07
ފެބްރުއަރީ 2010 - މުއުމިނެއްގެ ޙާލަތަކީ އަޖައިބު ކުރުވަނިވި
ޙާލަތެކެވެ. އޭނާގެ މުޅި ޙަޔާތަކީ ފައިދާހުރި އެއްޗެކެވެ. އަދި މިއީ
ހަމައެކަނި މުއުމިނެއްގެ ގޮތެވެ. ފަސޭހައިގެ ވަގުތުތައް އޭނާގެ ގާތަށް
އަތުވެއްޖެނަމަ އޭނާ އެކަމަށް ޝުކުރުވެރިވެއެވެ. އަދި އެއީ އޭނާއަށް ހުރި
ހެޔޮ ގޮތެވެ. އަދި ނުރަނގަޅު ކަންތައްތައް އޭނާއަށް ކުރިމަތިވެއްޖެނަމަ
އޭނާ އެކަމަށް ކެތްތެރިވެއެވެ. އަދި އެއީ އޭނާއަށް ހުރި ހެޔޮ ގޮތެވެ.“
(ސަޙީޙް މުސްލިމް 7138)
1. މުއުމިނުންނަށް ކުރިމަތިވާ ނުބައި ކަންތައްތަކަކީ، ކާފަރުންނަށް ކުރިމަތިވާ ނުބައި ކަންތައްތަކަށްވުރެ ކުޑަ ކަންތައްތަކެވެ.
2. މުއުމިނަކަށް އެއްވެސްކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކާއި ގުޅިގެން ﷲ ގެ ޤަދަރުފުޅާއި މެދު ހިތްހަމަޖެހިގެންވުމާއި އަދި އެކަލާނގެ ހަޟްރަތުން ދަރުމައަށް އެދުންވެއެވެ. އެހެންކަމުން، އެމީހުން އެދޭ ކަމެއް އެމީހުންނަށް ނުވެއްޖެނަމަ މިކަމުގެ ސަބަބުން ކެތްތެރިވުމަށާއި ﷲ ގެ ހަޟްރަތުން ދަރުމައަށް އެދުމަށް މަގުފަހިވެއެވެ. އަދި މިކަމުގެ ސަބަބުން، އެއްވެސް ޝައްކެއްނެތް ގޮތުގައި އެމުޞީބާތެއް ކުޑަވެގެންދާނެއެވެ.
3. މުއުމިނަކަށް ކުރިމަތިވާ މުޞީބާތްތަކުން އޭނާއަށް ފަސޭހަކަން ލިބޭނީ ﷲ އަށް ކިޔަމަންވާ މިންވަރަކުންނެވެ. ޠާހިރުކަމާއި، އަދި އޭނާގެ ހިތުގެ ތެރޭގައިވާ އީމާންކަމުގެ ތެދުވެރިކަމުގެ މިންވަރުންނެވެ. އަދި އެއީ މިފަދަ މުޞީބާތެއް، ހިތުގައި އެވަރުގެ އީމާންކަމެއް ނެތް މީހަކަށް ކުރިމަތިވެއްޖެނަމަ، އެމީހަކަށް އެކަން ތަޙައްމަލެއް ނުކުރެވޭނެއެވެ. ﷲ ތަޢާލާ، އެކަލާނގެއަށް އީމާންވާ އަޅުން، މުޞީބާތުގެ ޙާލަތްތަކުން މިންޖުކުރައްވާ ގޮތަކީ މިއީއެވެ.
4. ﷲ ތަޢާލާއަށްވާ ލޯތްބަކީ ހިތުގެ ތެރޭގައި ވަރުގަދައަށް ބިންވަޅުނެގިފައިވާ އެއްޗެއްކަމުގައިވާނަމަ، ﷲ ތަޢާލާދެކެ ލޯބިވާ މީހުންނަށް އެލޯބިވާ ފަރާތުގެ ފުށުން ކުރިމަތިވާ ވޭނަށް ކެތްތެރިވުން ވާނީ ހިތްހަމަޖެހިގެންވާ ކަމަކަށެވެ. އަދި ނުރުހުންވާ ކަމެއްކަމުގައި އެކަން ވެގެންނެއް ނުވާނެއެވެ.
5. ކާފަރަކާއި ނުބައި ޢަމަލުކުރާ މީހަކަށް ލިބޭ ބާރާއި ހިތްވަރު ގުޅިފައިވަނީ އޭގެ އިދިކޮޅުކަންތައްތަކާއި އެކުގައެވެ.
6. ﷲ ތަޢާލާ އެކަލާނގެއަށް އީމާންވާ އަޅާއަށް އިމްތިޙާން ކުރިމަތި ކުރެއްވުމުގެ މިޘާލަކީ، ބައްޔެއް ފަސޭހަ ކުރާ ބޭހެއްގެ މިޘާލެވެ. އެބަލި އޭނާގެ ކިބައިގައި އެގޮތުގައި ހުންނަން ވެއްޖެނަމަ އެކަމުގެ ސަބަބުން އޭނާ ހަލާކުވެގެން ދާނެއެވެ. ނުވަތަ އޭނާގެ ދަރުމަ އުނިވެގެންދާނެއެވެ.
7. މިފަދަ ކަންތައްތައް ވުމަކީ އިންސާނާގެ ޙަޔާތުގެ މުހިއްމު ބައިތަކުގެ ތެރެއިން ބައެކެވެ.
8. އެފަދަ ކަންތައްތައް ވުމުގައި، ﷲ ތަޢާލާގެ ފުށުން މަތިވެރި އަދި ފާޅުވެގެންވާ ޙިކުމަތްތެރިކަން ވެއެވެ.
9. އެފަދަ މުޞީބާތްތަކުގެ ސަބަބުން، ތެދުވެރިންނާއި ދޮގުވެރިން ފާޅުވެގެންދާނެއެވެ.
10. އިންސާނުންނަކީ ފިޠުރީ ގޮތުން އިޖްތިމާޢީ މަޚްލޫޤުންތަކެކެވެ. އެބައިމީހުން އެހެން މީހުންނާއި ގުޅިގެން އެކުގައި އުޅެން ޖެހޭނެއެވެ. އެކަމަކު، އެކަންތައްތަކެއްގެ ސަބަބުން އުދަނގޫތައް ކުރިމަތިވާނޭ ފަދަ ތަފާތު އެދުންތަކާއި ތަފާތު ޠަބީޢަތްތައް އެބައިމީހުންގެ ކިބައިގައިވެއެވެ. މުއުމިނުންނަށް، އޭނާއާއި އެކުގައި އުޅޭ މީހުންނާއި ގުޅޭގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އުފުލުމަށް ވާޖިބުވެގެންވެއެވެ. އަދި މިކަމުގެ ސަބަބުން އިމްތިޙާންތައް ނުހަނު ފަސޭހަވެއެވެ.
11. މީހަކަށް ކުރިމަތިވާ މުޞީބާތްތައް ހަތަރު ކަމަކުން މެނުވީ ނުވާނެއެވެ. އެއީ އޭނާގެ ޙަޔާތާއި، މުދަލާއި، އޭނާގެ ޤަދަރާއި، ޢާއިލާއާއި އަދި މީސްތަކުން ކުރެ އޭނާ ލޯބިވާ މީހުންނާއި ގުޅޭގޮތުންނެވެ. ތަފާތު ހުރިހާ ބަޔަކަށް މިކަންތައްތަކުގެ ސަބަބުން އަޘަރުކުރެއެވެ. އެނގި ހާމަވެގެންވާ ގޮތުން، ޞާލިޙް މުއުމިނަކަށް ކުރިމަތިވާ އިމްތިހާންތަކަށް ވުރެން، އީމާން ނުވާ ޞާލިޙު ނޫން މީހުންނަށް ކުރިމަތިވާ އިމްތިހާނުތައް މާގިނައެވެ.
އަޞްލު: www.islam.com