04 ޖޫން 2011 (ހޮނިހިރު)

ދިއިސްލާމް އިން މުޅިން އައު މަޖައްލާއެއް ނެރުއްވައިފި!

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: ދިވެހިރާއްޖެ
 
(2 ރޭޓް)
“ދިއިސްލާމް” ގެ ނަމުގައި 01 ޖޫން 2011 ވަނަ ރޭ ނެރުނު މަޖައްލާ އަކީ ދިއިސްލާމް އޮންލައިން ނޫހުގެ ފަރާތުން ނެރެން ފެށި މަޖައްލާއެއް

މުޅިން އާ ދިވެހި މަޖައްލާއެއް ވުޖޫދަށް އަތުވެއްޖެއެވެ. . “ދިއިސްލާމް” ގެ ނަމުގައި 01 ޖޫން 2011 ވަނަ ރޭ ނެރުނު މަޖައްލާ އަކީ ދިއިސްލާމް އޮންލައިން ނޫހުގެ ފަރާތުން ނެރެން ފެށި މަޖައްލާއެކެވެ.

އެރޭގެ 21:00 ހާއިރު މަންދު ކޮލެޖްގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ޙަފްލާގައި މި މަޖައްލާ އިފްތިތާޙްކޮށްދެއްވީ ޙަފްލާގެ ޝަރަފްވެރި މެޙްމާން ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ ޔޫސުފް ޝާން އެވެ.

ދިއިސްލާމް މަޖައްލާގެ މެނޭޖިންގ އެޑިޓަރ އިސްމާޢީލް އަފްރާޙް މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. އަދި ދިއިސްލާމް މަޖައްލާ ނެރުމުގެ ޚިޔާލް ކުރެވުނީ ހުރިހާ އުމުރުފުރައަކާއިވެސް ގުޅޭ މަޖައްލާ އަކަށް ދިވެހި މުޖުތަމަޢު ބޭނުންވެފައިވާތީ އާއި ވަކި ކުލައަކަށް ތަބާވާ މަޖައްލާއަކަށް ވުމުގެ ބަދަލުގައި ޢިޖްތިމާއީ ގޮތުންނާއި ޢިލްމީ ގޮތުން ބޭނުންތެރި މަޖައްލާ އަކަށް މިމުޖްތަމަޢު ބޭނުންވެފައި ވާތީއެވެ. އަދި މިމަޢުލޫމާތުތައް އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ގެނެސްދިނުމުގެ ބޭނުން ބޮޑުވެފައި، އޮންލައިންގެ އިތުރުން ޕްރިންޓް ވާރޝަން އެއް ނެރުމުގެ މުޙިންމުކަން ބޮޑުވީމަ ކަމަށް އަފްރާޙް ވިދާޅުވިއެވެ.

އެރޭގެ ޙަފްލާގައި ޑރ. ޝާން ދެއްކެވި ވާހަކަފުޅުގައި މިފަދަ އިސްލާމް ދީނުގެ މަޢުލޫމާތު ފަތުރާ މަޖައްލާތައް ނުވަތަ ވެބްސައިޓްތަކުގެ މަޤްޞަދަކީ އެއްމަޤްޞަދެއްކަމަށް ވާއިރު، ކުރީގެ ތާރީޚްތަކުގައި ފުރިހަމަ ދިރާސާ އާއެކު ރަނގަޅު މައުޟޫއުތަކަށް ލިޔެވިފައިވާ މުޙިންމު ލިޔުންތައް އެލިޔުންތެރިންގެ ޙުއްދަ އާއެކު އަލުން ޝާއިޢުކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ދިއިސްލާމް މަޖައްލާގެ ލޭއައުޓާއި ގްރެފިކްސް ތަރުތީބުކުރެވިފައިވާ ގޮތާއި، ހިމެނިފައިވާ މަޢުލޫމާތުތައް ވަރަށް ފުރިހަމަކަން ފާހަގަކުރެއްވިއެވެ.

ޙަފްލާގައި ދިއިސްލާމް އޮންލައިން ނޫސް އަދި މަޖައްލާގެ އެޑިޓަރ އަޙްމަދު ޚަލީލް ވިދާޅުވީ ދިއިސްލާމް ޓީމްގެ ފަލްސަފާއަކީ ސިޔާސީ ގޮތުން މިނިވަންވެ ތިބެ، އިސްލާމްދީނުގެ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތަށް، މުޖުތަމަޢުގެ މަޞްލަހަތަށް ރިޢާޔަތްކޮށް ތެދު ޚަބަރުތައް ފެތުރުން ކަމަށެވެ. އަދި ޓީމްގެ އަމާޒަކީ ދިވެހިރާއްޖޭގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މަޝްރަހުގައި އެންމެ އިތުބާރު ހުރި ވަޞީލަތަކީ ދިއިސްލާމް ކަމުގައި އިންޝާﷲ ހެދުން ކަމަށް ޚަލީލް ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ ދިއިސްލާމްގެ ކުރިމަގާމެދު އުންމީދުކުރަނީ އިންޝާﷲ ވަރަށް އުޖާލާކޮށް ކަމަށެވެ.

ލިޔުންތެރިންގެ ފަރާތުން ޑރ. މައުރޫފް ޙުސައިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ މަޖައްލާއެއް ނެރުމަކީ މުޖްތަމަޢުގެ ޙާލަތު މިއަދު ގޮސްފައިވާ ހިސާބުން ވަރަށް މުޙިންމު ކަމެއް ކަމަށެވެ. މިގޮތުން ދީނީ ހޭލުންތެރިކަން އިތުރުކޮށް، ޚާއްޞަކޮށް ޒުވާނުންގެ ތެރޭގައި ދީނީ ޖޯޝް އުފައްދާ، ދީނަށް ލޯބިޖެއްސުމަށްޓަކައި މިކަހަލަ މަސައްކަތެއް ކުރުން ވަރަށް ބޭނުންތެރި ކަމަށް ޑރ. މައުރޫފް ފާހަގަކުރެއްވިއެވެ. އަދި މުޅި ދުނިޔެ، ޚާއްޞަކޮށް އިސްލާމީ ދުނިޔެ މިވަނީ ޙަޤީޤަތުގައި ބޮޑު އިންޤިލާބެއްގެ ފެށުމުގެ ކޮޅުމަތީގައި ކަމަށާއި، މިފަދަ ޙާލަތެއްގައި ދުނިޔެވާއިރު، އަޅުގަނޑުމެންނަކީ އެއް އުންމަތަކަށް ތަބާވާ ބައެއްކަން ރައްޔިތުންނަށްވެސް ހަނދާންކޮށްދީ ހޭލުންތެރިކޮށް، އިސްލާމީ ވަޙުދަތު ޤާއިމްކުރަން މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ޑރ. މައުރޫފް ވިދާޅުވިއެވެ.

މިޙަފްލާގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށާއި، ދިއިސްލާމަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވަމުން ގެންދަވާ ފަރާތްތަކަށް ޝުކުރު ދެންނެވުމުގެ ނަމްބަރު ފުރިހަމަކޮށްދެއްވީ ދިއިސްލާމްގެ މެމްބަރ އަދި ލިޔުންތެރިއެއް ކަމުގައިވާ އަފްޒާލް ޢަބްދުއްޞައްތާރު އެވެ. ދިއިސްލާމް އޮންލައިން ނޫހާއި ދިއިސްލާމް މަޖައްލާގެ މަސްޢޫލުވެރިޔާ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު ނަޒީފްގެ އިތުރުން ބައެއް ދީނީ ޢިލްމުވެރިންނާއި، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުން މިޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަޖައްލާގެ ލިޔުންތެރިންގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އަލްއުސްތާޛާ އަނާރާ ނަޢީމް އަދި ޑރ. މައުރޫފް ޙުސައިން ފަދަ ޢިލްމީ ބޭފުޅުން ހިމެނެއެވެ.

ސީރިއަސްކަން ވަރަށް ބޮޑު ބަލިތައް ޖެހިގެން އަވަސް ފަރުވާ އަށް ބޭނުންވެފައިވާ ދިވެހި 3 ކުޑަކުއްޖަކަށާއި 1 ޒުވާނަކަށް މާލީގޮތުން އެހީތެރިވެދެއްވުން އެދި އެރޭ ނެރުނު މަޖައްލާގެ ފުރަތަމަ ޢަދަދާއެކު ޚާއްޞަ ސަޕްލިމެންޓެއް ވަނީ ހިމަނާފައެވެ.

ދިއިސްލާމް މަޖައްލާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވުނީ 7 އޭޕްރީލް 2011 ގައެވެ. މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ ބުކްޝޮޕްތަކާއި އެހެނިހެން ބައެއް ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޞްދަރު: ދިއިސްލާމް.ކޮމް (ވަގުތުގެ ލަފްޡުތަކަށް ބަދަލުގެނެވިފައި)

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 04 ޖޫން 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
0 #1 އަހުމަދު 2011-06-04 22:40
ދީން.އިންފޯގެ މަޖައްލާއެއްވެސް ދުރުނޫން މުސްތަގުބަލެއްގައި ފެންނާނެކަމަށް އުއްމީދުކުރަން. މިސައިޓުން، ޖިހާދާއިބެހޭ ވަރަށް ފުރިހަމަ މައުލޫމާތު ފޯރުކޮށް ދޭ.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.