Share

އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) (1)

ތަރުޖަމާ: ޢުންމު އަބީރު (جزاها الله خير)

26 ޖެނުއަރީ 2010 - އިމާމް އަޙްމަދު ބިން މުޙައްމަދު ބިން ޙަންބަލް (رحمه الله) އުފަންވެވަޑައިގަތީ މިހާރުގެ ތުރުކުމަނިސްތާނުގެ 'މަރްވީ' ކިޔުނު ރަށުގައެވެ. ހިޖުރައިން 164 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 20 ވަނަދުވަހުގައެވެ. އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނަށް ރައްކައުވެވަޑައިގެންނެވީ ބަޣްދާދަށް ކުރި ދަތުރެއްގެ މަތީގައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން އަހަރުތަކެއްހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕާފުޅު އަވަހާރަވިއެވެ. އެހެން ކަމުން، އޭގެ ފަހުން އެކަލޭގެފާނު ގެންގުޅުއްވާ ތަރުބިއްޔަތު ކުރެއްވީ މަންމާފުޅެވެ. އެކަލޭގެފާނުގެ ބައްޕަ، ސައްޔިދުނާ މުޙައްމަދު ( رحمه الله) އަކީ ޢިރާޤުގެ ބަޞަރާގައި އުޅުއްވި މުޖާހިދެކެވެ.

ޙަޔާތުގެ ކުރީ ކޮޅު

އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) އަކީ އެކަލޭގެފާނުގެ ޅަޢުމުރުގައި، ސާފުޠާހިރުކަމާއި، ތަޤްވާވެރިކަމާއި އަދި ޒުހުދުވެރި ކަމުގެ ފާހަގަކުރެވިފައިވާ ކުއްޖެކެވެ. އެގޮތުން، އެއްފަހަރެއްގައި އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަކު އެކަލޭގެފާނުގެ އަތަށް، ބަޔެއްގެ މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތަކެއް ދީފައި ޚަލީފާގެ އަރިހަށް ގެންދިއުމަށް ފޮނުވިއެވެ. އެކަލޭގެފާނު އެލިޔެކިޔުންތައް ގެންދަވާފައި އޭގެފަހުން އެތައް ދުވަހެއް ވަންދެން ބޮޑުބޭބެއާއި ބައްދުލު ނުކުރައްވާ ހުންނެވިއެވެ. އެންމެ ފަހުން، ބޮޑުބޭބޭއާއި އެކަލޭގެފާނާއި ބައްދަލުވި ދުވަހުގައި އެލިޔެކިޔުންތަކާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. "އަހަރެންނެއް އެލިޔެކިޔުން ތަކެއް ހަވާލެއް ނުކުރާނަން. އަދި އަހަރެން އެލިޔެކިޔުންތައް މޫދަށް އެއްލާލައިފިން" މިކަމަށް އިޝާރާތް ކުރައްވާ ބޮޑުބޭބެ ވިދާޅުވިއެވެ. "މިކުޑަކުއްޖާ، ﷲތަޢާލާގެ ދެކެ ނުހަނު ބިރުވެތިވެއެވެ." އެކަލޭގެފާނުގެ ބޮޑުބޭބެގެ ފަރާތުންވެސް މަޢުލޫމާތުދޭ މީހެއްގެ ގޮތުގައި ވެލައްވަން ބޭނުންފުޅު ނުވީއެވެ. އެއީ އެހާ ޅަޢުމުރުގައިވެސް، އެކަލޭގެފާނުގެ ހިތުގައި ބިންވަޅުނެގިފައިވާ ﷲ ތަޢާލާއަށް ގަންނަ ބިރެވެ.

ޒުވާން ކަމާއި ތަޢުލީމު

އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) އަކީ، އިސްލާމީ ތަޢުލީމު އުގެނިވަޑައިގެންނެވުމުގެ ޝައުޤުވެރިކަން ހުންނެވި، ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. ފިޤްޙު ޢިލްމު އުގެންނިވަޑައިގަތީ މަޝްޙޫރު ހަނަފީ ގާޟީއެއްކަމުގައިވާ އަބޫ ޔޫސުފްގެ ކިބައިންނެވެ. އަބޫ ޔޫސުފް އަކީ އިމާމް އަބޫ ޙަނީފާގެ (رحمه الله) ދަރިވަރެއް އަދި އެކަލޭގެފާނުގެ ރަޙްމަތްތެރިއެކެވެ. ޢުމުރުފުޅުން 16 އަހަރުގައި ޙަދީޘް ޢިލްމު އުގެނިވަޑައިގެންނެވުމަށްޓަކައި، އިސްލާމީ ޚިލާފާތުގެ ވަށައިގެން ދަތުރު ކުރައްވަން ފެއްޓެވިއެވެ. ދަރިވަރެއްގެ ގޮތުގައި ވީއިރު، އެކަލޭގެފާނުގެ މުދައްރިސުން، އެބޭބޭކަލުންގެ އަމިއްލަ ނަފްސަށް އިޙްތިރާމް ކުރައްވާ މިންވަރަށް އެކަލޭގެފާނަށް އިޙްތިރާމް ކުރައްވެވިއެވެ. އިބްން އަލްޖައުޒީ ވިދާޅުވިގޮތުގައި، އިމާމް އައްޝާފިޢީ (رحمه الله)، ހިމެނިވަޑައިގަންނަވަނީ، އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) އެންމެ ލޯބިވެވަޑައިގަންނަވާ މުދައްރިސުންގެ ތެރޭގައެވެ. އިމާމް އައްޝާފިޢީ (رحمه الله) ވެސް، އިމާމް އަޙްމަދުގެ ކިބައިގައިވާ ޙާދީޘް ޢިލްމާއި ފިޤުހުގެ ޢިލްމަށް ތަޢުރީފް ކުރައްވައެވެ. އެގޮތުން އިމާމް ޝާފިޢީ ވިދާޅުވެ އުޅުއްވައެވެ. "ކަލޭގެފާނަށް ސައްޙަ ޙަދީޘެއް އެގިވަޑައިގަންނަވާނަމަ އަޅުގަނޑުމެން އެހަދީޘަކަށް ޢަމަލު ކުރެއްވުމަށްޓަކައި، އަޅުގަނޑުމެންނަށްވެސް އެޙަދީޡް ކިޔައި ދެއްވަވާ ބައްލަވާށެވެ." ހަމައެއާއިއެކު، އިމާމް އަޙްމަދު، އިމާމް ޝާފިޢީއަށް ލޯބިކުރައްވާ އިޙްތިރާމް ކުރައްވާ މިންވަރަކީ، އިމާމް ޝާފިޢީ އަހެއްގައި ވަޑައިގަންނަވާ ތަން ފެނިވަޑައިގެން ކަމުގައިވިޔަސް، އިމާމް އަޙްމަދު އެކަލޭގެފާނުގެ ފަހަތުން ފައިމަގުގައި ވަޑައިގެން، ފިޤުހީކަންތައްތައް އޮޅުން ފިލުއްވާ ހައްދަވައެވެ.

ޢިލްމު އެކަނި އުގެނިވަޑައިގަންނަވާފައި އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) ހުއްޓަވައެއް ނުލައްވައެވެ. އޭގެ ބަދަލުގައި، އެޢިލްމު ޒީނަތްތެރިކުރެއްވީ، ޢަމަލު ކުރެއްވުމުންނާއި، ޖިހާދު ކުރެއްވުމުންނާއި، ފާރައަށް (ރިބާޠު) ހުންނެވުމާއި އަދި 5 ފަހަރު ޙައްޖުވުމުންނެވެ. އޭގެތެރެއިން ދެފަހަރު ޙައްޖުކުރެއްވީ ފައިމަގުގައެވެ.

ޢިލްމު އުގެންނެވުމުގައި އެކަލޭގެފާނުގެ ޙަޔާތް ޕުޅުގެ 40 އަހަރު ހޭދަކުރެއްވެވިއެވެ. އަދި އެއަށްފަހުގައި މުފްތީއެއްގެ ގޮތުގައި ވެވަޑައިގެންނެވިއެވެ. އައްޝާފިޢީގެ ފަރާތުން އެގިފައިވާ ގޮތުގައި، އިމާމް އަޙްމަދު ބިން ޙަންބަލް (رحمه الله) މުފްތީއަކަށް ވެވަޑައިގެންނެވި އިރު، އިސްލާމީ ޢިލްމުތަކުގެ ބައިތަކުގެ ތެރެއިން 6 ނުވަތަ 7 ބައިގެ އިމާމެއް ކަމުގައި އެކަލޭގެފާނު ވެލެއްވިއެވެ.

ޙަދީޘް ޢިލްމުގެ އިމާމެއްގެ ގޮތުގައި އެކަލޭގެފާނު ވިއެވެ. މިގޮތުން އެކަލޭގެފާނުގެ އެންމެ ފުރިހަމަ އަދި މަޝްހޫރު ފޮތަކީ އަލްމުސްނަދުއެވެ. މިއީ، އެކަލޭގެފާނުގެ ކިބައިގައިވާ ޙަދީޘް ޢިލްމުގެ ފުރިހަމަކަން ދަލީލްކޮށްދޭ ދިރިހުރި މިޘާލުވެސް މެއެވެ. އަދި މީގެ އިތުރުން، ނާޤިދު ޙަދީޘްތަކަށް އެންމެ އިންޞާފްވެރިކަމާއި ހަމަހަމަ ކަމާއިއެކު މުރާޖަޢާ ކުރެއްވުމަށް މަޝްހޫރުވެވަޑައިގަތް ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ.

އިމާމް އަޙްމަދުއަކީ، ދެބަހަކުން ވާހަކަދެއްކިވި ބޭކަލެއް ކަމުގައި ވިޔަސް، ޢަރަބި ބަހާއި، ޅެންވެރިކަމާއި އަދި އަދަބިއްޔާތުގެ މާހިރަކަށް ވެފައިވެއެވެ. ޢަރަބި ބަހަށް އެކަލޭގެފާނު ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވިއެވެ. އެގޮތުން، ޢަރަބި ބަހުގެ ޤަވާއިދާއި ބަސްތައް ފާޅުކުރާ އުޞޫލުތަކަށް ވަރަށް ސަމާލުކަން ދެއްވިއެވެ.

ޤުރުއާނުގެ ޢިލްމުގެ އިމާމެއްގެ ގޮތުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވެއެވެ. ތަފްސީރާއި، އަލްނަސިޚް ވަލްމަންސޫޚުއާއި އަދި ޤުރުއާނުގެ އެކިއެކި ޤީރާތަށް ކިޔެވުމާއި ބެހޭގޮތުން ލިޔުއްވެވިއެވެ.

މިހެން ވުމުގެ ސަބަބުން، އިމާމް އަޙްމަދު ވެވަޑައިގެންފައިވަނީ، އިމާމް އަހްލުއް ސުންނަތުގެ ގޮތުގައެވެ.

މުދައްރިސުން

އެކަލޭގެފާނުގެ މުދައްރިސުންނަކީ، އިމާމް ޝާފިޢީ (رحمه الله)، އާއި ސައްޔިދުނާ ބިޝާރް ބިން އަލް މުފައްދަލް (رحمه الله)، އާއި ސައްޔިދުނާ އިސްމާޢިލް ބިން އުލައްޔާ (رحمه الله)، އާއި ސައްޔިދުނާ ޖަރީރް ބިން އަބްދުލް ޙާމިދު (رحمه الله) އަދި ސައްޔިދުނާ ޔަޙްޔާ ބިން ސަޢުދު (رحمه الله) އެވެ. ޙަދީޘް ޢިލްމު އެއްކުރެއްވި އިމާމް ބުޚާރީ އަދި އިމާމް މުސްލިމް (رحمه الله) ވެސް އެކަލޭގެފާނުގެ މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އިމާމް ޝާފީޢީ (رحمه الله) ވެސް އިމާމް އަޙްމަދު ބިން ޙަންބަލްގެ (رحمه الله) އަރިހުން ހަދީޘް ރިވާކުރައްވާފައިވެއެވެ. އިމާމް ޝާފިޢީ (رحمه الله) އަކީ އެކަލޭގެފާނުގެ ދުވަސްވަރުގައި ހުންނެވި އެންމެ ޢިލްމީ ބޭފުޅާގެ ގޮތުގައި ވީނަމަވެސް، ބައެއް ޙަދީޘްތަކާއި ބެހޭގޮތުން އިމާމް އަޙްމަދު ބިން ޙަންބަލްގެ އަރިހުގައި އައްސަވައެވެ.

**** ނުނިމޭ ****



އަޞްލު: ދާރުއްސަލާމް އިން ނެގި ތަރުޖަމާ ކުރެވިފައި