05
ފެބްރުއަރީ 2010 -
އަޅަކު 50 އަހަރު ވަންދެން ﷲ އަށް އަޅުކަން ކުރިއެވެ. އެހެންކަމުން، ﷲ
ތަޢާލާ ވަހީ ކުރެއްވީ އެކަލާނގެ އޭނާއަށް ފާފަފުއްސަވައި
ދެއްވައިފިކަމުގައެވެ. ދެން އެމީހާ ބުންޏެވެ. ”އޭ ﷲ އެވެ! އަހަރެން
އެއްވެސް ނުބައި ޢަމަލެއް ނުކުރާ އިރުގައި، ފުއްސަވާނީ
ކޮންކަމެއްހެއްޔެވެ؟“ އެހެންކަމުން ﷲ ތަޢާލާ، އޭނާގެ ކަރުގެ ނާރެއްގެ
ސަބަބުން އޭނާއަށް ވޭން ލިބުމަށް އިރާދަކުރެއްވިއެވެ. އެކަމުގެ ސަބަބުން
އޭނާއަށް ނަމާދުކުރުމަށާއި ނިދަން އުނދަގޫވިއެވެ. ވޭން ކުޑަވެ، އޭނާއަށް
ނިދޭގޮތްވި ވަގުތުގައި މަލާއިކަތެއް އޭނާގެ ގާތަށް ވަޑައިގަތެވެ. އަދި އޭނާ
އެމަލާއިކަތާގެ އަރިހުގައި އެވޭނުގެ ޝަކުވާ އުފުލިއެވެ. އެހިނދު
އެމަލާއިކަތާ ވިދާޅުވިއެވެ. ”ކަލޭގެ ވެރި އިލާހު އަންގަވަނީ، ކަލޭ 50
އަހަރު ކުރި އަޅުކަމަކީ، ކަލޭ ތިއުފުލާ ވޭނުގެ އަގެވެ.“
އިބްން އަބީ ދުންޔާ ވިދާޅުވެފައިވަނީ ދާވޫދު (عليه السلام) ﷲ ތަޢާލާގެ ހަޟްރަތުގައި މިފަދައިން އެއްސެވި ކަމުގައެވެ. ”އިބަ ﷲ ގެ ރަޙްމަތުގެ ތެރެއިން އެންމެ ކުޑަ މިންވަރަކީ ކޮބައިހެއްޔެވެ؟“ ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”އޭ ދާވޫދުއެވެ! ނޭވާއެއް ލާށެވެ.“ ދާވޫދު (عليه السلام) އެފަދައިން ކަންތައް ކުރެއްވިއެވެ. އެހެންކަމުން، ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެފާނަށް ތިމަން ﷲ ގެ ހަޟްރަތުންވާ ރަޙްމަތުގެ އެންމެ ކުޑަ މިންވަރަކީ މިއީއެވެ.“
ޒިޔާދު ބުނު ޘާބިތު އަދި އިބްނު ޢައްބާސް (رضي الله عنهما) ގެ ކިބައިން ރިވާވެފައިވާ ޙަދީޘްގެ މާނަ މިކަމުން އެނގިގެން ދެއެވެ. އެޙަދީޘްގައިވަނީ، ”އުޑާއި ބިމުގައިވާ މީހުންނަށް އަޒާބު ދެއްވުމަށް ﷲ ތަޢާލާ ބޭނުންވެ ވޮޑިގަންނަވާ ނަމަ، އެބައިމީހުންނަށް އެއްވެސް ނާއިންޞާފެއް ނުވެ އެކަލާނގެއަށް އެކަން ފުރިހަމަ ކުރެއްވުނީހެއެވެ. އަދި އެކަލާނގެ އެބައިމީހުންނަށް ރަޙްމަތްލައްވާ ނަމަ، އެބައިމީހުންގެ ޢަމަލްތަކަށް ވުރެ އެކަލާނގެ ރަޙްމަތް އެބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ.“ (އަބޫ ދާވޫދު)
ސައްޙަ ޙަދީޘެއްގައި ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”އެމީހަކު ކުޅަ ޢަމަލަކުން އެއްވެސް މީހަކަށް ސަލާމަތްކަމެއް ނުލިބޭނެއެވެ.“ މީސްތަކުން އެކަލޭގެފާނު އަރިހުގައި ސުވާލުކުރެއްވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުވެސް ތޯއެވެ.“ އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ތިމަންކަލޭގެފާނުވެސް މެއެވެ. ﷲ ތަޢާލާ އެކަލާނގެ ރަޙްމަތާއި އޯގާވަންތަކަން މިންވަރުކޮށްދެއްވުމުން މެނުވީއެވެ.“ މީހަކު ކުރާ ޢަމަލްތަކަކުން ވެސް، ﷲ ތަޢާލާގެ ރަޙްމަތްތަކުގެ ތެރެއިން އެންމެ ރަޙްމަތަކަށްވެސް އަގުނުދެވޭނެއެވެ. އެހެނީ، ﷲ ތަޢާލާގެ ރަޙްމަތްތަކުގެ ތެރެއިން އެންމެ ކުޑަ މިންވަރުގެ ރަޙްމަތްވެސް އިންސާނާ ކުރާ ޢަމަލްތަކަށްވުރެ އިތުރުވެގެންވެއެވެ. އެހެންކަމުން، ﷲ ތަޢާލާއަށްވާ އަހަރެމެންގެ ހައްޤުތައް، އަބަދުވެސް ހަނދާންބަހައްޓަން ޖެހޭނެއެވެ.
އަޞްލު: ‘Patience and gratitude’ ފޮތުން ނެގި ތަރުޖަމާ ކުރެވިފައި.