22
ފެބްރުއަރީ 2010 - މުޞީބާތާއި އިމްތިޙާންތަކާއި ނުލައި ބައެއް މީހުންނަށް
ކެތްތެރިއެއް ނުވެވެއެވެ. އަނެއްބައި މީހުންނަށް ފަސޭހަކަމާއިއެކުގައި
ކެތްތެރިވެވެއެވެ. ފުރަތަމަ ބާވަތުގެ މީހާގެ މިޘާލަކީ، ވަރުގަދަ
މީހަކާއިއެކުގައި ތަޅާ، އޭނާގެ ހުރިހާ ހަކަތައެއް ބޭނުންކޮށްވެސް އެމީހާ
ބަލިކޮށް ނުލެވޭ މީހާއެވެ. ދެވަނަ ބާވަތުގެ މީހާގެ މިޘާލަކީ، ބަލިކަށި
މީހަކާއިއެކު ތަޅާ، ފަސޭހަކަމާއިއެކުގައި އެބަލިކަށިމީހާ ބަލިކޮށްލާ މީހާގެ
މިޘާލެވެ. އައްރަޙްމާންގެ ލަޝްކަރާއި ޝައިޠާނާގެ ލަޝްކަރާއި ދެމެދުގައި
ހިނގާ ހަނގުރާމަ ވަނީ މިފަދައިންނެވެ. ޝައިޠާނާގެ ލަޝްކަރު
ބަލިކޮށްލެވިއްޖެ މީހަކަށް ޝައިޠާނާވެސް ބަލިކޮށްލެވޭނެއެވެ. އަބްދު ﷲ ބިން
މަސްޢޫދު (رضي الله عنه) ރިވާކުރެއްވިއެވެ. ”އިންސާނަކު، ޖިންނީންގެ
ތެރެއިން ޖިންނިއަކާއި ތަޅާ އަނިޔާ ކުރިއެވެ. އަދި އެހިއެވެ. ”ކަލޭ ތިހާ
ނިކަމެތިވެފައި ކުޑައީ ކީއްވެހެއްޔެވެ؟“ ޖިންނި ޖަވާބުދިނެވެ. ”އެހެން
ޖިންނިތަކާއި އަޅާބަލާއިރުގައި އަހަރެން، މާބޮޑުވެފައި ވަރުގަދަވާނެއެވެ.“
މީހަކު، ޢަބްދު ﷲ ބިން މަސްޢޫދު (رضي الله عنه) އަހިރުގައި ސުވާލުކުރިއެވެ.
”އެމީހަކީ އުމަރު (رضي الله عنه) ހެއްޔެވެ؟“ ދެން އަބްދު ﷲ ބިން މަސްޢޫދު
ޖަވާބުދެއްވެވިއެވެ. ”އެނޫން ދެން ކާކު ހެއްޔެވެ.؟“
ބައެއް ޞަޙާބީން ވިދާޅުވެއެވެ. ”ޖަމަލެއްގައި ދަތުރު ކުރަމުންދާ މީހަކު ޖަމަލުގެ ގައިގައި ތަޅާ ފަދައިން، މުއުމިނު އަޅާ ޝައިޠާނާގެ ގައިގައި ތަޅާނެއެވެ.“
އިބްން އަބީދުންޔާ، ބައެއް ސަލަފުންގެ ކިބައިން ރިވާކުރެއްވިއެވެ. ”ޝައިޠާނުން އެކަކު އަނެކަކާއި ބައްދަލުކުރެއެވެ. އަދި، އެޝައިޠާނުންގެ ތެރެއިން ބައެއް ޝައިޠާނުން އެހާ ހިކި އަނަރޫފައީ ކީއްވެތޯ ސުވާލުކުރެއެވެ. ޝައިޠާނާ ޖަވާބުދެއެވެ. ”އޭގެ ސަބަބަކީ، އަހަރެން އެމީހަކާއި އެކުގައި އުޅޭ މީހާއަކީ އޭނާ ކާއިރުގައި ﷲގެ ނަންފުޅު ގަންނަ މީހެކެވެ. އެހެންކަމުން އަހަންނަށް އޭނާއާއިއެކުގައި ނުކެވެއެވެ. އަދި އޭނާ ފެންބޯއިރުގައި ﷲ ގެ ނަންފުޅު ގަނެއެވެ. އެހެންކަމުން، އަހަންނަށް އޭނާއާއިއެކުގައި ފެނެއް ނުބޮވެއެވެ. އަދި އޭނާ ގެއަށް ވަންނައިރު، ﷲ ގެ ނަންފުޅު ގަނެއެވެ. އެހެންކަމުން، އަހަރެން ހުންނަނީ ބޭރުގައެވެ.“ ފުރަތަމަ ސުވާލުކުރި ޝައިޠާނާ ބުންޏެވެ. ”އެކަމަކު، އަހަރެން އެމީހަކާއި އެކުގައި އުޅޭ މީހާއަކީ ކާއިރުގައި ﷲގެ ނަންފުޅު ގަންނަ މީހެއް ނޫނެވެ. އެހެންކަމުން، އޭނާއާއިއެކުގައި އަހަރެން ކަމެވެ. އަދި އޭނާ ފެންބޯ އިރުގައި ﷲ ގެ ނަންފުޅު ނުގަނެއެވެ. އެހެންކަމުން، އަހަރެން އޭނާއާއިއެކުގައި ފެން ބޮމެވެ. އޭނާ ގެއަށް ވަންނައިރުގައި ﷲގެ ނަންފުޅެއް ނުގަނެއެވެ. އެހެންކަމުން، އަހަރެން އޭނާއާއިއެކުގައި ގެއަށްވެސް ވަންނަމެވެ.“
އެހެންކަމުން، ކެތްތެރިވުމުގެ އާދަ އެމީހެއްގެ ކިބައިގައި އުފެއްދިއްޖެ މީހެއްގެ ފަރާތުން އޭނާގެ ދުޝްމަނުން ބިރުގަންނަނާއެވެ. އަދި ކެތްތެރިކަމަކީ އުދަނގޫ ކަމަކަށްވާ މީހާވަނީ ނުރައްކަލުގައެވެ. އަދި އޭނާގެ ދުޝްމަނުން، އޭނާއަށް ގެއްލުންދީ ޙަމަލާ ދޭނެއެވެ.
އަޞްލު: Patience and gratitude