|
7000 އާއި 8000 ދޭތެރޭގެ ޢަދަދަކަށް މުސްލިމުން މަރާފައިވާ މިއަނިޔާވެރި މުޖްރިމް ދުނިޔޭގައި ހުރުމަކީ މުސްލިމުން ލަދުގަންނަންޖެހޭ ކަމެއް.
|
03 މާރޗް 2010 - މުސްލިމުންނާއި ދެކޮޅަށް ނުވަދިހައިގެ އަހަރުތަކުގައި ހިންގި މަޝްހޫރު ޤަތުލްޢާންމުގައި އެންމެ އިސްކޮށް ހުރި މުޖްރިމުކަމަށްވާ ސާރބުންގެ އޭރުގެ ވެރިޔާ ރަޑްވާން ކަރައްޒިޗް، އޭނާ އާއި ދެކޮޅަށް ކުރެވޭ ދަޢްވާތަކަކީ ހަދަހަދައިގެން ދައްކާ ފްލޯކް ދޮގު ވާހަކަތަކެއް ކަމަށް އިއްޔެ އޭނާ ކޯޓުގައި ބުނެފިއެވެ.
އޭނާއަކީ ޔުގެސްލޭވިޔާގެ ވެރިއެއް ކަމަށްވާ ސްލޮބޮޑާން މިލޮސޮވިޗް އާއި ގުޅިގެން ސާރބިޔާ ގެ ސަރަޙައްދު ބޮޑުކުރުމަށްޓަކައި 1992 އިން 1995 ބޮސްނިޔާގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރި އަނިޔާވެރި ނުބައި ނުލަފާ ވެރިޔާއެވެ. މިހަނގުރާމައިގައި 100000 މީހުން މަރުވެ 2.2 މިލިޔަން މީހުންގެ ވީނުވީ ތަނެއް ނޭންގި ގެއްލިފައިވެއެވެ.
އޭނާ އެޤަތުލްޢާންމާއި ބެހޭ ގޮތުން ބުނީ އެއީ ޢަދުލުއިންޞާފުގެ މަތީން ކުރެވުނު ހަނގުރާމައެއް ކަމަށާއި އަދި އެއީ މުޤައްދަސް ހަނގުރާމައެއް ކަމަށެވެ.
އަދި 1995 ގައި ބޮސްނިޔާ ހެޒަގޮވީނާގެ ރަށެއް ކަމުގައިވާ ސްރެބްރެނިކާ ގައި އޭނާ ހިންގި ޤަތުލްއާންމުގައި މަރާލި 7000 މުސްލިމު ފިރިހެނުންނާއި އަދި ފިރިހެން ކުދީންނާއި ބެހޭގޮތުންވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ރަޑްވާން ކަރައްޒިޗް ބުނި ގޮތުގައި ގިނަ މުސްލިމުން މަރުވެފައިވަނީ އެމީހުންގެ އަމިއްލަ މުސްލިމު ލަޝްކަރުތަކުން އަޅަމުން ދިޔަ ބޮންތަކުން ކަމަށެވެ.
މިއީ އަނިޔާވެރި ނުބައި ނުލަފާ މުޖްރިމަށް ދޮގު ހެދުމުގެ ރޮގުން ބައިނަލް އަޤްވާމީ އިނާމެއް މިހާރު ދޭންވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އެހެނީ މީނާ އިސްކޮށް ހުރެގެން ހިންގައިފައިވާ ޖަރީމާ ތަކަކީ މުޅިދުނިޔެއަށް ޢާންމުވެ މަޝްހޫރުވެފައިވާ ޖަރީމާތަކެކެވެ.
މިއަދު ދުނިޔޭގެ ކޯޓުތަކުގައި އެމީހުންގެ މީހުން ފަހަތުގައި ބައިތިއްބައިގެން ސަލާމަތްވާން ކިތަންމެ ދޮގުތަކެއްވެސް ހެދިދާނެއެވެ. އެހެންނަމަވެސް ﷲ ދީނާއި އެއިލާހުގެ އަޅުންނަށް އެފަދަ އަނިޔާތައް ނުޙައްޤުން ދީފައިވާ މުޖްރިމެއް މާދަމާ، އެންމެ ފުރިހަމައަށް އިންޞާފު ކުރައްވާ ފަރާތުގެ ކުރިފުޅުމަތީގައި ދައްކާނީ ކޮން ޢުޛުރެއްބާއެވެ؟