Share

ދެމިހުންނަނިވި ދަރުމަ

ޝެއިޚް ސައްޔިދު ޤުތުބް (رحمه الله)

ތަރުޖަމާ: ޢުންމު އުމެއިމާ (جزاها الله خير)

28 ޖެނުއަރީ 2010 - މުއުމިނު އަޅާގެ މައްޗަށް ވަނީ އޭނާގެ މައްޗަށްވާ ވާޖިބުތައް އަދާ ކުރުމެވެ. އަދި އެވާޖިބުތަކަކީ ދުނިޔަވީ ޙަޔާތުގެ މައްޗަށް، ﷲ ތަޢާލާ މަތިވެރިކޮށް، ދުނިޔަވީ ޙަޔާތުގެ މައްޗަށް އީމާންކަން އިޚްތިޔާރުކޮށް، އީމާންކަމުގެ ތެރޭގައި އެބައިމީހުން އިމްތިޙާނުކުރެވުމުގެ ސަބަބުން މަތިވެރިވެގެން ދިޔުން އިޚްތިޔާރުކުރުމާއި އެކު، ހެޔޮ ނިޔަތާއި، ޢަމަލު ކުރުމާއި އެކު، ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމެވެ. ދެން އެއަށްފަހު އޭނާ އާއި އޭނާގެ ޢަދުއްވުންނާއި، އޭނާގެ ދީނާއި، އޭނާގެ ދަޢްވަތާއި މެދު ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމަވާނީ ﷲ ތަޢާލާއެވެ. އަދި ﷲ ތަޢާލާ އެފަދަ މީހަކަށް ތާރީޚުދުށް ފަދަ ނިމުމެއްވެސް ދެއްވަފާނެއެވެ. ނުވަތަ ދުވަހަކުވެސް ފެނިފައިނުވާ، ހަމައެކަނި ﷲ ތަޢާލާ އެނގިވޮޑިގެންނަވާ، އަދި އެއިލާހު މޮޅަށް ދެނެވޮޑިގަންނަވާ ފަދަ ނިމުމެއްވެސް ދެއްވަފާނެއެވެ.

އެބައިމީހުންނަކީ ﷲ ތަޢާލާގެ ޚިދުމަތްތެރީންނެވެ. ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި، ކޮންމެ މީހަކު ކަމަކަށް އެދުނުކަމުގައި ވިޔަސް، އެބައިމީހުން އެމަސައްކަތެއް ކުރަން ޖެހޭނެއެވެ. އަދި އެކަމުގައިވާ ދަރުމަ ލިބިގަންނަންވާނެއެވެ. އެބައިމީހުންގެ އެމަސައްކަތުގެ ނިމުމާއިމެދު، މަޝްވަރާ ކުރުމަކީ އެމީހުންގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. އަދި އެބައިމީހުންގެ ޒިންމާއެއްވެސް ނޫނެވެ. އަދި މިޒިންމާ ވަނީ ބާރުވެރި ފަރާތްތަކަށެވެ. އަދި ހަމައެކަނި ޚިދްމަތް ކުރާ ޚިދްމަތްތެރީންގެ ކަމެއް ނޫނެވެ.

އެބައިމީހުންގެ ޢަމަލުތަކުގެ އަޖުރުގެ ފުރަތަމަބައި ލިބޭނީ ހިތުގެ ހަމަޖެހުމުގެ ސިފައިންނާއި، ވިސްނުމުގެ ފުޅާ ކަމުންނާއި، ޚިޔާލުގެތަކުގެ ރީތިކަމުންނާއި، އަމިއްލަ އެދުންތަކާއި ޝައުޤުވެރިކުރުވާ ކަންތައްތަކުން ވަކިވެގެންވުމުންނާއި، ބިރާއި ހިތްދަތިކަމުން ސަލާމަތްވެގެންވުމުންނެވެ. އަދި މިއީ އެބައިމީހުން ކޮންމެފަދަ ޙާލަތެއްގައި ވީކަމުގައި ވިޔަސްމެއެވެ.

އެބައިމީހުންގެ ޢަޖުރުގެ ދެވަނަ ބައި ލިބޭނީ، ޙަމްދާއި، ހަނދުމަކުރުމުންނާއި އަދި މަލާއިކަތް ބޭކަލުންގެ އިތުރުން ދުނިޔޭގެ އަހުލުވެރިންގެ ކުރިމަތީގައި ޢިއްޒަތް ލިބުމުންނެވެ. ދެން އެމީހުންނަށް، އެޢަޖުރުގެ ބޮޑުބައި އަދި އެންމެ ފަހުބައި ލިބޭނީ ޤިޔާމަތްދުވަހުންނެވެ. ހިސާބު ބެއްލެވުމުގައި ފަސޭހަވެގެން ވުމުންނާއި، ގިނަގުނަ ނިޢުމަތްތައް ލިބުމުންނެވެ.

ކޮންމެ އަޖުރަކާއިއެކު، އެބައިމީހުންނަށް އަޖުރުތަކުގެ އެންމެ މަތީ އަޖުރުތައް ލިބެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާނެއެވެ. ﷲ ތަޢާލާ، މަޤްޞަދުތަކަށްޓަކައި އެބައިމީހުން ހޮއްވެވުން އެއީ ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވި ނިޢުމަތެވެ. އެކަލާނގެ ބާރުވެރިކަމުގެ ވަޞީލަތެއްގެ ގޮތުގައެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި އިންސާފު ކުރެއްވުމަށްޓަކައި، ﷲ ތަޢާލާ މިބިންމަތީގައި އެބައިމީހުންގެ ބޭނުން ހިއްޕެވުމަށެވެ.

މުސްލިމުންގެ އެންމެ ކުރީގެ މާތް ޖީލުގެ މީހުންނަށް ޤުރުއާނުން ތަރުބިއްޔަތު ލިބިފައިވާ ހިނދު، މިސިފައިގެ ތަރުބިއްޔަތުތައް ލިބިލައްވާފައިވަނީ އެންމެ މަތީ ދަރަޖައަށެވެ. މިކަމުގައި އެބައިމީހުންގެ ޝަޚްޞިއްޔަތާއި އަމިއްލަވަންތަކަން ގެއްލުވާލިއެވެ. އަދި ބާރުގެ ވެރިފަރާތުގެ ދަށުގައިވާ އަޅުންތަކެއްގެ ގޮތުގައި ހަރަކާތްތެރިވުމަށެވެ. އަދި އެބައިމީހުންވީ، ކޮންމެ ޙާލެއްގައްޔާއި ކޮންމެ ނިންމެވުމަކަށް ﷲތަޢާލާއާއި މެދު ރުހިގެންނެވެ.

ރަސޫލު ﷲ (صلى الله عليه وسلم) ގެ ތަރުބިއްޔަތުތައް ކުރިއަށް ގެންދެވީ ޤުރުއާނުގެ ޢިލްމާއި އެކު އެކީގައެވެ. އެބައިމީހުންގެ މޫނުތަކާއި ހިތްތައް ބަގީޗާއާއި ދިމާއަށް (ޖަންނަތާއި ދިމާއަށް) އަނބުރާ، އަދި ﷲ ތަޢާލާ އެބައިމީހުންނަށްޓަކައި މިދުނިޔޭގައި އިރާދަކުރައްވާފައިވާ ކަންތައްތަކާއި ޤިޔާމަތްދުވަހުގައި އެކަލާނގެ ރުހިގެންވާ ކަންތައްތައް ނިންމެވުމަށް ދާންދެން، އެބައިމީހުންގެ މައްޗަށްވާ ވާޖިބު އަދާކުރުމުގައި ކެތްތެރިވުން މަތީގައެވެ.

ޢައްމާރު ބިން ޔާސިރު (رضي الله عنه) އާއި އެކަލޭގެފާނުގެ މަންމައާއި ބައްޕަ (رضي الله عنهم) އަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް އިންތިހާ ދަރަޖައިގެ އަނިޔާ، ރަސޫލު ﷲ (صلى الله عليه وسلم) ދެކެވަޑައިގެންނެވިއެވެ. އެކަމަކު، އެކަލޭގެފާނުގެ ދޫފުޅުން، މިނޫން ބަސްތަކެއް ޙަދީޘެއް ނުކުރައްވައެވެ. ”ކެތްތެރިވާށެވެ! ޔާސިރުގެ ޢާއިލާއެވެ. ޖަންނަތްވަނީ ތިޔަބައިމީހުންނަށް ވަޢުދުކުރެވިގެންނެވެ.“

އަލްޚައްބާބު ބިން އަރަތު (رضي الله عنه) ރިވާކުރެއްވިއެވެ. ”ކަޢުބާގެ ހިޔަލުގައި ރަސޫލު ﷲ (صلى الله عليه وسلم) އަރާމްކުރައްވަނިކޮށް، ތިމަން ބޭކަލުން އެކަލޭގެފާނުގެ އަރިހުގައި މިފަދައިން ޝަކުވާ ދެންނެވީމެވެ.“ ”އަޅުގަނޑުމެންނަށްޓަކައި، ﷲތަޢާލާގެ ހަޟްރަތުގައި ނުދަންނަވަނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންނަށްޓަކައި ދުޢާ ނުކުރައްވަނީ ކީއްވެތޯއެވެ؟“ ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުންގެ އިސްވެދިޔަ މީހުންގެ ތެރެއިން ބަޔަކު، މީހަކު ހިފެހެއްޓުމަށްފަހު ބިމުގައި ވަޅެއް ކޮނެ ވަޅުގެ ދެބައިކުޅަ އެއްބަޔަކަށް އެމީހާ ވަޅުލައެވެ. އަދި އެމީހާގެ ބޯ ދެފަޅިއަށް ފަޅިވަންދެން ކީހުން ކަފައެވެ. ނުވަތަ އޭނާގެ ކަށިގަނޑާއި ހަންގަނޑާއި ދެމެދުގައި ދަނގަޑު ފުނާތަކަކުން ފުނާއަޅައެވެ. މިހުރިހާ ކަމަކާއި އެކުގައިވެސް އެބައިމީހުންގެ ދީނުން އެބައިމީހުން ދުރެއްނުވެއެވެ. ﷲގަންދީ ބުނަމެވެ! މިކަންތައްތަކަށް ނިމުން ﷲތަޢާލާ ގެންނަވާނެއެވެ. އަދި ’ސަންޢާއިން‘ ފެށިގެން ’ހަޟްރަމޫތްއާއި’ ހިސާބަށް އެކަނި ދަތުރު ކުރާ މީހަކު ވާނެއެވެ. އޭނަގެ ކަންބަޅިއަށް ހަމަލާދީފާނެ ހިޔަޅަކާއި މެދުގައާއި، އަދި ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތެއް ދެކެ އޭނާ ބިރެއް ނުގަންނާނެއެވެ. އެކަމަކު، ތިޔަބައިމީހުން ވަނީ އަވަސްވެގަނެގެންނެވެ.“ (ބުޚާރީ)


އަޞްލު: www.kalamullah.com