10
މާރޗް 2010 -
ﷲ ތަޢާލާ ކޮންމެ އެއްޗެއްވެސް އުފައްދަވަނީ އެއިލާހުގެ ޙިކްމަތްފުޅާއި
އެކުގައެވެ. އިންސާނާގެ ހަށިގަނޑުގެ އެތެރެހަށްޓާއި އަދި ބޭރުފުށުގެ ކޮންމެ
ބައެއްވެސް އުފެއްދެވިފައިވަނީ ވަކި ޚާއްސަ މަޤްޞަދެއް
ފުރިހަމަކުރުމަށްޓަކައެވެ. ލޯ ލެއްވީ ބެލުމަށެވެ. ކަންފަތް ލެއްވީ
އަޑުއެހުމަށެވެ. ނޭފަތް ލެއްވީ ވަސްބެލުމަށެވެ. ދޫ ލެއްވީ
ވާހަކަދެއްކުމަށެވެ. ޖިންސީ ގުނަވަންތައް ލައްވާފައިވަނީ ކައިވެންޏަށެވެ.
އަތް ލައްވާފައިވަނީ ޙަމަލާ ދިނުމަށެވެ. ފައި ލައްވާފައިވަނީ ހިނގުމަށެވެ.
ހިތް ލައްވާފައިވަނީ އީމާންވުމަށާއި އެނގުމަށެވެ. ނަފްސު ލައްވާފައިވަނީ
ލޯތްބަށްޓަކައެވެ. އަދި ސިކުނޑި ލައްވާފައިވަނީ ވިސްނުމަށެވެ. ދުނިޔެއާއި
އާޚިރަތުގައި ލިބޭ ނަތީޖާތަކަށް ވިސްނާ އޭގެ ތެރެއިން މަތިވެރިކުރުމަށް
އެންމެ އެކަށީގެންވާ ކަންތައް މަތިވެރި ކުރުމަށެވެ. އަދި ދޫކޮށްލުމަށް
އެންމެ އެކަށީގެންވާ ކަންތައް ދޫކޮށްލުމަށެވެ.
ﷲ ފިޔަވައި އެހެން ފަރާތްތަކަށްޓަކައި އޭނާގެ އަމިއްލަ ނަފްސު މަޝްޣޫލްވެގެންވާ މީހާއީ ގެއްލެނިވެގެންވާ މީހެކެވެ. އަދި އެހެން މީސްމީހުންނަށްޓަކައި މަޝްޣޫލް ވެގެންވާ މީހާއަކީ އަދި މިއަށްވުރެވެސް ބޮޑަށް ގެއްލެނިވެގެންވާ މީހެކެވެ.
އަބޫ ސަޢީދު އަލްޚުދްރީ (رضى الله عنه) ރިވާކުރެއްވިއެވެ. ނަބީ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”އާދަމްގެ ދަރިޔާ ހެނދުނު ތެދުވާ ވަގުތު އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް، ދުލަށް ކިޔަމަންވެ ބުނެއެވެ. ﷲ އަށް ތަޤްވާވެރިވާށެވެ! އަހަރެމެންގެ ޙާލަތު ބިނާވަނީ ތިބާގެ ޙާލަތަށެވެ. (ސަލާމަތްތެރިކަން ނުވަތަ ހަލާކުވުން) ތިބާ ރަނގަޅުނަމަ އަހަރެމެންވެސް ރަނގަޅުވާނެއެވެ. އަދި ތިބާ ނުބައި ވެއްޖެނަމަ އަހަރެމެންވެސް ނުބައި ވާނެއެވެ.“ ހުރިހާ ގުނަވަންތަކެއް ދުލަށް ކިޔަމަންތެރިވީ ސަބަބަކީ، ދުލުން ފޮނުވައިދެނީ ހިތުން ބޭނުންވާ ކަންތައްތަކެވެ. އަދި ދުލަކީ ހުރިހާ ގުނަވަންތަކާއި ދެމެދުގައިވާ މެދުވެރިއެކެވެ.
އަޞްލު: އަލްފަވާއިދުން ނެގި ތަރުޖަމާ ކުރެވިފައި