07 ޖޫން 2011 (އަންގާރަ)

މުސްޢަބް އިބްން ޢުމައިރު: ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ.

ޝާއިޢުކުރީ: އުއްމު ޢީޝަލް
ތަޤްސީމް:
 
(2 ރޭޓް)

ކައުއިތުރު ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސަޙާބީންގެ ތެރެއިން މުސްޢަބް އިބްނު ޢުމައިރަކީ ޤުރައިޝްވަންހައިގެ ބަގީޗާގައި ފޮޅިފައިވާ ފުރިހަމަ މަލެކެވެ. ރީތިކަމާއި ޒުވާންކަމުން ފުރިގެންވި ބޭކަލެކެވެ. ތާރީޚް ލިޔުއްވާ ބޭކަލުން އެކަލޭގެފާނު ސިފަކުރައްވާފައިވަނީ މައްކާގެ ފިރިހެން ސާހިބުންގެތެރެއިން ޒުވާންކަމާއި ބުރުސޫރައާއި ތަނަވަސްކަމުގެގޮތުން އެންމެމަތީދަރަޖައިގެ ބޭކަލެއްގެގޮތުގައެވެ.

އެކަލޭގެފާނު ތަރުބިއްޔަތު ކުރެވި ބޮޑުފުޅުވަމުންދިޔައީ ތަނަވަސްކަމުގެ ތެރޭގައެވެ. މުދަލާއި ފައިސާވެރިކަމުގެ އަރާމާ ލައްޒަތު އެކަލޭގެފާނުގެ އެންމެ ތުއްޕުޅުއިރުންސުރެ ޙާޞިލްވަމުންދިޔައެވެ. އެގޮތުން މުސްޢަބް އިބްނު ޢުމައިރު ފަދައިން މައިންބަފައިންގެ ލޯތްބާއި، އަޅާލުމާއި، އެހީތެރިކަން ލިބިގެން ބޮޑުވަމުންދިޔަ އެހެން ކުއްޖަކު މައްކާގައި އެދުވަސްވަރުނުވެއެވެ. މައްކާގެ ރީތި މާތް ޒުވާން އަންހެން ބޭކަނބަލުންގެ އެދުމެއްކަމުގައި އެކަލޭގެފާނު ވެފައިވެއެވެ.

ހަފްލާތަކާއި އެއްވުންތަކުގައި މީސްތަކުންގެ ލޯތައް އަމާޒުވަމުންދިޔަ ބޭކަލަކުކަމުގައި އެކަލޭގެފާނު ވެގެންގޮސްފައިވެއެވެ. ދުނިޔޭގެ މިފަދަ މަތިވެރިކަމާއި ޖާހް ލިބިފައިވާ މިފަދަ ޒުވާނަކު އިސްލާމްދީނުގެ އަޤީދާގެ އަހުލުވެރިންގެ ތެރެއިން މަތިވެރި ނަމޫނާއަކަށް ވެގެންހިނގައިދާނެބާވައެވެ؟ ﷲ ގެ މަތިވެރިކަމާއެވެ. މުސްއަބް އިބްނު ޢުމައިރުގެ ސިޔަރަތަކީ ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ؟ އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އިސްލާމީ ތާރީޚްގައި އުފެދުނު މަތިވެރި މިސާލުތަކުގެތެރެއިންނެވެ. އިސްލާމްދީނުގެ ޚިދާޔަތުގައި އެދީނުގެ ރިވެތި އަޚްލާގުގެ މަތީގައި މާތް ނަބިއްޔާގެ ތަރުބިއްޔަތުގެ ދަށުން ކުރިއަށްވަޑައިގެންނެވި މާތް ސަޙާބީއެއްކަމުގައެވެ.

މުސްޢަބް އިބްނު އުމައިރުގެ ޒުވާންދުވަސްވަރުގައި އެއްދުވަހަކު އެކަލޭގެފާނަށް މައްކާގައި ފެތުރެމުންދިޔަ މުޙައްމަދު އަލް އަމީނުގެ ޚަބަރުތައް އިވިވަޑައިގެންނެވިއެވެ. މުޙައްމަދު ގެފާނަކީ ހެޔޮކަމާއި އިންޒާރުގެ ޚަބަރުތަކާއިގެން މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އެއިލާހުގެ ރަސޫލާކަމުގެ ޚަބަރުތަކެވެ. މައްކާ މެންދަމުގެ ނިދިން ހޭލިހިނދު ފެތުރެމުންދިޔަ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޚަބަރުތައް އެންމެ ފަރުވާތެރިކަމާއެކު އައްސަވަމުންދިޔަ އެއްބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ. އެހެނީ އެކަލޭގެފާނުގެ ޒުވާންކަމާއި، މުޖުތަމަޢުގައި އެކަލޭގެފާނަށް ދީފައިވާ މަގާމާއި މުއްސަނދިކަމުގެ ތެރެއިންވެސް، ހައްޤުގޮތް ދެނެގަތުމާއި، ހަޤީގަތައް ވިސްނުން ބެހެއްޓުމުގެ މަތިވެރި ސިފަފުޅު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ.

އެކަލޭގެފާނަށް މުޙައްމަދު صلى الله عليه وسلم އާއި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުޅަމީހުން ޤުރައިޝުންގެ ބޮޑުންނާއި ވަކިން ދުރުހިސާބެއްގައިވާ އަލް-އަރްޤަމް އިބްނު އަލް-އަރްޤަމްގެ ގެކޮޅު (ދާރުލް އަރްޤަމް) ގައި ބައްދަލުކުރައްވާ ޚަބަރުލިބިވަޑައިގެންނެވުމުން މުސްޢަބް އިބްނު ޢުމައިރު އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރައްވާ އެދިމާއަށް އަވަސްވެވަޑައިގެންނެވިއެވެ. އެގޮތުން އެއްރެއަކު އެކަލޭގެފާނު ދާރުލް އަރްޤަމްއަށް ވަޑައިގެން ޝައުޤުވެރިކަމާއި، ފަރުވާތެރިކަމާއެކު މާތް ނަބިއްޔާ އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ދެއްވަމުންދިޔަ އިރުޝާދުތައް އަޑުއަހަމުންދިޔައެވެ. އަދި އެކަލޭގެފާނު ކީރިތި ޤުރުއާން ކިޔަވާވިދާޅުވެ އެބޭކަލުންނާއިއެކު ނަމާދުކުރެއްވާ އަޑު އައްސަވާ އެމަންޒަރު ބައްލަވަމުން ގެންދެވިއެވެ. ނަތީޖާއެއްގެގޮތުން ހަމަ އެހިނދު ހަމައެރޭގަނޑުގައި އެކަލޭގެފާނުގެ ހިތްޕުޅު އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ސާބިތުކުރެއްވުމުގެ އަޒުމް ކަނޑައެޅުއްވިއެވެ. އަދި އެކަން އިޢުލާންކުރެއްވެވިއެވެ. އެހިނދު އެކަލޭގެފާނުގެ ހިތްޕުޅަށްވެރިވެގެންދިޔަ އަސަރުތަކުގެ ޖޯޝުގައި އެކަލޭގެފާނު އިންނެވިތަނުން ތެދުވެވަޑައިގެންނެވުނެވެ. ނަމަވެސް މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ބަރަކާތްތެރި ކަނާއަތްޕުޅުން މުސްޢަބް އިބްނު ޢުމައިރުގެ ބޮލުގައި ފިރުމާލައްވާ މަސަލަސްކުރެއްވެވިއެވެ. އެހިނދު މުސްޢަބްގެ ހިތްޕުޅުގައި މަޑުމައިތިރިކަމާއި އަމާންކަން ފެތުރިގެންދިޔައެވެ. ހަމަދެންމެ އިސްލާމްދީނުގެ ހިދާޔަތް ލިބިވަޑައިގެންނެވި ޒުވާން ސާހިބާ އެސްފިޔަޖަހާލާހާއަވަހަށް އެކަލޭގެފާނުގެ ޢުމުރުގެ ބޭކަލުންނަށްވުރެ ހިކްމަތްތެރި އަދި އިސްލާމީ ހަޟާރަތް މަތިވެރިކުރެއްވުމުގައި ސާބިތުވެވަޑައިގަންނަވާނޭ ބޭކަލަކުކަމުގައިވެވަޑައިގެންނެވިއެވެ.

މުސްޢަބްގެފާނުގެ މަންމާފުޅަކީ ޚުނާސް ބިންތި މާލިކްއެވެ. އާރިދްގެ މީހުން އެކަމަނާދެކެ ބިރުގަނެ ޖެހިލުންވެއެވެ. އެހެނީ އެކަމަނާއަކީ ޝަޙްޞިއްޔަތު ވަރުގަދަ ބޭކަނބަލެކެވެ. މުސްޢަބްގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު ޖެހިލުންވެވަޑައިގަންނަވާ ބިރުފުޅުގަންނަވާ އެއްވެސް މީހަކު މިބިންމަތީގައި ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމާފުޅު ފިޔަވައެވެ. މުޅި މައްކާގެ އެންމެހާ ބޮޑުންނާއި، ބިރުވެރި ސަހަރާތައް އެކަލޭގެފާނާއި ކުރިމަތިލީކަމުގައިވިއަސް އެކަމާއި އެކަލޭގެފާނު ޖެހިލުމެއްނެތި ސާބިތުކަމާއެކު ކުރިމަތިލައްވާނެއެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމަ އާއި ކުރިމަތިލުމަކީ އެކަލޭގެފާނު ވަރަށް ޖެހިލުންވެވަޑައިގަންނަވާކަމަކަށްވުމާއެކު މާތް ﷲ އެހެންގޮތެއް އިރާދަކުރައްވަންދެއް އެކަލޭގެފާނުގެ އިސްލާމްކަން މަންމައަށް ވަންހަނާކުރުމަށް ނިންމެވިއެވެ. ނަމަވެސް އެކަލޭގެފާނު ގިނަގިނައިން ދާރުލް އަރްޤަމްއަށް ވަޑައިގެން މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ފަރާތްޕުޅުން ދަރުސްތައް ޚާޞިލްކުރައްވަމުން ގެންދެވިއެވެ. އެގޮތުން އެކަލޭގެފާނުގެ އީމާންތެރިކަން އެއްދުވަހުން އަނެއްދުވަހަށް އިސްލާމްދީނުގެ މަތީގައި ސާބިތުކަމާއެކު ހަރުދަނާކުރަމުންގެންދެވިއެވެ. މިކަމުގެ އެއްވެސް ހިލަމެއް އެކަލޭގެފަނުގެ މަންމާފުޅަށް އެނގުމެއްނެތިއެވެ. ކަންމިހެން އޮތްނަމަވެސް އެދުވަސްވަރު މައްކާގެ ޙާލަތު އޮތްގޮތުން މިފަދަކަންކަން ސިއްރުކޮށްގެން އުޅުމަކީ ވާނޭކަމެއްނޫނެވެ. ޤުރައިޝުންގެ ލޯތަކާއި ކަންފަތްތައް މީހެއްގެ ކުޑަވެސް ހިލަމެއްވާނަމަ އެތަނެއްގައި ފާރަވެރިވަމުންދިޔައެވެ. މައްކާގެ ހޫނު ފަސްގަނޑުގައި އެޅެމުންދިޔަ ކޮންމެ ފައިތިލައެއްގެ ނިޝާން އެބައިމީހުން ބަލަމުންދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެގޮތުން އުޘްމާން އިބްނު ލަލްހާއަށް މުސްޢަބު ދާރުލް އަރްޤަމްއަށް ވަދެވަޑައިގަންނަވަނިކޮށް ފެނިވަޑައިގަތެވެ. އަދި ދެވަނަ ދުވަހަކުވެސް އެކަލޭގެފާނު ދާރުލް އަރްޤަމްއަށް ވަދެވަޑައިގެން މުހައްމަދު صلى الله عليه وسلم ނަމާދުކުރައްވާފަދައިން ނަމާދުކުރައްވަނިކޮށް ފެނުމާއިއެކު ދުވެފައިގޮސް އެކަމުގެ ޚަބަރު މުސްޢަބުގެ މަންމައަށްދިނެވެ. މުސްޢަބްގެ މަންމައަށް އެ ޚަބަރު ލިބުމުން ޚައިރާންވެ ކަންބޮޑުވެފައިހުއްޓެވެ.

އެންމެފަހުން މުސްޢަބް އޭނާގެ މަންމަގެ ކުރިމައްޗަށް ހާޟިރުކުރެވުނެވެ. އަދި އެ މައިދާނުގައި މައްކާގެ ބޮޑުންވެސް އެކަލޭގެފާނު ވަށާލައިގެންތިއްބެވެ. ނަމަވެސް މުސްޢަބް ސާބިތުކަމާއިއެކު އިންކާރުކުރެވެންނެތް ހަޤީޤަތުގެ ވާހަކަ އެބައިމީހުންނަށް ކިޔައިދެމުންދިޔައެވެ. އަދި އެކަލޭގެފާނާއި ރަސޫލުﷲ صلى الله عليه وسلم އަށް އީމާންވެވަޑައިގެންނެވި އެންމެހާ ބޭކަލުންގެ ހިތްތަކަށް އަމާންކަމާއި، އިންސާފާއި، ހިކުމަތްތެރިކަމާއި، ސާބިތުކަމާއި ތަޤުވާވެރިކަން ލިބިގެންދިޔަ ކީރިތި ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުންގެންދެވިއެވެ. އެހިނދު އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނުގެ ގައިކޮޅުގައި ޖެއްސެވުމަށް އަތް އުފުއްލަވާލެއްވިއެވެ. ނަމަވެސް ޒުވާން މުސްޢަބުގެ މޫނުމަތިން ފެންނަމުންދިޔަ އުޖާލާކަމާއި ސާބިތުކަމާއި މަޢުސޫމްކަމުގެ ނަތީޖާއެއްގެގޮތުން އޭނާގެ އަތް މަޑުމަޑުން ތިރިކޮށްލިއެވެ. އެކަލޭގެފާނުގެ މަންމާފުޅުގެ މައިވަންތަކަމުގެ ޖަޒުބާތުގައި އެކަލޭގެފާނަށް އަނިޔާނުކުރައްވާ ދޫކޮށްލިނަމަވެސް އެކަލޭގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ކަލާނގެތަކަށް ކާފަރުވީކަމަށްޓަކައި އެކަލޭގެފާނު ގޭގެ ކޮޓަރިއެއްގައި ހައްޔަރުކުރެވުނެވެ. މުސްޢަބް މިގޮތުގައި ކަސްތޮޅުގައި އިންނަވަނިކޮށް މުޙައްމަދު صلى الله عليه وسلم އަށް އީމާންވެވަޑައިގެން ބައެއް ބޭކަލުން ހަބުޝްކަރައަށް ހިޖުރަކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނަށް ފާރަލުމަށްތިބި މީހުންނާއި އެކަލޭގެފާނުގެ މަންމައަށް ފިލައިގެން ހަބުޝްކަރައަށް ހިޖުރަކުރެއްވިއެވެ.

އެގޮތުން އެކަލޭގެފަނާއެކު ހަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުންނާއެކު ހަބުޝްކަރައިގައި ހުންނެވުމަށްފަހު އަނެއްކާވެސް މައްކާއަށް ވަޑައިގެންނެވިއެވެ. އަދި ދެވަނަފަހަރު ރަސޫލުﷲ صلى الله عليه وسلم ގެ އަމުރުފުޅަށް ހަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުންނާއެކު އަނެއްކާވެސް ހިޖުރަކުރައްވާ ހަބުޝްކަރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހަބުޝްކަރައިގައި ހުންނެވިނަމަވެސް އެކަލޭގެފާނުގެ އަޒުމްފުޅާއި ތަޤުވާވެރިކަންދިޔައީ އެއްދުވަހުން އަނެއްދުވަހަށް ވަރުގަދަވެ ހަރުދަނާވަމުންނެވެ. އެހެންކަމުން އެކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހުގެ ހައްޤުގައި ސާބިތުކަމާއެކު ތެދުވެވަޑައިގެންނެވުމަށް އެކަލޭގެފާނުގެ ނަފްސު ތައްޔާރުވެއްޖެކަމުގެ އިޙްސާސް އެކަލޭގެފާނަށް ކުރެއްވެވުމާއެކު އެމަގުގައި ނުކުމުވަޑައިގެންނެވިއެވެ. އެއްދުވަހަކު އެކަލޭގެފާނު ނުކުމެވަޑައިގެން ރަސޫލުﷲ صلى الله عليه وسلم އާއި ބައެއް މުސްލިމުން އިށީންދެވަޑައިގެން ތިއްބެވި މަޖިލީހަކަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހަމަ ފެނިވަޑައިގެންނެވުމާއެކު އެ މަޖިލީހުގައި ތިއްބެވި ބޭކަލުން އިސްދަށަށްޖައްސަވައިގެން ތިއްބެވިއެވެ. އަދި އެހިނދު އެބޭކަލުންގެ ލޮލުން ކަރުނަފޮދު ފޭދެމުންދިޔައެވެ. އެހެނީ ޒުވާން މުސްޢަބް ބާވެ ވީދިފައިވާ ހެދުމެއްގައި ހުންނެވިތަން މީގެކުރިން އެބައިމީހުން ދެކެފައެއްނުވެއެވެ. އެބައިމީހުންގެ ލޯތައް ފަރިތަވެފައިވަނީ މުސްޢަބް އިސްލާމްވެވަޑައިގަތުމުގެ ކުރިން ތުރުކުރައްވަމުންދިޔަ ޖަރީކުރެވިފައިވާ ޗާލު ހެދުންތަކަށެވެ. ނަމަވެސް ކައުއިތުރު މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم އަށް އެކަލޭގެފާނު ފެނިވަޑައިގަތީ ހިކުމަތްތެރިކަމާއި ސާދާ ހިނިތުން މޫނެއްގެ ވެރިއެއްގެގޮތުގައެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގޭފާނު މުސްޢަބް ފުރަތަމަ ދެކެވަޑައިގެންނެވިދުވަހު އެކުއްޖެއްގެ މައިންބަފައިންގެ ފަރާތުން ލޯތްބާއި އަޅާލުން އެފަދަ ދަރަޖައަކަށް ލިބެމުންދިޔަ ދެވަނަ ކުއްޖަކު މައްކާގައި ނުވެއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދޫކޮށްލައްވާ އެކަލޭގެފާނު އެ ވަޑައިގަތީ މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ލޯބި ހާޞިލްކުރެއްވުމަށެވެ” އެކަލޭގެފާނަށް އާއިލާގެ ފަރާތުން ލިބެމުންއައި ހުރިހާ ދުނިޔަވީ އުފާތަކެއް އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން އެކަލޭގެފާނު މަންމަވަނީ އެކަލޭގެފާނާއި ދުރުކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅުގެ ދީނަށް އެކަލޭގެފާނު އެނބުރިވަޑައި ނުގެންނެވުމުން އެކަމަނާވަނީ އެކަމަނާގެ އެއްވެސް ކާއެއްޗެއް މުހައްމަދު صلى الله عليه وسلم ގެ ދީން ޤަބޫލުކުރިއެއްވެސް މީހަކަށް ނުދޭން ނިންމާފައެވެ. އެއީ ޚުދު އެކަމަނާގެ ދަރިކަލުންކަމުގައިވީމަނަވެސްމެއެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާ އެންމެފަހުން ބައްދަލުވެފައިވަނީ އެކަލޭގެފާނު ހަބުޝްކަރައަށް ހިޖުރަކުރެއްވުމަށްފަހު އެނބުރި މައްކާއަށް ވަޑައިގެންނެވި ފަހަރު އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނު ދެވަނަފަހަރަށް ހައްޔަރުކުރެއްވުމަށް އުޅުއްވިއިރުގައެވެ. އެފަހަރު އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ މަންމާފުޅުގެ އަމުރަށް އެކަލޭގެފާނު ހައްޔަރުކުރުމަށް އައި ކޮންމެ މީހަކު ޤަޠުލުކުރާނެކަމުގެ އިންޒާރުދެއްވާފައެވެ. އެކަލޭގެފާނުގެ މަންމާފުޅަށް އެކަލޭގެފާނުގެ އަޒުމްފުޅުގެ ވަރުގަދަ ކަމާއި ކުރަން ކަނޑައަޅައިފި ކޮންމެ ކަމެއްގައި ސާބިތުވެ ހުންނަވާ މިންވަރު އެނގިވަޑައިގަންނަވައެވެ. އެހެންވެ އެކަލޭގެފާނު ހައްޔަރުކުރުމަށް އެކަލޭގެފާނުގެ މަންމާފުޅަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އެދެމައިކަނބަލުން ވަކިވެވަޑައިގެންނެވި ވަގުތު ފެނިގެން ދިޔައީ ހައްޤާއި ބާޠިލްގެ ވަރުގަދަ މިސާލެކެވެ. އެކަމަނާ އެކަލޭގެފާނަށް އަމުރުކުރިއެވެ. “މިތަނުން ދުރައްދާށެވެ. ތިމަންމީ ކަލޭގެ މަންމައެއްނޫނެވެ!” އެހިނދު މުސްޢަބް އިބްނު ޢުމައިރު އެކަލޭގެފާނުގެ މަންމާފުޅުގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. “ތިމަން މަންމައަށް ނަސޭހަތްތެރިވަމެވެ. ތިމަންގެ ހިތްވަނީ މަންމައާއި އެކުގައެވެ. ﷲ މެނުވީ އިލާހަކު ނުވާކަމަށާއި މުޙައްމަދު صلى الله عليه وسلم އެއީ އެކަލާނގެ ރަސޫލާކަމަށް ހެކިވެވަޑައިގަންނަވާށެވެ.” އެކަމަކު މުސްޢަބްގެ މަންމަރުޅިވެރިކަމާއެކު ބުންޏެވެ.”ތަރިތައް ގަންދީ ބުނަމެވެ. ތިމަންގެ ދަރަޖައާއި ޖާހު ދައްކޮށްލާ، ހެޔޮވިސްނުމާއި ދުރުވާކަށް ކަލޭގެ ދީނަކަށް އީމާނެއް ނުވާނަމެވެ.” އެހިނދު ހިތާމައާއި މޮޅިވެރިކަމާއެކު އެކަލޭގެފާނު އެކަލޭގެފާނުގެ މުއްސަނދި ދިރިއުޅުމާއި ލޯބިވާ މަންމަ ދޫކޮށްލައްވާ ހައްޤުގެ މަގުގައި ނުކުމެވަޑައިގެންނެވީއެވެ. އެކަލޭގެފާނަށް އެއަށްފަހު ކުރިމަތިވެ ވަޑައިގެންނެވި ދަތި ދިރިއުޅުމާއިމެދު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެން ސާބިތުވެވަޑައިގެންނެވިއެވެ. ބާހެދުންކޮޅު ތުރުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެއްދުވަހު ފަރިއްކުޅުއްވާނަމަ އަނެއްދުވަހު ހުންނަވަނީ ބަނޑުހައިކަންމަތީގައެވެ. އެކަލޭގެފާނުގެ މި ވަރުގަދަ އަޤީދާއާއި ސާބިތުކަމުގެ ސަބަބުން އެތަކެއް ބައެއްގެ ކުރިމަތީގައި އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދިޔައެވެ. އަދި އެތައްބަޔަކަށް އެކަލޭގެފާނުގެ ސަބަބުން ހިތްވަރާއި ކެތްތެރިކަން ލިބިގެންދިޔައެވެ.



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 07 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.