުރެވުނު ލޯރށް ޖަސްޓިސް ސްކޮޓްގެ ދަރިކަލުންނާއި ދަރިކަނބަލުން އިސްލާމްދީނަށް ވެންނެވުމުންވެސް އިނގިރޭސި ސިޔާސީ އުދަރެހަށް ލޮޅުމެއް އައެވެ. ޔަހޫދީ ބިލިއަނަރެއް ކަމުގައިވާ ޖޭމްސް ގޯލްޑް ސްމިތުގެ ދަރިކަނބަލުން ޖެމައިމާ އިސްލާމްދީނަށް ވެންނެވުމުން ފެޝަނުގެ ދުނިޔެއަށް އުނިކަމެއް ލިބުނެވެ.

މިލިސްޓަކީ ވަރަށް ދިގު ލިސްޓެކެވެ. މި އެންމެންގެވެސް ބަހަކީ ކްރިސްޓިއަން ދީނަކީ ހަމަ ބުއްދިއާއި ތަޢާރުޟްވާ ދީނެކެވެ. އަދި އެމީހުންގެ އިސްލާމްދީނަށް ވަނުމަށްފަހު ބަހަކީ: “އަހަރުމެންނަށް ހީވަނީ މަރުވެފައި އޮވެފައި އަލުން ފުރާނަ އެޅިގެން ދިރުންހެންނެވެ.”

މަޞްދަރު: ޑރ. މަޢުރޫފް ޙުސައިން / ދަރުމަ އެޕްރީލް 2002.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 05 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.