ސިވާކާއި ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘް ތިރީގައި ހިމަނާ ލާނަމެވެ.
ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެ އެވެ. ”ސިވާކަކީ އަނގަ ސާފު ކޮށްދޭ އެއްޗެކެވެ. އަދި އެކަމަށް ރައްބު ރުހިވޮޑިގަންނަވާ ކަމެކެވެ.“ [ޞަޙީޙް އަލް ބުޚާރީ، ޞަޙީޙް އަލްޖާމިޢް (3696)، މި ޙަދީޘް ޞައްޙަ ކަމަށް ޝެއިޚް އަލްބާނީ ވިދާޅުވެފައިވެ އެވެ.]
ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެ އެވެ. ”އެ ކަމަކީ ތިމަން ކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނަށް ބުރަކަމަކަށް ނުވާނެ ނަމަ، ވުޟޫ ކުރާ ކޮންމެ ފަހަރަކު ސިވާކު ބޭނުން ކުރުމަށް އެބައިމީހުންނަށް އަމުރު ކުރެއްވީމުހެވެ.“ [ޞަޙީޙް ޖާމީޢް (5319) ، މި ޙަދީޘް ޞައްޙަ ކަމަށް ޝެއިޚް އަލްބާނީ ވިދާޅުވެފައިވެ އެވެ.]
ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެ އެވެ. ”ސިވާކަކީ ފިޠުރަތުން ވާ އެއްޗެކެވެ.“ [ޞަޙީޙް ޖާމީޢް (4009)، މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށް ޝެއިޚް އަލްބާނީ ވިދާޅުވެފައިވެ އެވެ.]
”އިސްތަށިފުޅު ކައިރީގައި ސިވާކު ބާއްވަވައިގެން މެނުވީ ރަސޫލާ (صلى الله عليه وسلم) ދުވަހަކު ވެސް ނިދި ނުކުރައްވަ އެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ހޭފުޅުލެއްވުމަށް ފަހު (އެންމެ ފުރަތަމަ ކަމަކަށް) ސިވާކު ކުރައްވަ އެވެ.“ [ޞަޙީޙް (2111)، ޞަޙީޙް ޖާމީޢް (4872)، މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށް ޝެއިޚް އަލްބާނީ ވިދާޅުވެފައިވެ އެވެ.]
ޙުޛައިފާ އިބްނު ޔަމާން (رضى الله عنه) ވިދާޅުވި އެވެ. ”ރަސޫލާ (صلى الله عليه وسلم) ދަމުނަމާދު ކުރެއްވުމަށް ތެދުވަންނަވާ ހިނދު މިސްވާކުން އަނގަފުޅު ސާފު ކުރައްވައެވެ.“ [ޞަޙީޙް އަލް ބުޚާރީ ، ޞަޙީޙް އަލް މުސްލިމް]
ޢާއިޝާ (رضى الله عنها) ވިދާޅުވެފައި ވެއެވެ. ”ރަސޫލާ (صلى الله عليه وسلم) ގެކޮޅަށް ވެދެވަޑައިގަންނަވާ އިރުގައި މިސްވާކު ކުރެއްވުމުން ފައްޓަވައެވެ.“ [ޞަޙީހް މުސްލިމް]
ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައި ވެއެވެ. ”ސިވާކުން ތިޔަބައިމީހުންގެ އަނގަތައް ސާފު ކުރާށެވެ. އެހެނީ އެއީ ޤުރުއާން އެމަގަކުން ދާ މަގެވެ.“ [ޞަޙީޙް އިބްނު މަޖާހް]
ޢާއިޝާ (رضى الله عنها) ގެ ކިބައިން ރިވާ ވެގެން ވެއެވެ. ތިމަންކަމަނާ އަށް ﷲ މިންވަރު ކޮށްދެއްވެވި އެންމެ ހެޔޮ ކަންތައްތަކުގެ ތެރޭގައި، ރަސޫލާ (صلى الله عليه وسلم) ސުވަރުގެ ވަޑައިގަތުން، މިކަން ހިނގައިފައިވަނީ ތިމަން ކަމަނާގެ ފުރުސަތުގައި، ތިމަން ކަމަނާގެ ގެކޮޅުގައި ކަމަށް ވުމާއި، އެކަލޭގެފާނު (صلى الله عليه وسلم) އެވަގުތު އިންނެވީ ތިމަންކަމަނާގެ މޭފުޅުގައި ލެނގިވަޑައިގެން ކަމުގައި ވުން ހިމެނެ އެވެ. އެވަގުތުގައި ތިމަން ކަމަނާގެ ސޮނިފޮދާއި އެކަލޭގެފާނު (صلى الله عليه وسلم) ގެ ސޮނިފޮދު އެއްވުމަށް ﷲ މެދުވެރި ކުރެއްވި އެވެ. އަބްދުރަޙްމާން (ތިމަން ކަމަނާގެ ބޭބޭފުޅު) ސިވާކެއް ހިއްޕަވައިގެން ތިމަން ކަމަނާގެ ގެކޮޅަށް ވެންނެވި އިރު، ރަސޫލާ (صلى الله عليه وسلم) އިންނެވީ ތިމަންކަމަނާގެ މޭފުޅުގައި ލެނގިވަޑަގެންނެވެ. ރަސޫލާ (صلى الله عليه وسلم) (އެ) ސިވާކަށް ބައްލަވާތީ ތިމަން ކަމަނާ ދެކެވަޑައިގަތީމެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ސިވާކަށް ލޯބިކުރައްވާ ކަން ތިމަން ކަމަނާ އަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ތިމަން ކަމަނާ އެކަލޭގެފާނު (صلى الله عليه وسلم) އަށް ދެންނެވީމެވެ. ”ތިމަން ކަމަނާ ކަލޭގެފާނު (صلى الله عليه وسلم) އަށް އެ ސިވާކު ގެނެސްދެއްވަންތޯ އެވެ.“ އެކަލޭގެފާނު (صلى الله عليه وسلم) އާނއެކޭ ވިދާޅުވާ ފަދަ ގޮތަކަށް ބޯޖަހާލެއްވި އެވެ. އެހެން ކަމުން ތިމަން ކަމަނާ އެ ސިވާކު ނެންގެވީމެވެ. އެސިވާކު ހަރުކަމުން ތިމަން ކަމަނާ އެކަލޭގެފާނު (صلى الله عليه وسلم) އަށް ދެންނެވީމެވެ. ”ތިމަންކަމަނާ ކަލޭގެފާނު (صلى الله عليه وسلم) އަށް މި މަޑު ކޮށްދެއްވަން ތޯ އެވެ.“ އެކަލޭގެފާނު (صلى الله عليه وسلم) އެކަމަށް އިޒުނަ ދެއްވާ ބޯޖައްސަވާލެއްވި އެވެ. އެހެން ކަމުން ތިމަން ކަމަނާ އެ މަޑު ކުރައްވާ އެކަލޭގެފާނު (صلى الله عليه وسلم) ގެ ދަތްޕުޅު އުނގުޅާ ދެއްވީމެވެ. [ޞަޙީޙް އަލްބުޚާރީ (4449)]
”އެކަމަކީ ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ބުރަކަމަކަށް ނުވާނެ ނަމަ، ވުޟޫ ކުރާ ކޮންމެ ފަހަރަކު ސިވާކު ބޭނުން ކުރުމަށް. އެބައިމީހުންނަށް އަމުރު ކުރެއްވީމުހެވެ.“ މިޙަދީޘާއި ބެހޭ ގޮތުން ޝައިޚް ޞާލިޙް އަލްފައުޒާން ވިދާޅުވި އެވެ.
’މިހަދީޘް އިން ރަސޫލާ (صلى الله عليه وسلم) އެކަލޭގެފާނު (صلى الله عليه وسلم) ގެ އުންމަތަށް އޯގާވެރި ވަޑައިގަންނަވާ ވަރު އެނގިގެންދެއެވެ. އެކަލޭގެފާނު (صلى الله عليه وسلم)، އުންމަތުގެ މީސްތަކުންނަށް އުނދަގުލެއް ޖެހުމަށް އެދިވަޑައެއް ނުގަންނަވައެވެ. އަދި އެދިވަޑައިގަންނަވަނީ މީސްތަކުންނަށް ފަސޭހަ ވުމަށެވެ. އެކަލޭގެފާނު (صلى الله عليه وسلم) ކުރައްވާ އަޅުކަމުގެ ޢަމަލު ކުރުމަށް މީސްތަކުންނަށް އަމުރު ނުކުރައްވައެވެ. އެއި މީސްތަކުންނަށް އެކަމަށް އުނދަގޫ ވެދާނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ޢަމަލުތައް ކުރުމަށް ތަރުޙީބު ދެއްވާ ބާރު އަޅުއްވައެވެ.‘
ސިވާކު ކުރުމަކީ ސިވާކު ބޭނުން ކޮށްގެން ދަތް އުނގުޅުމެވެ. އެއީ ކެއުމުގެ ތެރޭގައި ދަތުގައި ހަރުލާ ކާތަކެތި ސާފުކުރުމަށެވެ. މިފަދައިން ސާފު ނުކުރާނަމަ ދަތުގައި ހަރުލާފައިވާ ކާތެކެތީގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރި ވެދާނެ އެވެ.
’ސުއްބުލް ސަލާމް‘ ޝަރަޙަ ކުރެއްވި ޝަރަޙަ ކުރުންތެރިޔާ ވިދާޅުވަނީ ސިވާކާއި ބެހޭގޮތުން އައިސްފައިވާ ހަދީޘްތަކުގެ ޢަދަދު ސަތޭކައަށް އަރާކަމަށެވެ.
ސިވާކު ބޭނުން ކުރުމަކީ ރަސޫލާ (صلى الله عليه وسلم) ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އަދި އެއީ އެމީހެއްގެ ފިތުރަތުގެ ތެރެއިން ވާ ކަމެކެވެ. އެއީ އެކަމަށް ބާރުއެޅިގެންވާ ސުންނަތެކެވެ. ކޮންމެ ވަގުތެއްގައި ވެސް ސިވާކު ކުރެވި ދާނެ އެވެ. އަދި ޚާއްޞަ ފަސް ވަގުތެއް ވެއެވެ. އެއީ:-
1- ވުޟޫ ކުރުމުގެ ކުރިން.
2- ނަމާދު ކުރަން ފެށުމުގެ ކުރިން.
3- ނިދިން ހޭލާ އިރު.
4- ރަސޫލާ (صلى الله عليه وسلم) ޤުރުއާން ކިއުއްވާ ހިނދުގައި ސިވާކު ކުރައްވައެވެ. އެއީ ޤުރުއާނަކީ ﷲ ގެ ކަލާމް ފުޅުކަމުގައި ވާތީ އާއި، އެތަނެއްގައި ޤުރުއާން ކިޔެވޭ ތަނެއްގައި މަލާއިކަތުން ތިއްބަވާނެތީ އެވެ.
5- އަނގައިގެ (ޢާއްމު) ވަސް ބަދަލު ވާކަން އިޙުސާސް ކުރެވުމުން.
ހުރިހާ ވަގުތެއްގައި ސިވާކު ބޭނުން ކުރުން އެދެވިގެން ވެއެވެ. އެއީ އެމީހަކު ރޯދައަށް ހުރިކަމުގައި ނުވަތަ ނެތް ކަމުގައި ވިޔަސްމެ އެވެ.
އެންމެ ރަނގަޅު ބާވަތުގެ ސިވާކަކީ ’އަރަކް‘ އޭ ކިއުނު ގަހުން ނަގާ ސިވާކު އެވެ. އެ މަޑުވެފައި އޭގައި މީރުވަހެއް އެކުލެވިގެން ވެއެވެ.
މިސްކިތަށް ދާނަމަ، އަނގައިން ނުބައި ވަސް ދުވިޔަ ނުދިނުމަށްޓަކައި ސިވާކު ބޭނުން ކުރުން އެދެވިގެން ވެއެވެ. މިސްކިތަށް ދާނަމަ ލޮނުމެދު ނުކެއުމަށް އައިސްފައިވަނީ ވެސް އޭގެ ސަބަބުން އަނގައިން ނުބައި ވަސް ދުވާފާނެތީ އެވެ.