13 ޖޫން 2011 (ހޯމަ)

"އެއްވެސް ފައިދާއެއްނެތް ގެއްލުންދޭ އެއްޗެއް ގަންނާނީ ކާކު؟؟"

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން
ތަޤްސީމް:
 
(2 ރޭޓް)

އަހަރުމެން ވިސްނާ ފިކުރު ކޮށްލީމުހެއްޔެވެ. އަހަރުމެންގެ އަޚްލާޤީ ފޭރާމް މިވަނީ ކުދިކުދިވެފައެވެ. ކީއްވެހެއްޔެވެ؟ އަހަރުމެން ޝައިޠާނާގެ ބަހައް ހެއްލުނީތީއެވެ. އަހަރުމެންގެ ތެރޭގައި މިއަދު މައިން ބަފައިންނަށް އެއްވެސް ޤަދަރެއް ނެތެވެ. ތިމާއަށް މަންމަ ބައްޕަ ވަކި ނުވާ ވަރުވުމުން ދެން ދަރިން މައިންނަށް ކުރާނީ ކޮން ޤަދަރެއްތޯއެވެ. ދިވެހި މުޖްތަމަޢުގައި މީހުން ރޯމާ ދުވާލުގައިވެސް ލޭ އޮހުރުވުންތައް ހިންގަމުން ދާއިރު، އެމީހުންނަކީ ކޮންބައެއްކަން އިނގޭއިރުމެ އަދި ހެއްކާއި ހުރިހާ އެއްޗެއް ވާއިރުވެސް އެއިން ކުއްވެރިއެއް އެއްދޮރުން ވެއްދުމާއި، އަނެއް ދޮރު ހުޅުވުމާއި ދާނީ އެކުއެކީގައެވެ. “އޭނާ އެކަމަށް އިންކާރު ކުރެޔޯ” މިހެން ބުނެ ރާއްޖޭގައިވާ އާރެއް ބާރެއް ނެތް ވަޔާ އެނބުރެމުންދާ ކުނި ގަނޑެއް ފަދަ “ޑިމޮކްރަސީޤާނޫނު”ގައި އެމީހާ ދޫކޮށްލައެވެ. އެކަމަކު ތިބާއަށް ޔަޤީނެއެވެ. ތިބާއަށް ކަށަވަރުވާ އަނެއް އެއްޗަކީ އެ ކުށްވެރިޔާ ތިބާގެ ލޯ ކުރިމަތީގައި ތިބާގެ ކޮއްކޮއަށް ވަޅިން ޙަމަލާ ދިނެއެވެ. ތިބާގެ ކުރިމަތީގައި ތިބާގެ މުދަލަށް ގެއްލުން ދިނެއެވެ. ތިބާ ގެ ޢުމުރު ދުވަހު ބުރަކަށި ބިންދާލައިގެން ދާ އޮހޮރުވައިގެން ރައްކާކުރި ފައިސާކޮޅު ވަގައް ނެގީވެސް ހަމަ އޭނާކަން ތިބާ އަށް ކަށަވަރުވެއެވެ. އެހެން ނަމަވެސް އޭނާ އެދަނީ އެއް މިޔަކަނުން ހެމުން ނިތް އަރުވަމުން ކޯޓުން ނިކުމެގެންނެއެވެ.

އަނިޔާ ތަޙައްމަލު ކުރާ އޭ އިންސާނާއެވެ. ތިބާ ކެތް ކުރާށެއެވެ. ސަބަބަކީ ތަންތަނުގެ ވެރިންނަށް އެކަށީގެންނުވާ މީހުން އައްޔަން ކޮށްފިނަމަ ދެން ތިބާއަށް ޖެހޭނީ ޤިޔާމަތްވާނީ ކޮން އިރަކުތޯ ކެތް ކުރާށެއެވެ. އާނއެކެވެ. މިވެރިން މިވަނީ އަހަރުމެންގެ މި މުޖްތަމަޢު ފަސާދަ ކޮށްފައެވެ. ކުށްކުރާ ބޮޑެތި މުޖްރިމުންނަށް ވަގުތުން އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ކަނޑައެޅުމަށް ފަހުގައި ޙުކުމް ތަންފީޒުކުރުމަކީ ﷲ އަށް އީމާންވާ، އެއްކައުވަންތަ، ކުޅަދުންވަންތަ، ނެތުމުގެ ތެރޭން މިޢާލަމް ހެއްދެއްވި ފަރާތަށް ސަޖިދަ ޖަހާ އިންސާނުންނަށް އެއްވެސް ދަތި އުނދަގޫ ކަމެއް ނޫނެއެވެ. އެހެން ނަމަވެސް، ﷲ އަށް އުރެދި އެހެން ފަރާތެއް މަތިވެރިކޮށް، އެހެން ފަރާތެއްގެ ޝަރީޢަތަށް ބޯލަބައި، އެހެންފަރާތެއް ރުއްސެވި ގޮތަށް އުޅޭ، އެހެން ފަރާތެއް އެއީ ރިޒްޤު ދެއްވުމާއި މަރުގެންދެވުމުގެ ބާރު ލިބިގެންވާ ފަރާތްކަމަށް ޤަބޫލުކުރާ ބަޔަކުމީހުން އިސްލާމީ ޝަރީޢަތަށް ރުހުމުގެ ލޮލުން ބަލާވެސް ނުލާނެއެވެ. އަދި ކިއެއް އިސްލާމީ ޝަރީޢަތަށް މަލާމަތް ނޫނީ ނުކުރާނެއެވެ.

އަދި އެވެރިން ބޭނުންވާނީ އިސްލާމީ ވަޙްދަތު ވެއްޔާއި އެކުކޮށް ވަޅުލައި ފަސްއަރުވައި ފޮރުވާލުމަށެއެވެ. އޭގެ ދަލީލެއްގެ ގޮތުން އެބައިމީހުން ބޮޑެތި ކުށްކުރާ މީހުން މުޖްތަމަޢުއަށް ދޫކޮށްލަނީ ﷲ އާއި ނަބިއްޔާ صلى الله عليه وسلم ގެންނެވި ޝަރީޢަތް އެއީ އެއްވެސް އަގެއް ޤަދަރެއް ކަރާމަތެއް ހައިބަތެއްވާ އެއްޗެއްނޫންކަން އެބައިމީހުންގެ ޢަމަލުތަކުން އިޢުލާން ކުރަމުންނެއެވެ. އިސްލާމީ ޝަރީޢަތުގައި ކަންކަމަށް ކަނޑައެޅިފައި ހުންނަ ޙުކުމްތަކާއި ދިމާ އިނދިކޮޅަށް ޙުކުމް ކޮށް ނިންމާ، ތިމަތިމާ މެންނަ ފެންނަ ގޮތްތަކަކީ އެއީ އެންމެ މޮޅު ރަނގަޅު ގޮތް ކަމަށް ނިންމާ އެއްކަލަ ކުށްވެރިޔާ މުޖްތަމަޢު ތެރެއަށް ދޫކޮށްލަނީ މުޖްތަމަޢު ފަސާދަކުރުމަށް ހިތްވަރު ދެއްވަމުންނެއެވެ. އަދި މޮޅު ކަމަކީ މިބައިމީހުން އަމިއްލައަށް މިބައިމީހުންނާ ދިމާލަށް ތިމާ މެންނީ އެއްވެސް އަޞްލެއްނެތް ބާޠިލުއެއްޗެއްގެ މަތީގައިވާ ބައެއްކަން ބުނެވޭ އިރުވެސް، ވާ ނުވާ ރޭކާވެސް ނުލާކަމެއެވެ. ތިމާގެ ގައިގާ ހުންނަ ހަޑިވެސް ނުފެންނަކަމެއެވެ. ތިމާމެންގެ މުއައްސަސާތަކުން މި މުޖްތަމަޢުގައި ހިނގަމުންމިދާ ބޮޑެތި މާރާމާރީތަކާއި، ބަދުއަޚްލާޤީ ފާޙިޝް ވާހަކަތައް، ކޮންޓްރޯލް ކީއްކުރަން ކުޑަމިނުން އެއްވެސް މައްސަލައެއް އެދެވޭ ގޮތަކަށް ކުރިއަށްވެސް ގެންދެވިފައި ނުވާއިރު ޑިމޮކްރަސީއަކީ ތިމާމެންގެ ފުރާނައިގެ ދިރުމޭ، ތިމާމެންގެ ނަސީބޭ، ތިމާމެންގެ މުސްތަޤްބަލޭ އަނެކެއްޗަކޭ ކިޔައިގެން އެއްވުންތަކުގައި ހަޅޭއްލަވާއިރު، މި މިޖުތަމަޢުން ފެންނަ ކޮންމެ މަންޒަރެއް ކޮންމެ އެއްޗެއް ކޮންމެ އަޑެއް ތި ޑިމޮކްރަސީއަކީ މީދާ ކައިފަ އޮންނަ އުނބަކާ އެއްވެސް ތަފާތެއް ނެތް އެއްޗެއްކަން ހެނކިދޭނެއެވެ. ޢިލްމީ މަންހަޖް އޮތީ ކާފަރުން ބޭނުންވާ ގޮތައް ބަދަލުކުރެވި ފިތި ބާރު ކުރެވިފައެވެ. ކިޔަވާ ކުދިންގެ އަޅާއުޅޭ ހެދުންތަކާއި، ކިޔަވާ ކުދިން އަންހެން ފިރިހެން މިކްސް ކޮށް ކިޔަވާ ދިނުމާއި، ޚަބަރު ފަތުރާ ވަޞީލަތްތަކަށް ޤަޞްދުގައި ބޭނުން އެއްޗެއް ކިޔުމުގެ ފުރުޞަތު ދިނުމާއި، ދީނަށް ކުރާ ފުރައްސާރާއި މަލާމާތެއެވެ. ރަލާއި، ފާޙިޝް ކަންތައް އޭގެ އެއްވެސް ހައްދެއް ނެތް މިންވަރަށް އަރަމުންދާއިރު މިހުރިހާ ކަމެއް ނަންހުސްކޮށްވަނީ ބާޠިލު ޑިމޮކްރަސީނުން ބޭނުން ގޮތަށް ކޮށާ މަށާފައެވެ. ބާޠިލް ޝަރީޢަތްތަކުގެ ބާޠިލް ކޯޓުތަކުންކުރާ ބާޠިލް އެންމެހާ ޙުކުމްތަކެކެވެ.

ހަނދާންވަނީ ސަލާމަތް ޞަލަވާތްލެއްވި އިބްރާހިމް ގެފާނު ތުއްޕުޅުއިރު ބައްޕަގެ ވިޔަފާރީގައި އުޅުއްވި ދުވަސްވަރު ބާޒާރުގައި “އެއްވެސް ފައިދާއެއްނެތް ގެއްލުންދޭ އެއްޗެއް ގަންނާނީ ކާކު؟” މިހެން ކިޔާގޮވާ އުޅުއްވި ވާހަކައިގެ ހަނދާނެއެވެ. ތި ޑިމޮކްރަސީއާއި އާޒަރް (އިބްރާހިމް ގެފާނުންގެ ބައްޕަ) ވިއްކަވަން އުޅުއްވި ބުދުތަކާއި އެއްވެސް ތަފާތެއްހުރި އެއްޗެއް ކަމަށް ކުޑަކޮށްވެސް ނުވިސްނުނެއެވެ. ޖެހިގެން ހުރިގޭގެ ކައިދަ (އަޞްލުނަމެއްނޫން) އަށް ފެނުނީ ފޮތިގަނޑެއްގެ ތެރޭގައި ޒަޚަމްތަކަކާއި އެކު މަރާލާފައިވާ ތުއްތު ކުއްޖެކެއެވެ. އަނެކަކަށް ފެނުނީ އެހެން ކުއްޖެއް ދަޅެއްގެ ތެރޭގައި ފިއްތާ އަނިޔާވެރިކަމާއި ކުލުވެރިކަމުގެ ޒައްރެއްގެ މިންވަރެއްވެސް އެ އިންސާނެއްގެ ހިތުގައި ނުވާ އަނިޔާވެރި އަންހެނާގެ ޝިކާރައަކަށްވި އެއްވެސް ކުށެއްނެތް މަޢުޞޫމް ތުއްތު ކުއްޖާގެ ފުރާނެ ނެތް މަސްގަނޑެއެވެ. އާނ އެކެވެ. ” މަންމާ އަހަރެންނަށް ތިހެން ނުހަދާ! އަހަރެންނަށް ތިހެން ނުހަދާ !! މަންމައަށް ކުރެވުނު ފާފައަކުން މިންޖުވުމަށް އަހަރެން މަރާނުލާ ﷲއަށްޓަކާ ބުނަން އަހަރެންނަށް ދިރިއުޅުނަދީ” އެއްވެސް އާރެއް ބާރެއް ނެތް އެ ހަށިގަނޑު ތެޅެމުން ފޮޅެމުން ގޮވާނޭ މިންވަރު ތަޞައްވުރު ކޮށްލާށެއެވެ. ވޭނުން ފުރިގެންވާ އާދޭސް ދުނިޔެއަށް އައި ފުރަތަމަ ނޭވާއާއިއެކު އާދޭސް ކުރަން ފެށިއެވެ. “މަންމާއެވެ. އަހަރެން މަންމަ ބަނޑުގައި ވަނިކޮށް މަންމަ ދުނިޔެއަށް ސިއްރުން އަހަރެންގެ ފުރަތަމަ ނޭވަޔާއިއެކު މަރަން ރޭވި އަނިޔާވެރި ބިރުވެރި ރޭވުން އަހަރެން އަޑުއެހީމެވެ. މަންމާ އެވެ. އަހަރެންނަށް ދިރި އުޅުނަދޭށޭވެ. ﷲ އަށްޓަކާ ބުނެ އާދޭސް ކުރަމެއެވެ. އަހަރެން މަރާނުލާށެއެވެ. ﷲ އަށް ބިރުވެތިވާށެއެވެ. މިއީ ނިމުމެއް ނޫނެއެވެ. ކަނު އަނދިރި ޤާނޫނަކަށް މަންމައަށް ޙައްޤު އަދަބު ނުދެވިދާނެއެވެ. އެހެނަސް ﷲ ގަންދީ ބުނަމެއެވެ. ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރެވޭނެއެވެ. މަންމައަށް ހިތާމަހުއްޓެއެވެ.

އެއްވެސް ފައިދާއެއް ނެތް ގެންލުންދޭ ޑިމޮކްރަސީ ގަންނާނީ ކާކު؟؟

މަޞްދަރު: ލިޔުންތެރިޔާ .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 13 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.