27 ފެބްރުއަރީ 2010 - އަފްޣާނިސްތާނުގެ ކުޑަ އަވަށެއް ކަމުގައިވާ މަރްޖާ އަވަށުގައި އެމެރިކާނުންގެ ގިނަ ޢަދަދެއްގެ ސިފައިންނާއި އެކު މުޖާހިދުންނާއި ދެކޮޅަށް ޢުދުވާނެއް ފަށައިފާވާ ހިނދު، މުޖާހިދުންގެ ފަރާތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި (އެމެރިކާ އާއި އެމީހުންގެ އަޢްވާނުންގެ މީހުން ރައްކައުތެރިކަން ހޯދުމަށްޓަކައި ޤާއިމްވެ ތިބޭ އަވަށް) ގޮއްވާލެވުނު ބޮންތަކަކާއި އަދި ދެވުނު ބަޑީގެ ޙަމަލާތަކެއްގައި 17 މީހުން މަރުވެ 32 ޒަޚަމްވެއްޖެއެވެ. މިމީހުންގެ ތެރޭގައި ގިނައީ އެޤައުމުގައި އުޅޭ ބިދޭސީންނެވެ. އަފްޣާނިސްތާނުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މިދެވުނު ޙަމަލާ ދެވިފައިވަނީ، އާންމުގޮތެއްގައި ބޭރު މީހުން ބޭނުންކުރަމުން ދިޔަ ގެސްޓް ހައުސްތަކަކާއި ހޮޓާތަކެއްގެ ކައިރީގައި ކަމަށެވެ.
މިޙަމަލާގެ ވަގުތުގައި އަފްޣާންގެ ފުލުހުންނާއި މުޖާހިދުންނާއި ދެމެދުގައި ބަޑީގެ ޙަމަލާ ބަދަލުކުރެވުނު ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. މިޙަމަލާގައި އަނިޔާލިބި އަދި މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 4 އިންޑިޔާ ރައްޔިތުންނާއި، ފްރާންސްގެ އެކަކާއި އަދި އިޓަލީ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި، އެސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދިޔަ މީހުންވެސް ހިމެނެއެވެ.
މިޙަމަލާގެ ޒިންމާ ޠާލިބާން މުޖާހިދުން ވަނީ ނަންގަވާފައެވެ.
ޙަމަލާގައި އަނިޔާލިބުނު މީހުންގެ ޙާލަތު ގޯސްވުމުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވެއެވެ.
މިޙަމަލާ ދެވިފައިމިވަނީ، އަފްޣާނިސްތާނަށް އަރައިގަނެފައިވާ ފައުޖުތަކާއި އަފްޣާންގެ ސަލާމަތީ ބާރުތައް ގުޅިގެން ޠާލިބާން މުޖާހިދުންނާއި ދެކޮޅަށް އޮޕަރޭޝަން 'މުޝްތަރިކް' ގެ ނަމުގައި ވަރުގަދަ ޢަސްކަރީ ހަރަކާތެއް ހިންގަމުންދާ ދުވަސް ވަރެއްގައެވެ. މިފަދަ ޙަމަލާތަކުން ދައްކުވައިދެނީ، ގުޅިފައިވާ ލަޝްކަރުގެ ގާބިލިއްޔަތުކަން ކުޑަކަމާއި އަދި ޠާލިބާން މުޖާހިދުންނަށް ލިބެމުންދާ ނަޞްރުތަކެވެ.