Share

މަރުގެ މާނަޔާއި އޭގެ ހަޤީޤަތް (2)

އިމާމް އިބްނި އަލްޤައްޔިމް އަލް ޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އަބޫ ކަޘީރު (جزاه الله خير)

11 މާރޗް 2010 - ނިދީގައި އިންސާނާގެ ހަށިގަނޑުން ފުރާނަ ނިކުންނަ ނިކުތުމުގައި، މަރުވާފަދައިން، ފުރާނަ ހަށިގަނޑުން މުޅިން އެކަށް ނިކުމުގެންނެއް ނުދެއެވެ. ނަމަވެސް ކޮންމެސް ވަރެއްގެ ޙިއްޞާއެއް ހަށިގަނޑުގައި ވާނެއެވެ. އެކީ އެކަށް އުޑުތަކުގައި އުޅުމުގެ މިނިވަންކަމެއް ފުރާނައަށް ލިބިގެނެއް ނުވެއެވެ. މިބަޔަކީ ހަށިގަނޑުން މުޅިން ވަކިވެގެންނުދާ ބައެވެ. އެހެން ބަހަކުން ބުނާނަމަ، އޭގެ ކޮޅު ހަށިގަނޑުގައި ގޮއްޖަހާލެވިފައިވާ ރޮއްޖެއްގެ މިޘާލެވެ. މިޙިއްޞާ ހަށިގަނޑުގައިވާ ޙާލު ފުރާނަ ދެމިގެންގޮސް އުޑަށް ދަތުރު ކުރުމަށްފަހު ނިދާފައިވާ މީހާ ހޭލާ ވަގުތުގައި އަނބުރާ ހަށިގަނޑަށް އާދެއެވެ. މީގެ މިޘާލަކީ އިރުގެ ދޯދީގެ މިޘާލެވެ. އިރުވަނީ ދުނިޔޭން ބޭރުގައެވެ. ނަމަވެސް އިރުގެ ދޯދީ ދުނިޔެއާހަމަށް ފޯރާފައިވެއެވެ. މިބުނިގޮތުގައި ފުރާނަޔާ އިރު މުޅިން އެއްގޮތެއް ނޫނެވެ. ނަމަވެސް މިކަމުން މިބުނާ އެއްޗެއް ފަހުމްވުމަށް ފަސޭހަވާނެއެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑުވާނީ ބިމުގައެވެ. އަދި ފުރާނަ ވާނީ ދެދުނިޔޭގެ ދެމެދުގައެވެ. ނުވަތަ ދުނިޔެއާއި އުޑުތަކާއި ދެމެދުގައެވެ. ނުވަތަ މިދުނިޔެއާއި ދެންއަންނަން އޮތް ދުނިޔެއާއި ދެމެދުގައެވެ. އެހެންގޮތަކަށް ބުނަނީނަމަ މަރުވުމާއި އަލުން ދިރުއްވުމާއި ދެމެދުގައެވެ. މިމަރުޙަލާގައި (ފުރާނައަށް) ލިބޭ އުފަލާއި ހިންހަމަޖެހުން ނުވަތަ ޢަޛާބު ދެންއޮތް ދުނިޔޭއާއި އެއްގޮތް އަދި އެއްވަރެއް ނުވާނެއެވެ. މިއީ ހަމައެކަނި މިމަރުޙަލައިގައި ދެވޭ ޖަޒާއެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު ދުނިޔޭގައި ވެފައި އޭނާގެ ފުރާނަ ދުނިޔޭއާއި ދެން އަންނަން އޮތް ދުނިޔެއާއި ދެމެދުގައި ވީކަމުގައި ވިޔަސް، ހަށިގަނޑާއި ފުރާނައާއި ވަނީ ގުޅިފައެވެ. ނަތީޖާއެއްގެ ގޮތުން އެލިބޭ ޖަޒާއެއް ހަށިގަނޑަށް އަދި ފުރާނައަށް ވެސް އިޙުޞާޞެއް ކުރެވެއެވެ.

އަހަރުމެން، މަރު، ނިދާފައިވާ މީހެއްގެ ޙާލަތާއި ގުޅުވާލައިފީމެވެ. ނަމަވެސް ހަޤީޤަތުގައި މިދެމެދުގައި ތަފާތެއްވެއެވެ. ނިދީގައި، ހަޤީޤަތުގައި ފުރާނަ ހަށިގަނޑުގައި ވެފައި، އެފުރާނަ ދެމިގެން އުޑަށް ދަތުރު ކުރާހިނދު ނިދާފައިވާ މިހާއަށް ހުވަފެނުގެ ޒަރިއްޔާއިން، އުފާވެރިކަން ނުވަތަ ހިތާމަވެރިކަން އިޙްޞާޞް ކުރެވެއެވެ. އޭނާ ނިދީގައި އުފާވެރިކަމާ ހިތްހަމަޖެހުން ނުވަތަ ޢަޛާބު ތަޖުރިބާ ކުރެއެވެ.

މަރުވެފައިވާ މީހާގެ ފުރާނަ ވަނީ ދެދުނިޔޭގެ ދެމެދުގައެވެ. ހަށިގަނޑުގައެއްނޫނެވެ. ﷲ ތަޢާލާ ހެޔޮޖަޒާ ނުވަތަ އަޛާބު ދެއްވުމަށް އިރާދަފުޅުކުރައްވާ ހިނދުގައި އެއިލާހު، މަރުވެފައިވާ މީހާގެ ފުރާނަޔާ ހަށިގަނޑާ ގުޅުވާލައްވައެވެ. ފުރާނަވަނީ ދުނިޔޭގައެއް ނޫނެވެ. ނަމަވެސް ހަމައެއްވަގުތެއްގައި ދުނިޔޭގައިވާ ހަށިގަނޑާއި ދުނިޔޭން ބޭރުގައިވާ ފުރާނަޔާއި ގުޅެއެވެ. ފުރާނަ އެއްވަގުތެއްގައި ތަފާތުދެތަނެއްގައި ވާނެއެވެ. މީގެ އެއް ދަލީލަކީ ނަބިއްޔާ (صلى الله عليه وسلم) އިސްރާއާއި މިޢުރާޖަށް އަރާވަޑައިގެންރޭ މޫސާ (عليه السلام) ކައްވަޅުގައި ނަމާދަށް ހުންނަވަނިކޮށް ދެކިވަޑައިގަތެވެ. އަދި ހަމަ ހަވަނަ އުޑުންނާއި ހަތްވަނަ އުޑުން ވެސް މޫސާ (عليه السلام) ދެކެވަޑައިގަތެވެ

**** ނުނިމޭ ****


އަޞްލު: ޝައިޚް އިބްނި އަލްޤައްޔިމް ގެ ’ކިތާބުއްރޫޙް‘ މިފޮތުގެ ޚުލާސާ އިނގިރޭސި ތަރުޖަމާއިން ނެގިފައި