24
ފެބްރުއަރީ 2010 -
އުދަނގޫތަކާއި ކުރިމަތިލުމުގައި ކޮންމެ މީހަކަށްވެސް ކެތްތެރިވާން
ދަސްކުރަންޖެހެއެވެ. އެއީ އެގޮތަށް ޢަމަލު ކުރަނީ ރުހިގެންނާއި އަދި
ނުރުހިކަމުގައި ވިޔަސްމެއެވެ. މާތް މީހުން ކެތްތެރިވަނީ ރުހިގެންވާ
ޙާލުއެވެ. އެހެނީ، ކެތްތެރިކަމުގެ ފައިދާއާއި، ކެތްތެރިވުމުގެ ސަބަބުން
އަޖުރުލިބިގެންދާނެ ކަމާއި އަދި ކެތްތެރިނުވެވި ހާސްވެއްޖެނަމަ އެކަމަށް
ފާޑުކިޔޭނެކަން އެފަދަ މީހުން ދަންނާތީއެވެ. ކެތްތެރިކަން ނެތި،
ކަންބޮޑުވެއްޖެނަމަ، އޭގެ ސަބަބުން ގެއްލިގެންގޮސްފައިވާ ފުރުޞަތުތައް
އަނބުރާ ނުލިބޭނެކަން އޭނާ ދަނެއެވެ. އަދި އޭނާ ނުރުހޭ ކަންތައްތައް އޭނާގެ
ކިބައިން ނެތިގެން ނުދާނެކަންވެސް ދަނެއެވެ. ތަޤުދީރުކުރައްވާ ކޮންމެ
ކަމަކީ، ޤަޟާ ޤަދަރެވެ. ޤަޟާ ޤަދަރަކީ، އެކަމެއް ވުމުން ނުހުއްޓުވޭނެ
ކަންތަކެވެ. އަދި ނުވުމަށް ތަޤްދީރުކުރެއްވި ކޮންމެ ކަމެއް ވުމަކީ ނުވާނެ
ކަމެކެވެ. އެހެންކަމުން، ކެތްތެރިނުވުމާއި ކަންބޮޑުވުމުގެ ސަބަބުން
ހަޤީޤަތުގައި ގެއްލުން ލިބުމަށް މެދުވެރިވެއެވެ.
ޙިކުމަތްތެރި މީހަކު ބުންޏެވެ. ” ބުއްދިވެރި މީހަކަށް މުޞީބާތެއް ކުރިމަތިވުމުން، މޮޔަ މީހަކު އޭގެ 1 މަސްފަހުން ކަންތައް ކުރާ ގޮތަށް ޢަމަލްކުރެއެވެ.“ (މާނައަކީ 1މަސްފަހުން ކެތްތެރިވެއެވެ.)
މާތްނޫން މީހާ ކެތްތެރިވާނީ، އޭނާއަށް ދެން އިތުރުގޮތެއް ނެތްކަން ވިސްނުމުންނެވެ. ކަންބޮޑުވުމާއި ހާސްކަމުގައި އެތައް ދުވަހެއް ބޭކާރު ކުރުމަށްފަހުގައި އޭނާއަށް ވިސްނެނީ، ކެތްތެރިނުވުމުގެ ސަބަބުން އެއްވެސް ފައިދާއެއް އޭނާ އަށް ނުކުރާނެ ކަމެވެ. ތަޅާ އަނިޔާ ކުރުމަށްޓަކައި ބަނދެވިފައިވާ މީހަކު ކެތްތެރިވާ ފަދައިން، ދެން އޭނާ ކެތްތެރިވެއެވެ.
މާތްމީހާ ކެތްތެރިވަނީ ﷲ އަށް ކިޔަމަންވުމުންނެވެ. އެއާއިޚިލާފަށް، މާތްނޫން މީހާ ކެތްތެރިވަނީ ޝައިޠާނާއަށް ކިޔަމަންވުމުންނެވެ. އެހެންކަމުން، މާތްނޫން މީހުން، އެމީހުންގެ ހަވާ ނަފްސުގެ އެދުންތަކަށް ތަބަޢު ވުމުގައި ވަރަށް ބޮޑަށް ކެތްތެރިވެއެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންވުމުގައި ކެތްތެރިވަނީ ކުޑަ މިންވަރަކަށެވެ. ޝައިޠާނާގެ މަގުގައި ހޭދަކުރުމުގައި އެމީހުންގެ ކެތްތެރިކަން ބޮޑެވެ. އޭގެ ބަދަލުގައި، ﷲ ތަޢާލާގެ މަގުގައި މަދު ލާރިކޮޅެއް ހޭދަކުރަން ޖެހޭ ޙާލަތުގައިވެސް އެމީހުންގެ ކެތްތެރިކަމެއް ނުހުރެއެވެ. އެމީހުންގެ ހަވާ ނަފްސުގެ އެދުންތަކަށް ތަބާވުމުގައި އެމީހުން ވަރަށް ބޮޑެތި އުދަނގޫތައް ތަޙައްމަލު ކުރާނެއެވެ. އެހެންނަމަވެސް، އެމީހުންގެ ވެރި އިލާހު ރުއްސެވުމަށްޓަކައި ކުޑަ މިންވަރެއްގެ އުދަނގުލެއްވެސް ތަޙައްމަލު ނުކުރެވެއެވެ. ނުބައި ޢަމަލުތައް ކުރުމަށްޓަކައި، އެމީހުން މަލާމާތާއި ދޮގުވާހަކަތަކަށް ކެތްތެރިވެއެވެ. އެހެންނަމަވެސް، ﷲ ތަޢާލާއަށްޓަކައި އެމީހުންނަކަށް މަލާމާތާއި ދޮގުވާހަކަތަކަށް ކެތްތެރިނުވެވެއެވެ. އެފަދަ މީހުން، މީސްތަކުން އެމީހުންނާއި ދިމާލަށް ބުނެފާނެ އެއްޗަކަށް ބިރުން، ހެޔޮކަންތައްތަކަށް ގޮވާލާ މުންކަރާތް މަނާކުރުމުން އެއްކިބާވެއެވެ. އެކަމަކު، އެމީހުންގެ ހަވާ ނަފްސަށް ތަބާ ވުމަށްޓަކައި، އެމީހުންގެ ޢިއްޒަތް ދޮގު ބުނުންތަކަށް ހުށަހަޅާ އެކަމުގައި އިންތިހާއަށް ކެތްތެރިވެއެވެ. ހަމައެއާއި އެއްގޮތަށް، ﷲ ތަޢާލާއަށް އެމީހުންގެ ނަފްސުތައް ކިޔަމަންކޮށް ޚާލިޞްކުރުމަށްޓަކައި ކެތްތެރިވުމަށް އެމީހުން ތައްޔާރެއް ނުވެއެވެ. ނަމަވެސް، ޝައިޠާނާއަށާއި އެމީހުންގެ ހަވާ ނަފްސަށް އެމީހުންގެ ނަފްސުތައް ކިޔަމަންކޮށް ޚާލިޞްކުރުމަށްޓަކައި ފާހަގަކުރަނިވި މިންވަރަކަށް އެމީހުން ކެތްތެރިވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި، އެފަދަ މީހުން ދުވަހަކުވެސް މާތް ނުވާނެއެވެ. އަދި ޤިޔާމަތްދުވަހުގައި، ޤަދަރުވެރި މާތް މީހުންނާއިއެކުގައި އެފަދަ މީހުން މަޚްޝަރެއް ނުކުރެވޭނެއެވެ.
އަޞްލު: www.islaam.com