Share

رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...

ބޭކާރުވެގެންވާ ދިހަ ކަންތައް

އިމާމް އިބްނި ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

18 ފެބްރުއަރީ 2010 - ބޭކާރު ދިހަ ކަމެއްވެއެވެ. އެއީ ޢަމަލުކުރުމެއްނުވާ ޢިލްމާއި، އިޚްލާސްތެރިކަމެއް އަދި ޞާލިހުންގެ ނަމޫނާތަކަށް ތަބަޢުވުމެއް ނުވާ ޢަމަލުތަކާއި، ދުނިޔަވީ ޙަޔާތަށްޓަކައި އަދި އާޚިރަތަށްޓަކައި އެއްވެސް މަންފާއެއް ނުކުރާފަދައިން އެއްކުރެވިފައިވާ މުދަލާއި، ﷲ އަށްޓަކައި އެއްވެސް ލޯތްބެއް އަދި އެއިލާހާ ބައްދަލުކުރުމަށް އެއްވެސް ދަހިވެތިކަމެއް ނުވާ ހިތަކާއި، އެއިލާހަށް ޚިދުމަތްކުރުމުންނާއި، ކިޔަމަންގަތުމުން މަޙްރޫމުވެފައިވާ ހަށިގަނޑަކާއި، ﷲ ގެ އެއްވެސް އަމުރަކަށް ކިޔަމަންވުމެއްނެތި އެއިލާހު ދެކެ ލޯބިވުމާއި، އިސްތިޣްފާރުކުރުމުގައާއި ހެޔޮ ޢަމަލުތައް ކުރުން ނޫން އެހެން ގޮތްގޮތުގައި ހޭދަ ކުރެވޭ ވަގުތާއި، ބޭކާރު ކަންތައްތަކާއި މެދު ވިސްނާ ސިނކުޑިއަކާއި، ތިބާ އާއި ﷲ އާއި ގާތްކޮށްދިނުމުން އެއްކިބާ ކުރުވަނިވި ކަންތައްތައްތަކާއި ދުނިޔަވީ ޙަޔާތުގައި އެއްވެސް މަންފާއެއް ނުކުރާފަދަ ކަންތައްތައް ކޮށްދޭ މީހުންނަށް ޚިދްމަތް ކުރުމާއި، ﷲ ތަޢާލާގެ ފުރިހަމަ ބާރުފުޅުގެ ދަށުގައިވާ، އަދި މަރުވުމާއި ދިރުއްވުމުގައި އެއްވެސް ބާރެއް ލިބިގެންނުވާ މަޚްލޫޤުންގެ ކިބައިން ބިރުގަތުމާއި، އުންމީދު ކުރުމެވެ.

އެހެނެއްކަމަކު މިހުރިހާ ކަމަކަށްވުރެވެސް، ތިމާގެ ހިތް ނުރަނގަޅު ގޮތުގައި ބޭނުންކުރުމާއި އަދި ވަގުތުގެ ބޭނުން ނުހިފުމަކީ އެންމެ ބޮޑެތި ކަންތައްތަކެވެ. ތިމާގެ ހިތް ނުރަގަނޅު ގޮތުގައި ބޭނުން ކުރުމަކީ، އުޚްރަވީ ޙަޔާތުގެ މައްޗަށް މިދުނިޔަވީ ޙަޔާތް އިސްކުރުމެވެ. އަދި ވަގުތުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފުމަކީ ހުއްޓުމެއްނެތް އުންމީދުތަކެއް ކުރުމެވެ. މިކަންކަން ބޭކާރުކަންކަމަށްވާ ސަބަބަކީ ތިމާގެ އަމިއްލަ ހަވާ ނަފްސުގެ އެދުންތަކަށް ތަބަޢުވުމާއި އެކު އެއެދުންތަކާއި މެދު ހުއްޓުމެއްނެތް އުންމީދުތައް ކުރުމުންނެވެ. ނަމަވެސް ހުރިހާ ހެޔޮކަމެއްވަނީ ޙައްޤުމަގަށް ތަބަޢުވެ، ﷲ ގެ ހަޟްރަތާއި ބައްދަލުކުރުމަށްޓަކައި ތައްޔާރުވުމުންނެވެ.

ﷲ ގެ އަޅާ އަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އޭނާ ﷲ އަށް އެދި ދަންނަވައެވެ. ނަމަވެސް އަޖައިބު ކުރަނިވި ކަމަކީ އޭނާގެ ހިތް، ޖާހިލުކަމުންނާއި، ފަރުވާކުޑަކަމުންނާއި، ބިދުޢަތަކުގައި ބައިވެރިވުމުންނާއި، އެނޭގެ ހަވާ ނަފްސުގެ އެދުންތައް ފުރިހަމަކުރުމުގައި މަޝްޣޫލުވެފައި ވީ ހިނދު، އޭނާ އެކަންތައްތަކުން ސަލާމަތް ކުރައްވާތޯ ﷲ އަށް އެދި ނުދަންނަވާކަމެވެ. ހަމަކަށަވަރުން ހިތް މަރުވުމުން، އޭނާއަށް އޭނާގެ ފާފަތަކުގެ ބޮޑުކަމެއް އިޙްސާސެއް ނުކުރެވޭނެއެވެ. އަދި އެފާފަތަކުގެ ސަބަބުން އޭނާއަށް އެއްވެސް އަޘަރެއްވެސް ނުކުރާނެއެވެ.


އަޞްލު: 'އަލް-ފަވާއިދުން' ނެގި ތަރުޖަމާ ކުރެވިފައި