30
ޖެނުއަރީ 2010 -
އަމިއްލަ ނަފްސުގެ ކުށްތަކަށް އިޢުތިރާފްވުމަކީ، ނަފްސު އިޞްލާޙުވުމުގެ
އެންމެ ފުރަތަމަ ފިޔަވަޅެވެ. އެމީހެއްގެ ކިބައިގައި ކުށްތަކެއް
ހުރިހަކަމަށް އިޢުތިރާފްވެއްޖެ ކޮންމެ މީހަކު ވަނީ ނަފްސު އިޞްލާޙްކުރުމުގެ
މަގު ފަށާފައެވެ. މިފަދައިން ކުށްތަކަށް އިޢުތިރާފްވުމީ، އަހަރެމެންގެ
އަމިއްލަ ނަފްސުތައް އިޞްލާޙްވުމާއި، އެކަމުގައި ދެމިހުރުމުގެ ސަބަބުތަކުގެ
ތެރެއިން ސަބަބެކެވެ. މިފަދައިން އިޢުތިރާފްވުމުގެ ސަބަބުން، މީހެއްގެ
ނަފްސު އިޞްލާޙްވުމުން ދުރުހެލިކޮށްގެން ނުވާނެއެވެ. މިއީ، މީހަކު
އިޞްލާޙުވެ ރަނގަޅުވާން މަސައްކަތްކުރާ ހިނދުގައި، ﷲތަޢާލާ ވެލައްވާ
އަޅާލެއްވުމުގެ ހެއްކެކެވެ. އެހެނީ، ﷲތަޢާލާ ވަހީކުރެއްވިއެވެ.
އެހެން ކަމުން، ﷲ ގެ ވަޖުހުފުޅަކަށްޓަކައި އިސްލާޙްވާން މަސައްކަތްކޮށްފި މީހަކަށް، އެމީހަކު އިސްލާޙްވުމަށްޓަކައި އެއިލާހު މަދަދުވެރިވެލައްވާނެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ނަފްސާއިމެދު ވަކިވަކީން ޒިންމާވާންޖެހޭނެ މީހެކެވެ. އަދި ސުވާލުކުރެވޭނީވެސް ކޮންމެ މީހެއްގެ ނަފްސަކާއި ވަކިވަކީންނެވެ. އެހެނީ، ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.
އެމީހަކު އަމިއްލައަށް އެކަމުގައި ޝައުޤުވެރިކަން ނުބަހައްޓާހާ ހިނދަކު، ހެޔޮކަންތައްތަކާއި ބެހޭގޮތުން އެނގިފައިވާ އެއްޗަކުން އެމީހަކަށް ފައިދާއެއް ނުކުރާނެއެވެ. ދެނަބިއްޔުން ކަމުގައިވާ ލޫތު (عليه السلام) އާއި ނޫޙު (عليه السلام) އާއި ދެބޭކަލުންގެ އަނބިއަނބިކަނބަލުންގެ ވާހަކަ ނުދަންނަމު ހެއްޔެވެ؟ ދެނަބިއްޔުންގެ ތެރެއިން އެއްބޭކަލަކީ، ވަރުގަދަ ޢަޒުމެއްގެ މަތީގައި ހުންނެވި ނަބިއްޔެކެވެ. މިނަބިއްޔުން، އެބޭބޭކަލުންގެ އަނބިއަނބިކަނބަލުން އިޞްލާޙު ކުރެއްވުމަށްޓަކައި ކުރި މަސައްކަތް ތަޞައްވަރު ކުރެވޭހެއްޔެވެ؟ އަދި މިބޭކަނބަލުންނަށް އިރުޝާދު ލިބުނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އެހެން ނަމަވެސް، އެމީހުންގެ ފަރާތުން އެކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނުލިބުނެވެ. އެހެން ކަމުން، އެދެއަނބިންނަށްވެސް ވަހީކުރެއްވުނީ މިފަދައިންނެވެ.
އެއާއިޚިލާފަށް، ފިރުޢައުނުގެ އަނބިކަނބަލުން، އެކަމަނާއީ އެންމެ ނުބައިކަން ބޮޑު އިންސާނާގެ ގޭގެ އަހުލުވެރިންގެ ތެރޭގައި ހިމެނިގެންވީ މީހެއްކަމުގައި ވިއެވެ. އެހެންނަމަވެސް، އެކަމަނާ ވެވަޑައިގެންފައިވަނީ ﷲ ތަޢާލާގެ ހަޟްރަތުގައި އީމާނުގެ އަހުލުވެރީންނަށްޓަކައި މިޘާލެއް ކަމުގައެވެ. އެއީ އެކަމަނާ، އެކަމަނާގެ ނަފްސު އިޞްލާޙް ކުރެއްވީތީއެވެ. މުސްލިމަކަށް އެމީހެއްގެ ނަފްސު އިޞްލާޙް ކުރެވިދާނެ ގޮތްތައް ތިރީގައި މިވަނީއެވެ.
1- ﷲ އަށް އަޅުކަންކުރުން: އެކަލާނގެ އާއި އެކުގައިވުމާއި އެކަލާނގެއަށް ކިޔަމަންތެރިވުމެވެ. މިކަން ކުރެވޭނީ ވާޖިބު އަޅުކަންތައް ހެޔޮގޮތުގައި އަދާކުރުމަށް ސަމާލުކަން ދިނުމުންނާއި އަދި މީހާގެ ހިތް ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް ގުޅުފައިވުމުން ޠާހިރު ކުރުމުންނެވެ.
2- ޤުރުއާން ކިޔެވުން: ޤުރުއާނުގެ މާނައާއިމެދު ވިސްނާ، ޤުރުއާން ފަހުމުވުމަށް އެދުން.
3- ދީނީ ގޮތުން މުހިއްމު ފޮތްތައް ކިޔުން: ހިތް ޠާހިރުކޮށް ހިތް ގެންގުޅޭނޭ ގޮތް ބަޔާންކޮށްދޭ ފޮތްތައް ކަމުގައިވާ މުޚްތަސަރު މަންހާޖް އަލްޤާސިދީން، ތަޙްޒީބް މަޟާރިޖް އައްޞާލިޙީން ފަދަ ފޮތްތަކާއި މިނޫންވެސް އެހެނިހެން ފޮތްތައް ކިޔުމެވެ. ސަލަފުންގެ ޙަޔާތްޕުޅާއިބެހޭ ގޮތުން، އެބޭބޭކަލުންގެ އަޚްލާޤާއި އުޅުއްވުން ހިމެނޭ ފޮތްތައް ކަމުގައިވާ އިބްން ޖައުޒީ (رحمه الله) ގެ ’ސިފަތުއްޞަފްވާން‘ އަދި ބަހާއުއްދީން، އަޤީލް އަދި ނާސިރު އަލްޖަލީލް ލިޔުއްވާފައިވާ ’އައިނަ ނަޙްނު މިން އަޚްލާޤިއްސަލަފް‘ ފަދަ ފޮތްތައް ކިޔުމެވެ.
4- ޢިލްމީ ޙަފްލާތައް ކަމުގައިވާ ކްލާސްތަކާއި ދަރުސްތަކަށް ދިއުން.
5- ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން، އަދި އެވަގުތުތައް، މިދުނިޔެއާއި، އަދި ރޫޙާނީ ގޮތުން ފައިދާ ކުރަނިވި ގޮތުގައި ހޭދަކުރުން.
6- ތަޤްވާވެރިންނާއިއެކު އުޅުން: ތިމާއަށް ހެޔޮކަންތައްތައް ކުރުމަށް މަގުފަހިކޮށްދޭނެ ސާލިޙު ރަޙްމަތްތެރިން ހޯދުން. އަޚްލާޤީ ގޮތުން ރަނގަޅު އަޚެއްގެ ކިބައިން ލިބޭނެ ސިފަތަކުން، އެކަނި އުޅޭ މީހަކު، މަޙްރޫމްވެގެންވާނެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އެހެން މީހުން އިސްކުރުމާއި އަދި ކެތްތެރިވުމުގައެވެ.
7- ތިމާ އުނގެނުނު އެއްޗަކަށް ޢަމަލްކޮށް، ޢަމަލުން ތަންފީޒުކުރުން
8- އަމިއްލަ ނަފްސު ހިސާބު ކުރުން (މުޙާސަބާކުރުން)
9- ﷲ ތަޢާލާއަށް ފުރިހަމަޢަށް ތަވައްކަލް ކުރާ ޙާލު އަމިއްލަ ނަފްސަށް އިތުބާރުކުރުން. އެހެނީ އަމިއްލަ ނަފްސަށް އިތުބާރުނުކުރެވޭ މީހަކަށް ޢަމަލެއް ނުކުރެވޭނެއެވެ.
10- ﷲ ތަޢާލާއަށްޓަކައި ގިނަކަންތައްތައް ނުކުރެވޭ ކަމާއިމެދު ހިތާމަކުރުން: މިނުކުތާއާއި މަތީގައި ބުނެވިދިޔަ ނުކުތާއާއި ތަޢާރުޒެއް ނުވެއެވެ. އެމީހެއްގެ ކިބައިން ކުރެވޭ މިންވަރު އެއީ ފުދޭ މިންވަރުކަމަށް ނުދެކޭ ހާލު ގަދައަޅާ މަސައްކަތްކުރަންޖެހޭނެއެވެ.
11- އިސްލާމީ ޝަރީއަތުގައި ބަޔާންވެފައިވާ ގޮތުގެ މަތިން އެކަނި ވުން: ހުރިހާ ވަގުތެއްގައި މީހުންނާއިއެކުގައި ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި، އަޅުކަން ކުރުމުގައި އަމިއްލަ ނަފްސާއިއެކު އެކަނި ވަގުތު ހޭދަކުރަންވާނެއެވެ.
އަހަރެމެންގެ ނަފްސުތަކާއި، ތިޔަ އެންމެހާ މުސްލިމުންގެ ނަފްސުތައް އިޞްލާޙްކޮށް އެއިލާހު ރުހިވޮޑިގަންނަވާ އަދި ލޯބިކުރައްވާ ކަންތައްތަކަށް ކިޔަމަންވުމުގެ ހެޔޮ ތަޢުފީޤު ދެއްވުމަށް ﷲ ގެ ހަޟްރަތުން އެދި ދުޢާ ކުރަމެވެ.
ރަސޫލު ﷲ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށި. އާމީން.
އަޞްލު: www.missionislam.com