08
މާރޗް 2010 -
ﷲ ވަޙީކުރައްވަނީ
”يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا
... “
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން،
ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ!“ (ސޫރަތުއް ތަޙްރީމް 8)
މިއާޔަތުގެ ތަފްސީރުގައި އައްތަބަރީ އަންނަނިވި ރިވާޔަތްތައް ގެނެސްދެއްވާފައިވެއެވެ.
އެކަލޭގެފާނު ރިވާކުރެއްވެވިއެވެ. ޢުމަރު ބިން އަލްޚައްޠާބް (رضي الله عنه) އަރިހުގައި ތެދުވެރި ތައުބާ އަކީ ކޮބައިތޯ ސުވާލުވެވުނެވެ. އެކަލޭގެފާނު ޖަވާބުގައި ދެންނެވިއެވެ. ”އެއީ މީހަކު ފާފައެއް ކުރުމަށްފަހު، ތައުބާ ވުމަށްފަހުގައި އެކަން ދެވަނަ ފަހަރަށް ނުކުރުމެވެ.“ އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”އެއީ މީހަކު ފާފައެއް ކުރުމަށްފަހު، ތައުބާ ވުމަށްފަހުގައި އެކަން ދެވަނަ ފަހަރަށް ނުކުރުމެވެ. އަދި ފާފައެއް ކުރުމަށް ނިޔަތްވެސް ނުގަތުމެވެ.“
ހަމައެފަދައިން ޢަބްދު ﷲ ބިން ޢައްބާސް (رضي الله عنه) ގެ އަރިހުންވެސް އެކަލޭގެފާނު ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”އެއީ މީހަކު ތައުބާވުމަށްފަހުގައި، އަލުން އަނބުރާ އެފާފަ ކުރުމަށް ނުދިޔުމެވެ.“ އަދި ”އޭގެ މާނައަކީ މީހަކު ތައުބާވުމަށްފަހުގައި އޭނަ އެތައުބާވި ފާފަޔަށް އަލުން އަނބުރާ ނުދިއުމެވެ.“
މުޖާހިދު މިއާޔަތާ ބެހޭގޮތުން ވިދާޅުވިއެވެ. ”އެބައިމީހުން ﷲ ގެ ފަރާތުން ފާފަ ފުއްސެވުމަށް އެދުމަށްފަހުގައި، އެމީހުން އަނބުރާ ފާފަ ކުރުމަށް ދުވަހަކުވެސް ނުދާނެއެވެ.“
ޤަތާދާ ވިދާޅުވިއެވެ. ”އެއީ ތެދުވެރި އަދި އިޚްލާޞްތެރި ތައުބާއެވެ.“
އަޞްލު: ތަފްސީރު އައްތަބަރީ