Share

ނުރުހުންތެރިވާ ފަދަ ޤަދަރާއި މެދު ޢަމަލުކުރާނެގޮތް

އިމާމް އިބްން ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އުންމު ޢަބްދު ﷲ (جزاها الله خير)

06 ފެބްރުއަރީ 2010 - އަޅަކު ނުރުހޭފަދަ ކަމެއް ތަޙައްމަލު ކުރަން ޖެހިއްޖެނަމަ، ތިރީގައިވާ 6 ކަންތައް ކުރަންޖެހޭނެއެވެ.

1- އެއްކައުވަންތަކަން ޤަބޫލުކުރުން: ﷲ ޤަދަރުކުރައްވާ ކޮންމެ ކަމެއް ވާންޖެހޭނެއެވެ. އަދި އެކަލާނގެ ޤަދަރު ނުކުރައްވާ ކަމެއް ނުވާނެއެވެ.

2- ﷲ ތަޢާލާގެ ޢަދުލުވެރިކަން ޤަބޫލުކުރަންޖެހޭނެއެވެ: އަދި ﷲ ގެ ނިންމެވުން އެގޮތަކަށް ހިނގަންޖެހޭނެއެވެ. އަދި އެކަލާނގެ ނިންމެވުމަކީ ޢަދުލުވެރި ނިންމެވުމެވެ.

3- ﷲ ގެ ރަޙްމަތަށް އީމާންވުން: މިކަމާއި ގުޅިގެން އަންނަ އެކަލާނގެ ކޯފާއާއި ޢަޛާބަށްވުރެ، އެކަލާނގެ ރަޙްމަތް ގަދަވެ، އިތުރުވެގެންވެއެވެ.

4- ޙިކުމަތަށް އީމާންވުން: އަދި ތަޤްދީރު ކުރައްވާ ކޮންމެކަމެއް ވެސް ހިނގަނީ އެކަލާނގެ ޙިކުމަތްވަންތަ ކަމުންކަން ޤަބޫލުކުރުމެވެ. އެއްވެސް ސަބަބަކާއި ނުލައި، އެކަލާނގެ އެއްވެސް ކަމެއް އިރާދަނުކުރައްވައެވެ.

5- ﷲ އަށް ޙަމްދުކުރުން: ހަމަކަށަވަރުން ހުރިހާ މަތިވެރި ޙަމްދެއްވަނީ ﷲ އަށެވެ.

6- ﷲ ގެ އަޅުންނަށްވުން: އިންސާނާއަކީ ހަމައެކަނި ﷲ ތަޢާލާގެ އަޅެކެވެ. އޭނާއީ އެކަލާނގެ އަޅާ ކަމުގައިވީތީ އެކަލާނގެ އަމުރުފުޅުތަކާއި ޙުކުމްތައް އޭނާގެ މައްޗަށް ޤާއިމްކުރެވިގެންދާނެއެވެ. އޭނާވަނީ، ﷲ ގެ އަމުރުފުޅާއި ޙުކުމްތަކުގެ ތެރޭގައެވެ. މީގެ ތެރޭގައި ދީނީ ޙުކުމްތައްވެސް ހިމެނެއެވެ.


އަޞްލު: ’އަލްފަވާއިދް‘ އިން ނެގި ތަރުޖަމާ ކުރެވިފައި