Share

އިންޓަރނެޓް ޗެޓްގެ ޝިކާރަޔަކަށްވީ އަންހެންކުއްޖެއްގެ އާހް

ތަރުޖަމާ: އުއްމު ކުލްޘޫމް (جزاها الله خير)

11 މާރޗް 2010 - އަހަންނަކީ އުމުރުން 17 އަހަރުގެ، ޢަރަބި ޤައުމަކަށް ނިސްބަތްވާ، ޢަރަބި އަންހެން ކުއްޖަކީމެވެ. އަދި އަހަންނަކީ މަތީ ޘާނަވީ ތަޢްލީމް ހާޞިލް ކުރަމުންދާ ދަރިވަރަކީމެވެ. އިންޓަނެޓުން ކުރެވޭ ކަންތައްތައް އެގުމާއިއެކު އަހަންނަށް އޭގެން ނޭދެވޭ ބޭނުންތައް ހިފަން ފެށުނެވެ. ނުދަންނަ މީސްމީހުނާއި ވާހަކަދެއްކުމާއި ހުއްދަނޫން ވެބްސައިޓްތަކަށް ވަދެހަދަން ފެށުނެވެ. އަދި އެފަދަ އެއްޗެހި ބެލުމުގައި އަހަރެންގެ ވަގުތުތައް ހޭދަކުރަމުން ދިޔައީ އަހަރެންގެ މައިންބަފައިންނަށް ސިއްރުންނެވެ. އެއްވެސް މީހަކަށް މިކަންތައްތަކެއް ނޭނގެއެވެ. މިކަންތައްތައް އަހަރެންނަށް ކުރެވެމުންދިޔައީ، އަހަންނަކީ ދީންވެރި، މިފަދަ ނުބައި ކަންތައްތައް ކުރާ މިހުން ދެކެ ނަފުރަތުކުރާ މީހަކު ކަމުގައި ވާޙާލުގައެވެ. މިގޮތުން، އަހަންނާއި އެއްޤައުމެއްގައި އުޅޭ އެހެން ގައުމަކަށް ނިސްބަތްވާ، 21 އަހަރުގެ ފިރިހެނަކާއިއެކު ’މެސެންޖަރ‘ އިން، އަހަންނާއި ދިމާވިއެވެ. އަހަރުމެން ދެމީހުންގެ ހަޤީޤަތް އެކަކު އަނެކަކަށް ކިޔާދެމުން ގެންދިޔައީމެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަން ފާޅުކުރީމެވެ. އެހެނަސް އެއީ ހަމައެކަނި ’ﷲ އަށްޓަކައި‘ ވާ ލޯތްބެއްގެ ގޮތުގައެވެ. އެއްމުސްލިމަކު އަނެއްމުސްލިމަކު ދެކެ ވާން ޖެހޭ ލޯތްބެއްގެ ގޮތުގައެވެ.

އެއަޚާ އަހަރެންނަށް އިސްލާމްދީނުގެ އުޞޫލުތައް ކިޔާދީ ދަޢްވަތު ދެމުން ގެންދިޔައެވެ. އެންމެ ރަނގަޅު ތެދުމަގަށް އަހަންނަށް މަގު ދައްކަމުން ދިޔައެވެ. އޭނާ އަހަރެންނަށް ވެބްކެމް މެދުވެރިކޮށް އޭނާ ދެކިލުމުގެ ހުއްދަ ދިނެވެ. އަދި ބައެއްފަހަރު އަހަރުމެން ދެމީހުން އެކުއެކީ ނަމާދުކޮށް ހަދަމެވެ. ވަކިހިސާބަކުން އޭނާ އަހަރެންނަށް އޭނާގެ ހަށިގަނޑުގެ ތަފާތު ގުނަވަންތައް ދައްކަން ފެށިއެވެ. ނަތީޖާއަކަށްވީ މިސިއްރު ގުޅުމަށް އަހަރެން ދެވި ހިފައި އޭގެ ޝިކާރައަކަށް ހަމަރަނގަޅަށްވެސް ވުމެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައީ އަހަރުމެން އެކަކު އަނެކަކުގެ ކިބައިން ތަފާތު އެކިކަންތައްތައް ދަސްކޮށް އުގެނުމުގައެވެ. މަޑުމަޑުން އަހަރުމެން އިންޓަރނެޓު މެދުވެރިކޮށް ފޯންކޮށް ވާހަކަ ދައްކަން ފެށީމެވެ. އަދި އަހަންނަށް އޭނާއަށް ފުރިހަމައަށް އިތުބާރު ކުރެވުމުން، އަހަރެން ދެކިލުމަށް އޭނައަށް ހުއްދަ ދިނީމެވެ. އަހަރެންގެ އިސްތަށިގަނޑާއި، ހަށިގަނޑުގެ ހުރިހާވާނާތަކެއްހެން ވެބްކެމް މެދުވެރިކޮށް އޭނާއަށް ދެއްކީމެވެ.

އަހަރެންގެ ހިތުގައި އޭނާގެ މައްޗަށްވާ ލޯބި އިތުރުވެ، އޭނާ ނޫން އެހެން ކަމަކާއި ނުވިސްނޭ ހިސާބަށްގޮސް އަހަރެންގެ ކިޔެވުމަށް ވެސް ބުރޫއަރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންގެ ކިޔެވުމުގެ ފެންވަރު ދަށަށް ދިޔައެވެ. ދެން އޭނާ އަހަރެން ގާތުގައި އޭނާ އުޅޭ ތަން ބުނެދިނެވެ. ހަމައެގޮތަށް އަހަރެންވެސް، އަހަރެން އުޅޭތަން ބުނެދިނީމެވެ. އަހަރެން އޭނާގެ މޯބައިލަށް ގުޅާ އޭނާ ދިން މަޢުލޫމާތު ރަގަޅުތޯ ޔަޤީން ކުރީމެވެ. އަހަރެންނާ ކައިވެނި ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އަހަރެން އޭނާގެ ހުށަހެޅުން ޤަބޫލު ކުރީމެވެ. އޭރު އަހަރެންގެ ދެބެންގެދެދަރި ކުއްޖަކާ އަހަރެންގެ ކައިވެނި ހަމަޖެހި ނިމިފައިވަނިކޮށެވެ. އަހަރެންގެ މައިންބަފައިން މިކަންތަކާއި މެދު ނުރުހުން ވެދާނެ ކަމަށް އަހަރެން ވަރަށް ބިރުގަނެއެވެ. އޭނާ އަހަރެންނަށް ބިރުދައްކަން ފެށުމުން މިކަން އިތުރު ވެގެން ދިޔައެވެ. ކަލޭ އަހަރެންނާ ވަކި ވެއްޖެނަމަ ކަލޭ ފަޟީޙަތްކޮށް ފޮޓޯތައް ލީކް ކޮށްލާނަމޭ ބުނެ ބިރުދައްކަމުން ދިޔައެވެ. އަހަރެން މިކަމާއި ބެހޭގޮތުން އޭނާއާއި ވާހަކަދެއްކުމުން، މީހަމައެކަނި ބިރުދެއްކުމަށް ދައްކާ ވާހަކައެއްކަމުގައި އޭނާ ބުނެއެވެ. ނަމަވެސް އަހަންނަށް ހީވާގޮތުގައި އެއީ ހަމައެކަނި ބިރުދެއްކުމެއް ނޫނެވެ. ހަޤީޤަތުގައިވެސް އޭނާ އެފަދައިން އެކަން ކޮށްފާނެއެވެ. އަދި ހަޤީޤަތުގަވެސް އޭނާ ދޫކޮށްލުމަށްފަހު ﷲ ގެ މަގަށް ރުޖޫޢަވުމަށް އަހަރެން ވިސްނަމުން ދިޔައީމެވެ. އަހަރެންގެ މައިންބަފައިންނަކީ ދީންވެރި ބައެކެވެ. އަހަރެން މީހަކު ދެކެ ލޯބިވެ އޭނާއާއި ބައްދަލުކޮށް ހަދަމުންދާކަން މައިންބަފައިންނަށް އެނގިއްޖެނަމަ އަހަރެން މަރާލާނެއެވެ. (އެބަހީ: ތަޅާ އަނިޔާކޮށް ހަދާނެ ވާހަކައެވެ.) މިދިމާވި ކަންތައްގަނޑުން ސަލާމަތް ވުމަށް ހަދާނެގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން ހުރީ ވަރަށް ބިރުގަނެފައެވެ. އަހަރެންނަށް މިކަމަށް މަގުދައްކައިދޭނެ މީހަކު ބޭނުންވެއެވެ.

އަހަރެން ބޭނުން ވަނީ އުފާވެރިކަމެވެ. ބިރުވެރިކަމުގައި ވިސްނާ ވިސްނާ އަހަރެން ބަލިވެއްޖެ އެވެ. މިކަމުގެ ސަބަބުން އަހަރެންނަށް ނަމާދުކުރުން ހުއްޓާލެވިއްޖެއެވެ. އަޅުކަންތަކުން މުޅިން ދުރުހެލި ވެވިއްޖެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ޙަޔާތުގެ މަތިން ފޫހިވެ ގޮތް ހުސްވެއްޖެއެވެ. އަހަރެން ދުނިޔޭގައި ހުރެއްޖެނަމަ އަހަރެންނާއި، އަހަރެންގެ އުޚްތުންގެ ޤަދަރާއި ޢިތްޒަތް އަދި މުސްތަޤުބަލު ގެއްލިދާނެއެވެ. އެމީހުންގެ ބޮލުގައި މިބޮޑު ބަދުނާމު އެޅިދާނެއެވެ. އެހެންކަމުން އަހަރެން ބޭނުމީ އަހަރެންގެ އުޚްތުންނަށްޓަކައި، މިއަދުވިޔަސް މަރުވާށެވެ. މާދަމާ ވަންދެއްވެސް މަޑުކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ދޫކޮށްލަށް އަހަރެން ބޭނުމެވެ. ނަމަވެސް އޭނާ ކޮށްފާނެ ކަމަކާއި މެދު ބިރުގަނެއެވެ. އޭނާ އަހަންނަށް ގުޅާ ހަދާނެއެވެ. އެކަން އަހަރެން ހުއްޓުވާނީ ކިހިނަކުން ހެއްޔެވެ. އަހަރެން މިކަމުން ރުޖޫޢަ ވެއްޖެނަމަ ﷲ ތަޢާލާ އަހަރެންގެ ފާފަ ފުއްސަވާނެ ހެއްޔެވެ؟ މިކަމުން ތައުބާވާނެ ގޮތްތަކަކީ ކޮބާ ހެއްޔެވެ؟ އަހަރެންކޮށްފައިވާ ނުބައި ޢަމަލުތަކަށް ހިސާބުކުރެވޭނެތީ އަދި އެއަށް އަހަރެން ރުޖޫއަކުރެވިދާނެތީ ބިރުވެތި ވަމެވެ. މިކަމުން ނިކުންނާނީ ކޮންގޮތަކަށް ހެއްޔެވެ؟ އަހަރެން ދެވިހިފާފައިވާ މިކަމުން ސަލާމަތްވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ މިކަމަށް ވަރަށް އަވަސް ޖަވާބެއް ބޭނުމެވެ. ތިޔައިން އެއްވެސް އުޚްތަކު އަހަރެންގެ މިމެސެޖު އެއްލާނުލައްޗެވެ. ވީއެންމެ އަވަހަކަށް އަހަރެންގެ މިމެސެޖަށް ޖަވާބެއްދިނުމަށް އާދޭހާއެކު އެދެމެވެ.

އުޚްތާގެ މެސެޖް ނިމުނީއެވެ. ވިސްނާ ފިކުރުކުރާ މީހަކަށް އޭގައި ފިލާވަޅުތަކެއްވާ މެސެޖެކެވެ. ދެނެގަންނާށެވެ! އެއުޚްތާގެ މިބުނުމަށް އަލިއަޅުވާލާނަމެވެ. ”... އެކަކު އަނެކަކު ދެކެ ލޯބިވާކަން ފާޅުކުރީމެވެ. އެހެނަސް އެއީ ހަމައެކަނި ’ ﷲ އަށްޓަކައި‘ ވާ ލޯތްބެއްގެ ގޮތުގައެވެ. ﷲ އަށްޓަކައިވީ މިލޯބި ބަދަލުވީ ﷲ އަށް ނުކިޔަންމަންތެރިވުމުގެ ސަބަބެއްކަމުގައެވެ. ދެމުންއައި ދީނުގެ ދަޢުވަތު ބަދަލުވީ އިޝްޤީ ދަޢުވަތަކަށެވެ.“ ﷲ ތަޢާލާ އެކަނބަލުންނަށް އެންގެވީ އެކަނބަލުންގެ ގޭގައި ޢިތްފަތްތެރިވެ ރައްކައުތެރިވެތިބުމަށެވެ. އަދި ހެޔޮ ގޮތުގައި ކައިވެނި ކުރުމަށެވެ. ހަމަކަށަވަރުން އައްސައްވާ އަދި ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ.

މިއީ އަހަރުމެންގެ ތެރެއިން މިފަދަ ދަޢުވަތުދޭ ކޮންމެ އަޚަހަކާއި އުޚްތަކު ވަރަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.


އަޞްލު: މިލިޔުމަކީ އުޚްތަކު، www.dharulislam.info އަށް ކޮށްފައިވާ މެއިލް އެކެވެ. މިލިޔުން ޕަބްލިޝްކުރެވިފައިމިވަނީ އެއުޚްތާގެ ހުއްދަޔާއެކު އެހެންމީހުންނަށް މީގެން ޢިބްރަތެއް ލިބިދިނުމަށްޓަކައެވެ.