18 މާރޗް 2011 (ހުކުރު)

ދެންވެސް ތަޢުޒިޔާ ދޭންވީ ޖަޕާނަށްތޯއެވެ؟ *މުހިއްމު*

ޝާއިޢުކުރީ: މުޙައްމަދު މުސްޠަފާ (މުސްތޮ)
 
(18 ރޭޓް)

ޖަޕާނާއި އިސްލާމް ދީން

ޖަޕާނަކީ މިޒަމާނުގައި އޮތް، ވިޔަފާރީގެ ގޮތުން އެންމެ ވަރުގަދަވެގެންވާ މުޝްރިކު އަދި ލާދީނީ ދައުލަތެވެ. އެތަނުގެ 64 އިންސައްތަ މީހުން އިލާހަކު ޤަބޫލެއްނުކުރެއެވެ. ދެން އެތަނުގައި އޮންނަ އެންމެ ބޮޑު ދެ ދީނަކީ ޝިންޓައު އާއި ބުޑިސްޓެވެ. މިބުނެވުނު ޝިންޓައު އަކީވެސް ޒިޔާރަތްތަކާއި ޤަބުރުތަކަށް އަޅުކަން ކުރަނިވި މުޝްރިކު ދީނެކެވެ.[1] މިގޮތުން މިވެރިންނަކީ މުސްލިމުންގެ އެންމެ ބޮޑު އެއްޚަތުރުވެސް މެއެވެ. އެއީ މުސްލިމުންގެ ޢާންމުން ވާވެއްދުމަށްޓަކައި އެވެރިންގެ ފައިސާއިން ހިތްދަމައިގަތުމަށް މަސައްކަތްކުރިނަމަވެސްމެއެވެ.

އިސްލާމީ ދައުލަތެއް، ނޫނީ އިސްލާމީ ޝަރީޢަތެއް މިބިންމަތީ ޤާއިމްވެއްޖެނަމަ އޭގެން އެންމެ ބޮޑު ނުރައްކަލެއްވާނީ މުޝްރިކުންނަށްކަން އެވެރިން ދަނެއެވެ. އެހެނީ އެހެނިހެން ސަމާވީ ދީންތަކާއި ޚިލާފަށް ޖިޒިޔައިދީގެން ތިބުމުގެވެސް އަމާންކަމެއް އެއުރެންނަށް ނުއޮންނާނެތީއެވެ.

މިގޮތުން މިބައިމީހުން އިސްލާމީ ދައުލަތެއް ވުޖޫދަށް ނުގެނައުމަށްޓަކައި ދެގޮތަކަށް މަސައްކަތްކުރެއެވެ:

1.ސީދާގޮތުން އެފަދަ އިސްލާމީ ޤައުމުތަކަށް ޙަމަލާދީ އެކަމުގައި އެފަދަ ހަނގުރާމަތަކަށް މަދަދުދީގެން

2. މުސްލިމުންގެ އަނިޔާވެރި ސަރުކާރުތަކަށް އެހީތެރިކަންދީ މުސްލިމުންގެ ޢާންމުން ކުރިމަތީގައި މިބައިމީހުން ހެއުކަން ދައްކާ، ލާރިން ރުހުން ހޯދުވުމުން.

ޙަޤީޤަތަކީ މުސްލިމުންގެ ވަރަށް ގިނަ ޢާންމުންނަށް އިސްލާމް ދީނާ ދެކޮޅަށް ޖަޕާނު ކުރަމުންގެންދާ ހަނގުރާމަތަކާއި، ބައިވެރިވާ ޤަތުލުޢާމް ތަކުގެ ޙަޤީޤަތް ނޭގޭކަމެވެ. އެހެނީ މީޑީއާގައި ޖަޕާނު ދައްކުވައިދީފައިވަނީ ވަރަށް އަމާން، މުސްލިމުންނަށް އެހީތެރިވެދޭ ބައެއްކަމަށްވާތީއެވެ. އެހެނަސް ޙަޤީޤަތަކީ މިއާއި ވަރަށް ދުރު އެއްޗެކެވެ.

އަފްޣާނިސްތާނުގެ ޖަރީމާތަކުގައި ޖަޕާނުގެ ޙިއްސާ

ކުރިސްޓިއަން ތާރީޚުގެ، 2001 ވަނަ އަހަރުގެ 25 ވަނަ ދުވަހުގައި، އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާއަށް މަދަދު ދިނުމަށްޓަކައި ޖަޕާނުގެ އޭރުގެ ބޮޑުވަޒީރު، ކޮއިޒޫމީ ޖަޕާނުގެ ހަނގުރާމައިގެ މަނަވަރުތަކެއް އިންޑިއާ ކަނޑަށް ފޮނުވިއެވެ. މި ޙަމަލާއަށް ޖަޕާނުގެ ކޮންޒަވޭޓުންނާއި ރައިޓުވިންގާއި އެހެނިހެން ހުރިހާ ބައިތަކަކުން އެއްބާރުލުން ދިނެވެ. މެދުއިރުމަތީގެ ކުރީގެ ހަނގުރާމައިގައިވެސް ޖަޕާނުން އެދެވޭ އެހީއެއް ދިނުން ވަރަށް ލަސްވިހިނދުވެސް، މި ޙަމަލާއަށް ޖަޕާނުން އެހާ އަވަހަށް އެއްބާރުލުން ދިނުމުގެ މައްޗަށް ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނެވެ.

ޙަޤީޤަތަކީ އަފްޣާނިސްތާނަށް ޙަމަލާއެއް ދިނުމަށް ޖަޕާނުން ފެންބޮވައިގަނެފައި ތިބުމެވެ. އެއީ އެތަނުގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ސަބަބުން ޖަޕާނަށް ކުރިމަތިވާނޭ ނުރައްކަލަށްޓަކައެވެ. އަދި ވަކިން ޚާއްޞަކޮށް އަފްޣާނިސްތާނުގައި ހުރި، ﷲ ފިޔަވައި އަޅުކަން ކުރެވޭ ބުޑިސްޓުންގެ ބޮޑު ބުދު، ޖަޕާނުން އޭގެ ބަދަލުގައި އެތައް ފައިސާއަކާއި އެހީއެއް ދިނުމަށް ވަޢުދުވަމުން ދަނިކޮށްވެސް، ފައިސާއަށްޓަކައި ދީނެއް ނުވިއްކާނަމޭ، ﷲ ފިޔަވައި އަޅުކަންކުރުމަށް ޝިރުކުގެ ބުދެއް ނުބަހައްޓާނަމޭ ބުނަމުން އިބްރާޙީމް ޢަލައިހިއްސަލާމްގެ ސުންނަތް ޠާލިބާނުންގެ އިސްލާމީ ދައުލަތުން ޤާއިމް ކުރުމަކީ ޖަޕާނުގެ މޫނުމަތީގައި އެބޭފުޅުން ޖެއްސެވި ބޮޑު އެތިފަހަރެކެވެ. އޭގެ ތަދު އަދިވެސް އެމީހުންގެ ހިތަކުން ނުފިލައެވެ. އަދި އެ އަލުން ޢިޔާދަކުރުމަށްވަނީ ހުވާކޮށްފައެވެ.[2]

އިންޑިއާ ކަނޑުގައި މި ޤާއިމް ކުރެވުނު ޖަޕާނުގެ މި އެހީއަކީ އަފްޣާނިސްތާނަށް ދެވުނު ޖައްވީ ހަމަލާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ރުކުނެވެ. އެއީ އެމެރިކާގެ މަތިންދާ ބޯޓުތަކާއި ޖެޓުތަކާއި ބޮންއަޅާބޯޓުތަކަށް ތެޔޮއަޅައި ފުރުމާއި އެނޫންވެސް ރާސްތާގައި ދިމާވާ އެހީތައް ފޯރުކޮށް ދިނުމެވެ. މީގެ ތެރޭގައި އެއް ޑިސްޓުރޮޔާ އާއި ސަޕްލައި މަނަވަރެއް ހިމެނެއެވެ.

މީގެ އިތުރުން ޖަޕާނު ވަނީ ފައިސާގެ ގޮތުންވެސް ބޮޑެތި އެހީތަކެއް މިހަނގުރާމައަށް ވެދީފައެވެ. 2003 ގެ މޭ މަހު، ވޮޝިންޓަނުގައި ހުންނަ ޖަޕާނުގެ އެމްބަސީގެ ވެބްސައިޓުގައި[3] ވެއެވެ: (މިހަނގުރާމައަށް) ޖަޕާނުވަނީ ދެއަހަރާ ބައި ތެރޭ، 500 މިލިއަށް ޑޮލަރުގެ އެހީ ދިނުމަށް ވަޢުދުވެފައެވެ. … އަދި 2001 އިން ފެށިގެން (އޭގެ ތެރެއިން 388 މިލިއަނާއި) އިންސާނީ އެހީއާއިއެކު މި (އެހީގެ އަދަދު) ގާތްގަނޑަކަށް 500 މިލިއަނަށް ފޯރާފައިވެއެވެ.

އަދިވެސް އެމެރިކާއިން ޤާއިމްކޮށްފައިވާ ކަރުޒާއީގެ ވެރިކަން ދެމެހެއްޓުމަށް 6 ބިލިއަންގެ އެހީ ދިނުމަށް ޖަޕާނު އެ އަހަރު ވަޢުދުވިއެވެ. މީގެ އިތުރުންވެސް އިޖްތިމާޢީ ޕުރޮޕަގެންޑާތަކާއި މީނޫންވެސް ކަންކަމަށް ޖަޕާނު ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން މުޅި އަފްޣާނިސްތާނުގައި ފަޙާޝިއްޔަތުގެ ޓީވީ ޗެނަލު ސިސްޓަމް ޤާއިމްކުރުންވެސް ހިމެނެއެވެ.[4]

2009 ވަނަ އަހަރަށް އައިއިރު ސިޔާސީ ފައިދާތަކަކަށްޓަކައި ކުރިން ބުނެވުނު ތެލުގެ އެހީދޭ މަނަވަރުތައް އަނބުރާގެނައުމަށް ވާހަކަދެކެވެން ފެށިއެވެ. އަދި މިއީ އެއްވެސް ޙާލެއްގައި އެވެރިން އެ އެހީތެރިވި ޖަރީމާތަކަށް ދެރަވެގެންނެއް ނޫންކަން އެނގެނީ ހަމަ އެއަހަރުތެރޭ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައެޅި ޚުދްމުޚްތާރު ވެރިޔާ ކަރުޒާއީގެ އަނިޔާވެރިކަމާއި ހައްދަފަހަނައެޅުމުން އިންތިހާއަށް ގޮސްފައިވާ ފުލުހުންނަށް ދެވޭ މަހުމުސާރަތަށް ޖަޕާނުން ހޭދަކުރުމަށް ނިންމުމުންނެވެ. މިއީ ގާތްގަނޑަކަށް 80،000 ފުލުހުންނަށް 2 ބިލިއަން ޑޮލަރުގެ މައްޗަށް އެކުލެވޭ އެހީއެކެވެ.[5]

ޖަޕާނު މި ހަނގުރާމައަށް ކޮށްދީފައިވާ އެހީ އޮބާމާ ސަރުކާރުންވެސް ފާހަގަކޮށްފައެވެ. އަދި ޖަޕާނު ވެދިން އެހީ [ވަރަށް މުޙިއްމު] ކަމަށް ފާހަގަކުރި އެވެ.[6] ޖަޕާނުގެ އައު ސަރުކާރުންވަނީ، މި ދެވޭ އެހީތައް އާ އުސްމިންތަކަކަށް ގެންދިއުމަށް ނިންމާފައެވެ. އަދި ބުނެފައިވާގޮތުން [އެހީތެރިވެވޭނޭ ހަމައެކަނި ގޮތަކީ ހަމައެކަނި ސިފައިން ފޮނުވުމެއްނޫނެވެ.] އަދި ޠާލިބާނުން ބަލިކުރުމަށް މީސްތަކުން ވަޒީފާތަކަށް ވައްދައި ދުނިޔޭގެ ދަހިވެތިކުރުވުންތަކަށް ގެނެސް އަޅުވެތިކުރުވުން މުޙިއްމުކަމަށް ނުސީދާ ގޮތަކުންނަމަވެސް ފާހަގަކޮށްފައިވެއެވެ.[7]

ޢިރާޤުގެ ޖަރީމާތަކުގައި ޖަޕާނުގެ ޙިއްސާ

ޢިރާޤުގެ ޖަރީމާތަކަށް ބަލާއިރު ޖަޕާނު އަފްޣާނިސްތާނުގައި ހަރަކާތްތެރިވި ގޮތާއި ޚިލާފަށް މާފާޅުކަން ބޮޑުގޮތުގައި އެހީތެރިވެދިނެވެ. އޭގެ ތެރޭގައި ޖަޕާނުގެ ވައިގެ ލަޝްކަރުގެ ޚާއްޞަޓީމެއް ޢިރާޤުގައި ޤާއިމްކުރުން ހިމެނެއެވެ. ޖަޕާނު ޢީރާޤަށް މި އަރައިގަތުމުގައި އިސްވެ ހަނގުރާމަނުކުރާނޭ ކަމަށް ދަޢުވާ ކުރިއެވެ. އެހެނަސް ހަތިޔާރާއެކު މިނިވަން ޤައުމެއްގެ މައްޗަށް އ.ދގެ ކާފަރު އެއްބައިވަންތަކަމާއިވެސް ޚިލާފަށް އެމެރިކާއަށް މި އެހީތެރިވެދިނުމަކީ ވަރަށް ހައިރާން ކުރުވަނިވިކަމެކެވެ!

އެހެނަސް މިކަމުގެ ޙަޤީޤަތަށް ވިސްނައިފި ބަޔަކަށް ޖަޕާނަކީ ޞިނާޢީ ޤައުމަކަށްވެފައި ތެލުގެ ބޭނުމަށް އިންތިހާއަށް ޖެހިފައިވާކަން އެނގެއެވެ. ވަކިން ޚާއްޞަކޮށް ޖަޕާނަށް އެތެރެކުރާ ނުވަދިހަ ޕަސަންޓު ތެލަކީ މެދުއިރުމަތިން ގަންނައެއްޗެކެވެ. އަދި ޢިރާޤަކީ މެދުއިރުމަތީގެ ތެލުގެ އެންމެ މުއްސަނދި އެއްބިމެވެ. އެހެންކަމުން ޖަޕާން މިޖަރީމާގައި ޢަމަލީގޮތުން ޖެހިލުމެއްނެތި [ބައިނަލް އަޤުވާމީ] ޤަރާރާއި ޙުކުމްތަކޭ މިކިޔޭ ކުޅިގަނޑާވެސް ޚިލާފަށް ޢަމަލުކުރުމުގެ ސަބަބު މިއިން ވަރަށް ފަސޭހަކޮށް ވިސްނެއެވެ.

ސިޔާސީ މަޤްޞަދުތަކަށްޓަކައި މިބުނެވުނު ވައިގެލަޝްކަރުގެ ޔުނިޓު 2006 ވަނަ އަހަރު ޢިރާޤުން ބޭރުކުރެވުނެވެ. އެހެނަސް 2008 ނޮވެންބަރުގެ ނިޔަލަށް ކުވޭތުން ޢިރާޤަށް 671.1 ޓަނުގެ ތަކެތި އުފުލައިދިނުމުގައި ދެމިތިއްބެވެ.[8]

މީގެ އިތުރުން ކުރިން ބުނެވުނު އިންޑިއާ ކަނޑުގައި އަޅައިފައިވާ ޖަޕާނުގެ ތެޔޮ ޓޭންކަރުންވެސް ޢިރާގަށް ކުރި ބޮމުގެ ޙަމަލާތަކުގައިވެސް އެމެރިކާގެ ޖެޓުތަކަށް ތެޔޮ ފޯރުކޯށްދީފައިވެއެވެ. އަދި މިއީ އެބައިމީހުން އަޞްލު އެއްބަސްވެފައިވާ ޖަޕާނުގެ ޤާނޫނާވެސް ޚިލާފަށެވެ. އަދި 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެމެރިކާގެ މީހުންމަރާ ޖެޓު އުފުލާ އުޅަނދު ޔޫ އެސް އެސް ކިޓީ ހޯކު އަށް 800،000 ގެލަނުގެ ތެޔޮ ދީފައިވާކަމަށް ފަޅާ އަރައިފައިވެއެވެ.

އަފްޣާނިސްތާނުގެ ބޮން އެޅުމަށް ދެމުންގެންދިޔަ ތެލުގެ އެހީ މެދުކަނޑުމަށް ދިމާވި އެއް ސަބަބަކީވެސް މިއެވެ. އެހެނީ ސިޔާސީގޮތުން ޢިރާޤުގެ ޙަމަލާގައި ބައިވެރިވުމަށް މީސްތަކުން ހިތްނުރުހުން ފާޅުވުން އިތުރުވި ދަނޑިވަޅެއްގައި މިފަދަކަމެއް ފަޅާއެރުމުންނެވެ. މިކަމާ އެންމެ ބޮޑަށް ދެކޮޅު ހެދި ޕާޓީއަކީ ޑީޖޭޕީ ޕާޓީއެވެ. ދުރުން ބަލާމީހަކަށް މި ޕާޓީން މުސްލިމުން މެރުމާއި ދެކޮޅު ހަދަނީ އޭ ހިތަށް އަރައިފާނެއެވެ. އެހެނަސް މިއީ ހަމައެކަނި ސިޔާސީ ކުޅިގަނޑެކެވެ. ޙަޤީޤަތަކީ ތެލުގެ މުއާމަލާ ނިންމާލިއިރު ޚުދު ޑީޖޭޕީ އަމިއްލައަށް ޕާލަމެންޓަށް ހުށަހަޅައިގެން އެމެރިކާގެ ޢުދުވާނަށް ސިއްޙީއެހީ އިން ފެށިގެންގޮސް ކެއުމުގެ އެހީއާއިހަމައަށް އެތަކެއް އެއްޗެއް ދިނުމަށް ނިންމައިފައިވުމެވެ.[9]

އަދި ޙަޤީޤަތަކީ ޖަޕާނުގެ ރައްޔިތުންވެސް ޢިރާޤުގެ ހަނގުރާމައާ ދެކޮޅުވީ ރަޙުމެއްގެ ސަބަބުންނެއް ނޫންކަމެވެ. އެހެނަސް ޢިރާޤުގައި މުޖާހިދުންގެ އަތުން އެމެރިކާ ހޯދަމުންދިޔަ ލޮޅުންތަކުގެ ތެރޭގައި ޖަޕާނުވެސް ނުޖެހި އަވަހަށް ސަލާމަތްވުމަށްޓަކައެވެ.[10] އެހެންކަމުން ފާޅުގައި ވަމުން ދިޔަ އެހީތައް ނުސީދާގޮތުގައި ފައިސާއާއި އެނޫންގޮތްތަކުން ދޭ އެހީތަކަށް ބަދަލުވެވުނެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ޖަޕާނުގެ ފައިސާގެ އެހީގެ ބޮޑުބައި ޚަރަދުކޮށްފައިވަނީ ޢިރާޤުގެ ތެލުގެ ދާއިރާގައެވެ.[11] އަދި އޭގެން ހެޔޮ ބަދަލެއް ލިބޭނޭ ކަމަށް ޖަޕާނު އުއްމީދުކުރެއެވެ. އަދި [ސޮފްޓު] ލޯނުގެ ގޮތުގައި 3.5 ބިލިއަން ޑޮލަރު ކަނޑައެޅިއެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީ މަހު ޖަޕާނާއި ޢިރާޤުގެ ޝިޢައީ ސަރުކާރުންވަނީ ތެލުގެ ކަންތައްތަކުގައި ދެފަރާތުން [އެއްބާރުލުމަށް] އެއްބަސްވެފައެވެ. އަދި މިކަމަށްޓަކައި ޖަޕާނުގެ ޓުރޭޑު މިނިސްޓަރު ޚުދު އަމިއްލައަށް ބަޣްދާދަށް ދިޔައެވެ.[12]



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 27 މާރޗް 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+10 #1 އިދުރީސް 2011-03-18 07:08
ސުބްޙާނަ ﷲ! ތިދެއްވި މައުލޫމާތަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ، ސޯމާލިއާގައި ޖަޕާނުން ތިޙިއްސާވާ ކަންކަން އަޑުއެހިތާ އަޅުގަނޑު މިހުރީ، ރިފަރެންސް ނުދެއްވިނަމަ ޤަބޫލުވެސް ނުކުރެވުނީސް… މިއީވާ ހާދަ ސައިތާނު ބަޔެކޭ…
ޚިޔާލެއް!
 
 
+11 #2 ކޫލޭ 2011-03-18 07:22
ޝެއިޚް އުސޭމީން ތިއޮތީ ހާދަ ވަރުގަދަ ފަތުވާއެކޭ ދެއްވާފަ! އިސްލާމްދީނަށް ޖަޕާނުން މިކުރާ އަނިޔާތަކުގެ ތިހާ ތަފްސީލު ތަޙުގީގެއް ކުރައްވައި އަޅުގަނޑުމެންނަށް ފޯރުކޯށްދެއްވުމަށްޓަކައި މުސްތަފާއަށް ވަރަށް ޝުކުރުވެރިވަން. އަޅުގަނޑަކީވެސް ޚަބަރުދާއިރާގައި މަސައްކަތްކުރާ މީހެއް، އެހެނެސް މިބުނަނީ ފިސާރި ތެދެއް، މިކަހަލަ ޚަބަރެއް ޖަހާކަށް ހުއްދައެއް ނުދޭނެ،.
ޚިޔާލެއް!
 
 
+5 #3 ބަކުރުބެ 2011-03-18 11:57
ދެން ތިބުނާ ވާހަކަ އަކީ ޖަމްއިއްޔަތުް ސަލަފްގައި އެތިއްބެވި ޝެއިޚުންނަށް ހަމަ ޖަޕާނުގެ ހަގީގަތް ހަމަ ނޭނގޭ ވާހަކަ ހެއްޔެވެ؟؟؟ ތިހުރިހާ މައުލޫމާތެއް އެމީހުންނަށް ހަމަ ނޭނގެނީހެއްޔެވެ؟؟ އެމީހުން އެެއޮތީ ވަރށް ސާފު ބަހުން ޖަޕާނަށް ދިމާވި ހިތާމައިގައި ފުރިހަމައަށް ބައިވެރިވާ ވާހަކަ ބުނެފައެވެ. މިހާރު ބަކުރުބެއަށް އޮޅިއްޖެއެވެ. މި އޮޅުން ސާފު ކޮށްދިނުމަށް ލޮބުވެތި ޝެއިޚުންގެ ކިބައިން އެދެމެވެ،
ޚިޔާލެއް!
 
 
+4 #4 ނަން 2011-03-18 15:12
ސުބުޙާނަﷲ.. އަޅުގަނޑު މިލިޔުން ކިޔާލުމުން ހީވީ މުޅިން އެހެން ފަރާތަކުން އިރުއެރިހެން. ދުނިޔޭގެ މީޑިއާއާ އެހެނިހެން ޚަބަރުތަކުން އެނގޭ ގޮތާ މުޅިން ޚިލާފަށް ކަންއޮތްކަން. އެއްބައިގަ އަތްއަޅާފަ އަނެއްބައި ފޮރުވަމުންދާ މިންވަރު. މިއީ ވަރަށް ރަނގަޅަށް ދިރާސާކޮށް ލިޔެފައިވާ ލިޔުމެއް. މިހުރިހާކަމެއް މިހެންއޮޔްއިރު ޖާމިއަތުއްސަލަފު ފަދަ ދީނީ ޖަމާއަތަކުން ތިފަދަ ބަޔަކަށް ތައުޒިޔާކީކަމީ އަޖައިބެއް.
ޚިޔާލެއް!
 
 
+8 #5 އަޑުމަޑު 2011-03-19 03:28
ޖަމްއިއްޔަތް ސަލަފް އަހުން ތަންކޮޅެއް ފުންކޮ ދީނާ މެދު ވިސްނަން ވެއްޖެ!!!!
ޚިޔާލެއް!
 
 
-1 #6 ހަސަނުބެ 2011-03-23 16:40
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް އުނދަގޫކޮށް ޖެއްސުންކުރާ ދައިތައެއް އެކަލޭގެފާނަށް ފެނިވަޑައިނުގަންނަވާތީ އެކަލޭގެފާނު އެދައިތަގެ ގެޔަށް ޒިޔާރަތްކޮށް އެދައިތަގެ ހާލު ބަލާ ހެދި. އަދި އެގެޔަށް އެކަލޭގެފާނުގެ މާތް ދެއަތް ޕުޅުން ފެން ގެނެސްދީ ހެދި. އިސްލާމްދީނުގައި ދުޝްމަނުންނަށް ވެސް މުޢާމަލާތް ކުރުމުގައި އެބައިމީހުންނަށް ދެރައެއް ލިބޭ ވަގުތު އެކަމާއި ދެރަވާކަން ހާމަކުރުމަކީ ދީނާއި ފުށުއަރާ ކަމެއް ނޫން. އަދި އޭރުން އެބައިމީހުންނަށް ދީން އެނގިގަތުމަށާއި ދީނާއި މެދު އޮންނަ ކުށްހީތައް ފިލައިގެން ދިޔުން އެކަށީގެންވޭ. ވީމާ މިކަމާއި ވިސްނާލުމަކީވެސް މުހިންމު ކަމެއް.
ޚިޔާލެއް!
 
 
+1 #7 ހުސްނުއްސުޢޫދު 2011-03-25 17:31
ހަސަނުބެ ގެ ޚިޔާލަކީ:
“އެކަލޭގެފާނަށް ފެނިވަޑައިނުގަންނަވާތީ”

މިތަންކޮޅުން ބުނަންއުޅޭ އެއްޗެއް ނުވިސްނުނު. އަނެއް ކަމަކީ ޝޭޚް އުސޭމީނަށް މިފަދަ ހަދީސްތައް ނުފެނިހުރެ ޝަރަހަ އެނގިވަޑައިގެން ނުހުންނަވާ ފަތުވާ ދެއްވާތީ ހައިރާންވެސްވޭ. އިލްމުވެރިންގެ ޝަރަހަ ބެއްލެވިންތޯ ހަސަނުބެ؟
ޚިޔާލެއް!
 
 
+1 #8 އެންޓިކޮރަޕްޝަން 2011-03-29 02:23
އަދިވެސް ޖަޕާނަށްދޯ ނުދެވިގެން މިއުޅެނީ، ޣާޒާ ފަންޑަށް ވީގޮތް ނޭގޭ! ފުލް ޓްރާންސްޕޭރަންސިކޮށް މިމައުލޫމާތު ޢާންމުކުރުމަށް ގޮވާލަން! މިހާރުވެސް ހެއިޓީއަށް ދުނިޔެއިން ރެޑް ކުރޮހަށްދިން އެތައް މިލިއަން ޑޮލަރަށް ވީނުވީ ނޭގި ކަރަޕްޝަނުގެ ވާހަކަތަކެއް އެބަދެވޭ! އަހަރެމެން ދިވެހިން ހޭދަކުރި ފަންޑުވެސް އެންމެފަހުން ދިނީ (މަކަރު ނަމެއްގަ އޮންނަ ރެޑްކުރޮސް) ކުރެސެންޓަށް. މިއަށް ވީނުވީ ބަލައިދޭނެ ޒިއްމާދާރު ނޫސްވެރިއެއްވެސް ނެތްދޯ.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.