22 އޮކްޓޯބަރ 2009 (ބުރާސްފަތި)

އިސްލާމް ދީނުގައި އަންހެނުންގެ ދަރަޖަ

ޝާއިޢުކުރީ: އުއްމު ޝުޖާޢު
 
(0 ރޭޓް)

އިސްލާމް ދީނުގައި އަންހެނާގެ ދަރަޖައަކީ ވަރަށް މަތިވެރި އެހާމެ މާތް ދަރަޖައެކެވެ. އަދި ކޮންމެ މުސްލިމެއްގެ ޙަޔާތަށް އަންހެނާގެ އަޘަރު ކުރެއެވެ. ކީރިތި ޤުރުޢާނުގެ އިރުޝާދުތަކަށާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ތަބަޢުވާ މުސްލިމު އަންހެނާ ހިމެނެނީ ތަޤްވާވެރި މުޖުތަމަޢު އެއް އުފެއްދުމުގައި އެންމެ އިސް މުދައްރިސާއަށެވެ. އެހެނީ ޤުރުޢާނާއި ސުންނަތަށް ތަބަޢުވެއްޖެ ކޮންމެ އަންހެނަކާއި ފިރިހެނަކު ހުރިހާ ގޮތަކުންމެ، މަގުފުރެދުމުން ދުރުހެލިވެގެން ވެއެވެ.

އަންހެނާގެ މުހިންމު ކަން ބިނާވެގެންވާ އެންމެ ބޮޑު ސިއްރަކީ، އޭނާ އުފުލަން ޖެހޭ ވަރުގަދަ ބުރައާއި، އޭނާގެ މައްޗަށްވާ ޒިންމާތަކާއި އޭނާ ތަޙައްމަލް ކުރަންޖެހޭ އުދަނގޫ ތަކުގެ ސަބަބުންނެވެ. އަދި މިޒިންމާ ތަކާއި ބުރަތަކަކީ ފިރިހެނަކަށްވެސް އުފުލުމަށް ކުޅަދާނަ ވެގެންވާ ކަންތައްތަކެއް ނޫނެވ. މިހެން ވުމުގެ ސަބަބުން، މައިންނަށް ކަމޭ ހިތުމާއި އޯގާތެރި ކަމާއި ރަނގަޅު ގުޅުމެއް ދެމެހެއްޓުމަކީ އެންމެ މަތިވެރި ވާޖިބު ތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އަދި މިކަމުގައި ބައްޕައަށް ވުރެ ބޮޑަށް މަންމައަށް އިސްކަން ދޭން ޖެހެއެވެ. 

عَنْ أَبِى هُرَيْرَةَ – رضى الله عنه – قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ – صلى الله عليه وسلم – فَقَالَ يَا رَسُولَ اللَّهِ مَنْ أَحَقُّ بِحُسْنِ صَحَابَتِى قَالَ « أُمُّكَ » . قَالَ ثُمَّ مَنْ قَالَ « أُمُّكَ » . قَالَ ثُمَّ مَنْ قَالَ « أُمُّكَ » . قَالَ ثُمَّ مَنْ قَالَ « ثُمَّ أَبُوكَ »

(އަބޫ ހުރައިރާ رضى الله عنه  ގެ އަރިހުން ރިވާވެގެންވެއެވެ:) ރަސޫލާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. [އޭ ﷲގެ ރަސޫލާ صلى الله عليه وسلم އެވެ! އެކުވެރިއެއްގެ ގޮތުން އަހަރެންނަށް އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ ކާކު ހެއްޔެވެ؟] ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ތިބާގެ މަންމައެވެ.] އެމީހާ ސުވާލުކުރިއެވެ. [ދެން ކާކު ހެއްޔެވެ؟] ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ތިބާގެ މަންމައެވެ.] އެމީހާ ސުވާލުކުރިއެވެ. [ދެންކާކު ހެއްޔެވެ؟] ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ތިބާގެ މަންމައެވެ.] އެމީހާ ސުވާލުކުރިއެވެ. [ދެންކާކު ހެއްޔެވެ؟] ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ދެން ތިބާގެ ބައްޕައެވެ.] (އަލް-ބުޚާރީ, މުސްލިމް)

އެހެންްކަމުން، ބައްޕައަށް ވުރެ ތިން ގުނަ އޯގާތެރިކަމާއި ގާތްކަން މަންމަައަށް ދޭންޖެހެއެވެ.

އަނބިންނާއި މެދު، އަދި އެކަނބަލުންގެ ދަރަޖައާއި އެކަނބަލުންގެ ސަބަބުން ނަފްސަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ކީރިތި ޤުރުޢާނުގެ މިމަތިވެރި ޢާޔަތުން ސާފުކޮށް ދަލީލު ކޮށްދެއެވެ. އެންމެ މަތިވެރި ﷲ ތަޢާލާ ވަޙީކުރައްވަނީ:

وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآيَاتٍ لِقَوْمٍ يَتَفَكَّرُونَ (٢١)

[ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެެރެއިންވާ ކަމެކެވެެެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ކިބައިން ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވެއެވެ.] (ސޫރަތުއް ރޫމް:21)

އައިޝާ (رضي الله عنها) އާއި އެކަމަނާގެ ސަބަބުން ގެނުވި މަތިވެރި އަޘަރުތައް ހަނދާން ނެތިކޮށް ނުލާށެވެ. އެހެނީ މަތިވެރި ޞަޙާބީންވެސް އެކަމަނާގެ އަރިހުން ޙަދީޘް ޢިލްމް އުނގެންނެވިއެވެ. އަދި ވަރަށް ގިނަ ޞަޙާބިއްޔާތުންވެސް އެކަމަނާގެ އަރިހުން އަންހެނުންނާއި ގުޅޭ އެކިއެކި ކަންކަމާއި ބެހޭ ގޮތުން ޢިލްމް އުގަންނަވާފައިވެއެވެ.

އަދި އަހަރެންނަށްވެސް އެއްވެސް ޝައްކެތް ނެތް ގޮތުގައި އަހަރެންގެ މަންމަގެ (މާތް ﷲ މަންމައަށް ރަޙްމަތް ލައްވާށި!) ސަބަބުން މަތިވެރި އަޘަރުތަކެއް ކުރިވިއެވެ. ތަޢުލީމް އުނގެނުމަށް އަހަންނަށް ހިތްވަރުދީ އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނެވެ. ﷲ ތަޢާލާ މަންމަ އަށް ގިނަވެގެންވާ އަޖުރު ދެއްވާށި! އަދި އަހަންނަށް މަންމަ ކޮށްދިން ކަންތައްތަކުގެ ސަބަބުން މަންމައަށް އެންމެ މަތިވެރި އަޖުރުން އަޖުރުން ދެއްވާށި!

ރަނގަޅު އިސްލާމީ ތަރުބިއްޔަތާއި (ތަޢުލީމާއި ތަރުބިއްޔަތު)، ރަޙުމާއި އޯގާތެރިކަމާއި ލޯތްބާއި އަޅާލުން، އެގެއެއްގައިވާ ގެއެއްގެ ސަބަބުން އިންސާނާގެ މައްޗަށް އަޘަރު ކުރުވުމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން ﷲގެ ވާގިފުޅާއިއެކު އޭނާ ހުރިހާ ކަމެއްގައި ކާމިޔާބު ހޯދައެވެ. އެއީ ޢިލްމު ހޯދުމާއި، ވިޔަފާރި ކުރުމާއި، އާމްދަނީ ހޯދުމާއި ނުވަތަ މިނޫންވެސް އެހެނިހެން ދާއިރާ ތަކުން ކަމުގައި ވިޔަސް މެއެވެ. އެހެން ކަމުން، އަހަރެމެން އެންމެނަށް ކާމިޔާބީ އަށާއި އަދި ﷲ ތަޢާލާ ލޯބިވާ އަދި ރުހިވޮޑިގަންނަވާ މަގަށް މަގުދެއްކެވުމަށް އެދެނީ ހަމައެކަނި ﷲ ތަޢާލާގެ ހަޟްރަތުންނެވެ. އަދި މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. އަދި އެކަލޭގެފާނު صلى الله عليه وسلم ގެ އަޙުލުންނަށާއި ސަޙާބީންނަށާއި އެކަލޭގެފާނަށް ތަބަޢުވީ އެންމެނަށެވެ.

އަޞްލު: [މަޖްމޫޢު-ފަތްވާ ވަ މަޤާލާތު މުތަނައްވިއާ]

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 15 ފެބްރުއަރީ 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.