28
ޖެނުއަރީ 2010 -
އަހަރެންނާއި ވަރަށް ގިނަ ޝޭޚުންނާއި ބައްދަލުވިއެވެ. އޭގެތެރެއިން ކޮންމެ
ބޭކަލަކުވެސް އަނެއް ބޭކަލަކާއި ތަފާތެވެ. އަދި ޢިލްމުގެ މިންވަރުވެސް އެކި
ބޭކަލުންގެ އެކި މިންވަރެވެ. އަދި އެބޭކަލަކާއި އެއްކޮށް އުޅުމުގެ ސަބަބުން
އެންމެ ބޮޑަށް އަހަންނަށް މަންފާ ކުރީ، އެމީހަކަށް އެނގޭ އެއްޗަކަށް ޢަމަލު
ކުރި ބޭކަލުންގެ ސަބަބުންނެވެ. އެމީހުންނަށް ވުރެ ޢިލްމަށް އަރާތިބި
އެހެނިހެން މީހުން ތިބި ހިނދުގައިވެސް މެއެވެ.
ޙަދީޘް ޢިލްމަށް އަރާ ތިބި، ގިނަ ޙަދީޘްތަކެއް ހިތުދަސްކޮށްފައި ތިބި މީހުންތަކަކާއި އަހަންނާއި ބައްދަލުވިއެވެ. އެހެންނަމަވެސް، އެމީހުންގެ ތެރޭގައި ޣީބަބުނުން ހުއްދައެވެ. އެއީ ‘ޖަރްހު ވަ ތަޢްދީލު’ ގެ ނަމުގައެވެ. ފައިސާއަށްޓަކައި ޙަދީޘް ރިވާ ކޮށްދެއެވެ. އަދި ސުވާލަށް ޖަވާބު ދިނުމުގައި އެމީހުން ވަނީ އަވަސްވެގަނެގެންނެވެ. އެމީހުން އެކަމުގައި ގޯސްވެގެންވީ ކަމުގައި ވިޔަސްމެއެވެ. އޭގެ ސަބަބުން އެމީހުންގެ ދަރަޖަ ގެއްލިދާނެ ކަމަށްޓަކައެވެ.
ޢަބްދުލް ވައްހާބު އަލްއަންމާތީ (رحمه الله) އާއި އަހަންނާއި ބައްދަލުވިއެވެ. އެބޭފުޅާ އަކީ ސަލަފުންގެ މަންހަޖުގެ މަތީގައި ހުންނެވި ބޭކަލެކެވެ. އެބޭފުޅާގެ ބައްދަލުވުމެއްގައި ދުވަހަކުވެސް ޣީބަބުނާ އަޑެއް ނުއިވޭނެއެވެ. އަދި ޙަދީޘް ކިޔަވައިދިނުމުގައި ފައިސާއެއް ނުނަންގަވައެވެ. ރަޤާއިޤުގެ ބާބުން (ހިތްތައް މަޑުމޮޅި ކުރުމުން) ޙަދީޘެއް އަހަރެން ކިޔައިފިނަމަ، އެބޭފުޅާ ހުއްޓުމެއްނެތި ކީރިތި ކުރައްވައެވެ. އަހަރެން އޭރުގައި ވަރަށް ކުޑައެވެ. އެހެންނަމަވެސް އެބޭފުޅާގެ ކީރިތި ކުރެއްވުމުގެ ސަބަބުން އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. އެކި ރިވާޔަތްތަކުން އަހަރެމެންނަށް އަޑު އިވޭ ސިފައެއް ކަމުގައިވާ ތަވާޟުޢުވެރިކަން އެބޭފުޅާގެ ގައިގާ ހުއްޓެވެ.
އަބޫ މަންސޫރު އަލްޖަވާލިޤީ (رحمه الله) އާއި އަހަރެންނާއި ބައްދަލުވިއެވެ. އެބޭފުޅާއަކީ ވަރަށް ޢިލްމުވެރި، މަޑުމައިތިރި، އެބޭފުޅާއަށް ވިދާޅުވެވޭ އެއްޗަކާއި މެދު ނުހަނު ސަމާލުވެވަޑައިގަންނަވާ ބޭފުޅެކެވެ. ބައެއްފަހަރު އެބޭފުޅާއާއި ކުރެވޭ ސުވާލުތަކަކީ ވަރަށްވެސް ފަސޭހަ ސުވާލުތަކެކެވެ. ޒުވާން ކުދިން އެސުވާލުތަކަށް ޖަވާބު ދިނުމުގައި އަވަސްވެގަނެފައިވެއެވެ. އެހެންނަމަވެސް އެބޭފުޅާ، އެބޭފުޅާއަށް ޔަޤީންވެއްޖެއުމަށް ދާންދެން ޖަވާބެއް ނުދެއްވާ ހިފަހައްޓަވައެވެ. އެބޭފުޅާ އަކީ ވަރަށް ގިނައިން ރޯދަ ހިއްޕަވައި، ގިނައިން ހަނު ހުންނަވާ ބޭކަލެކެވެ.
އެހެންކަމުން، އެހެން ބޭފުޅުންނަށްވުރެ ބޮޑަށް އެދެބޭފުޅުންގެ ފަރާތުން އަހަރެންނަށް މަންފާ ކުރިއެވެ. މީގެން އަހަންނަށް ވިސްނުނީ، މީސްތަކުންނަށް ދަޢްވަތު ދިނުމުގައި އެމީހެއްކުރާ ޢަމަލުތައް، އޭނާ ދުލުން ދައްކާ ވާހަކަތަކަށްވުރެ ބޮޑަށް އަސަރު ކުރުވާކަމެވެ. އެހެންކަމުން އެމީހަކަށް އެނގޭ ކަމަކަށް އެމީހަކު ޢަމަލު ކުރަން ޖެހޭނެއެވެ. އެހެނީ އެއީ އެންމެ މަތިވެރިވެގެންވާ ބިންގާއެވެ. އަދި ހަމަކަށަވަރުން ހަޤީޤަތުގައި އެންމެ ބޮޑު މިސްކީނަކީ އޭނާގެ މުޅި ޙަޔާތް ޢިލްމު އުނގެނުމުގައި ހޭދަ ކުރުމަށްފަހު، އެކަމަށް ޢަމަލު ނުކުރާ މީހާއެވެ. މީގެ ސަބަބުން ދުނިޔަވީ އުފާތަކުންވެސް އޭނާ މަޙްރޫމުވުމާއި އެކު އާޚިރަތުގެ އުފާތަކުންވެސް އޭނާ ވަނީ މަޙްރޫމްވެފައެވެ. މީގެ އިތުރުން ބަނގުރޫޓުވެގެންވާ ޙާލު، ޤިޔާމަތްދުވަހުން އޭނާ އަންނާނެއެވެ. އަދި އޭނާގެ މައްޗަށް އެންމެ ވަރުގަދަވެގެންވާ ހުއްޖަތް ވެއެވެ.
އަޞްލު: www.Islam.com