Share

ޢާއްމު ދިރިއުޅުމުގައި ދީނަށް ޚިދުމަތްކުރުން

ޝެއިޚް ސަލްމާން އަލް އަވްދާ

ތަރުޖަމާ: އުންމު ޢަބްދު ﷲ (جزاها الله خير)

04 ފެބްރުއަރީ 2010 - އަހަރެންގެ ޙަޔާތުގެ ދުވަސްތަކުގައި ދީނަށް ޚިދުމަތްކުރާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ކަންތައްތައް ކުރުމުގެ ތެރޭގައި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން އަމިއްލަ ނަފްސާއި ކުރާ ސުވާލެކެވެ. އަދި މިއީ ވަރަށް ރަނގަޅު ސުވާލެކެވެ.

އެހެންކަމުން، އަހަރެމެންގެ އަމިއްލަ ނަފްސާއި ސުވާލުކުރަމެވެ. އަހަރެން، މީސްތަކުންނަށް ހެޔޮކަންތައްތައް ކުރުމަށް ގޮވާލާނީ ހެއްޔެވެ؟ ނުބައި ކަންތައްތައް މަނާކުރާނީ ހެއްޔެވެ؟ ނުވަތަ އަހަންނަށް އޮތް ރަނގަޅު ގޮތަކީ، ކުދިންތައް އެއްކޮށް، އެކުދިންނަށް ޤުރުއާން ހިތުދަސް ކުރުމަށް އެހީތެރިވެ ދިނުން ހެއްޔެވެ؟ ނުވަތަ އޭގެ ބަދަލުގައި ހިލޭސާބަހަށް ކުރެވޭ މަސައްކަތެއްގައި ބައިވެރިވާނީހެއްޔެވެ؟

އަހަރެމެން މުސްލިމުންނަށް، އަހަރެމެންގެ ދީނަށް ޚިދުމަތް ކުރެވިދާނެ އެތައް ގޮތްތަކެއް ވެއެވެ. އަހަރެމެންގެ ވަކިވަކި ކޮންމެ މީހަކު، އެމީހަކަށް ކުރެވޭނެ ކަންތައްތައް ގުނި ކަމުގައިވިޔަސް އެކަމުގައިވާ ފުރުޞަތުތަކަށް ނިމުމެއް ނުވެއެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ކިބައިގައިވާ ހުނަރުތަކާއި ކުރާހިތްވާ ކަންތައްތައް ދަނެގަންނަން ޖެހޭނެއެވެ. އަދި އެމީހަކަށް ކުރެވޭނެ ކަމެއް ނިންމުމުގައި، އެމީހެއްގެ ޝަޙްސިއްޔަތާއި މެދުވެސް ވިސްނަން ޖެހޭނެއެވެ. އެހެނެއްކަމަކު، ޖުމްލަ ގޮތެއްގައި ކޮންމެ މީހަކަށް ކުރެވިދާނެ އަދި މިހާރު ކުރަން ފެށިދާނެ ކަންތައްތަކެއް ވެއެވެ.

ފެށުމުގެ ގޮތުން، އަހަރެމެންނީ މީސްތަކުންގެ ކުރިމަތީގައި ރިވެތި ނަމޫނާއެއްކަމުގައި ވާންވާނެއެވެ. އަހަރެމެން ކުރާ އަޅުކަމުގައްޔާއި، އަޚުލާގާއި، އެހެން މީހުންނާއި މުޢާމަލާތް ކުރުމުގައި ނަމޫނާއަކަށް ވެވިދާނެއެވެ. ވިސްނުންތެރިކަމާއި ޢަދުލުވެރިކަމުގައި ވުމަށް އަބަދުވެސް މަސައްކަތް ކުރެވިދާނެއެވެ. އެހެން މީހުންގެ ހައްޤުތަކަށް އިސްކަންދެވިދާނެއެވެ. އަދި އެއީ އަހަރެމެންގެ އަމިއްލަ ހައްޤުތައް އެއްފަރާތް ކުރަންޖެހުނު ކަމުގައި ވިޔަސްމެއެވެ. މިއީ އަހަރެމެންގެ ޚިދުމަތްތަކުގެ ފެށުމެވެ. އަދި ހަމަޔަޤީނުންވެސް މިއީ އެންމެ މުހިއްމުކަމެވެ.

ޚިދުމަތް އަދާކުރުމުގެ ދެވަނަ ދަރަޖައަކީ، އަހަރެމެންގެ ޢާއިލާއާއި ގާތްތިމާގެ މީހުންނާއި ދެމެދު ކުރެވޭ މުޢާމަލާތުތަކެވެ. އާއިލާގެ މީހުންނަށް ހެޔޮކޮށް ހިތާ އެމީހުންނަށް ޤަދަރުކުރުމުން، އެމީހުންނާއި އަހަރެމެނާއި ދެމެދުގައި އޮންނަ ގުޅުން ރަނގަޅު ވެގެންދެއެވެ. އަހަރެމެންގެ ޢާއިލާތަކަށް އިސްލާމްދީނުގެ ދަޢުވަތުދީ، ހެޔޮކަންތައްތައް ކުރުމަށް އެމީހުންނަށް ހިތްވަރު ދިނުމަކީ އަހަރެމެންގެ ޒިންމާއެކެވެ. މިޒިންމާ ފެށެނީ އަހަރެމެންގެ މައިންބަފައިންނާއި ދަރިންނާ ހިސާބުންނެވެ. އެއަށްފަހު އެއްބަނޑު އެއްބަފާ ކުދިންނާއި، އަނބިންނާއި ފިރިންނެވެ. ދެން އާއިލާގެ އެހެނިގެން މެމްބަރުންނާއި ހިސާބަށް ފުޅާވެގެން ދާނެއެވެ.

ރަސޫލާ (صلى الله عليه وسلم) އަށް އިޝާރާތްކުރައްވަވާ ﷲ ތަޢާލާ ވަހީކުރެއްވިއެވެ."

”وَأَنْذِرْ عَشِيرَتَكَ الأقْرَبِينَ“
”އަދި ކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް އިންޒާރު ކުރައްވާށެވެ.“
(ސޫރަތުއް ޝުޢަރާ: 214)

މިއާޔަތް ބާވައިލެއްވުމަށްފަހުގައި ރަސޫލާ (صلى الله عليه وسلم)، އެކަލޭގެފާނުގެ އަހުލުން އެއްކުރައްވާ ހަދީޘް ކުރެއްވިއެވެ. ”އޭ އެއްވެ ތިބި ޤުރައިޝުންނޭވެ! ނަރަކައިން ސަލާމަތްވުމަށްޓަކައި ތިޔަބައިމީހުންގެ ނަފްސުތައް ވިއްކާލާށެވެ. އެހެނީ، ﷲ ގެ ހަޟްރަތުގައިވާ ޢަޛާބުން، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ސަލާމަތެއް ނުކޮށްދެވޭނެއެވެ. އޭ ބަނީ ޢަބްދުލް މަނާފްއެވެ! ﷲ ގެ ހަޟްރަތުގައިވާ ޢަޛާބުން، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ސަލާމަތެއް ނުކޮށްދެވޭނެއެވެ. އޭ ﷲގެ ރަސޫލާ (صلى الله عليه وسلم) ގެ ބޮޑުދައިތާ ޞަފިއްޔާއެވެ! ﷲ ގެ ހަޟްރަތުގައިވާ ޢަޛާބުން، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ސަލާމަތެއް ނުކޮށްދެވޭނެއެވެ. އޭ ﷲ ގެ ނަބިއްޔާގެ ދަރިކަނބަލުން ފާޠިމާއެވެ! ﷲ ގެ ހަޟްރަތުގައިވާ ޢަޛާބުން، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ސަލާމަތެއް ނުކޮށްދެވޭނެއެވެ. ތިޔަބައިމީހުން އެދޭ މުދަލެއް ތިމަންކަލޭގެފާނުގެ ކިބައިން އެދޭށެވެ. ﷲ ގެ ހަޟްރަތުގައިވާ ޢަޛާބުން، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ސަލާމަތެއް ނުކޮށްދެވޭނެއެވެ.“

އެއަށްފަހު، އަހަރެމެންނާއި އެކުގައި މަސައްކަތްކުރާ މީހުންނާއި އަދި އެކުގައި ކިޔަވާ މީހުންނަށް ސަމާލުކަންދޭނެޖެހޭނެއެވެ. އެމީހުންނަށް އެހީތެރިވުމުގައި އަބަދުވެސް އަހަރެމެން ދަހިވެތިވާންޖެހޭނެއެވެ. އެމީހުން އެހީއަށް ބޭނުންވާ ހިނދުގައި އަހަރެމެން ތިބޭނޭކަން އެމީހުންނަށް އަންގައިދިނުމުން އެމީހުންނާއި އަހަރެމެންނާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ އިތުބާރު އުފެދޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަހަރެމެންނަށް އެމީހުންނާއި ހިސާބަށް ވާޞިލުވެވި އަދި އަހަރެމެން ކުރާ ހެޔޮކަންތައްތަކުގައި އެމީހުން ބައިވެރިކުރެވިދާނެއެވެ. ފޮތްތަކާއި، ކެސެޓްތައް ފަދަ ތަކެތި ދިނުމާއި، ދަރުހެއް އަޑުއަހާލަން ދާން ދަޢުވަތު ދިނުމުން، އެމީހުން އަހަރެމެންނަށް އިތުރަށް ސަމާލުކަންދޭނެއެވެ.

އަހަރެމެން ދިރިއުޅޭ މުޖުތަމަޢުގެ މީހުންނާއި އަވަށްޓެރިންނަށް ޒިޔާރަތް ކުރަންޖެހޭނެއެވެ. އެމީހުންނަކީ އަހަރެމެންގެ އަވަށްޓެރިންނަށް ވީކަމަށްޓަކައި، އެމީހުންނަށްޓަކައި، އަހަރެމެންގެ މައްޗަށްވާ ހައްޤުތަކެއްވެއެވެ. އެހައްޤުތަކަށް އަހަރެމެން އިޙްތިރާމް ކުރަންޖެހޭނެއެވެ. އަހަރެމެންނާއި، އަހަރެމެންނާއި އެކުގައި އުޅޭ އަވަށްޓެރިންނާއި ދެމެދުގައި ރަނގަޅު ގުޅުމެއް އުފައްދަންވާނެއެވެ. މީގެ ސަބަބުން އަހަރެމެންނަށް، ދީނީ ކަންތައްތަކުގައި އެމީހުންނާއި ހަމައަށް ވާސިލްވުމަށް ފަސޭހަވެގެންދާނެއެވެ.

ﷲގެ ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ. ”ﷲ އަށާއި ޤިޔާމަތް ދުވަހަށް އީމާންވާމީހާ، އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތާހުށިކަމެވެ.“

އަދިވެސް އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ. ”ﷲ ޓަކައި ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ. ﷲ ޓަކައި ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ.“ އެއީ ކާކުތޯ ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”އޭނާގެ ކިބައިން އޭނާގެ އަވަށްޓެރިޔާއަށް އަމާންކަން ލިބިގެން ނުވާ މީހާއެވެ.“

ރަސޫލާ (صلى الله عليه وسلم)، އެކަލޭގެފާނުގެ އަވަށްޓެރިންނަށް ކަމޭހިތްތެވުމުގައި ނުހަނު ބުރަ އުފުއްލެވިއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ”އަވަށްޓެރިޔާ ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތްކުރާށެވެ. އޭނާއަށް ރަނގަޅުކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށް މަރުޙަބާ ކިޔާށެވެ. ދެރަ ކަމެއް އޭނާއަށް ކުރިމަތިވެއްޖެނަމަ، އޭނާ ހިތްހަމަޖައްސައިދޭށެވެ. ޢިމާރާތްކުރުމުގެ ސަބަބުން، އަވަށްޓެރިޔާގެ ހުއްދަނެތި އޭނާގެ ގެއަށް ވައި ވަންނަ ފަދަ ގޮތަކަށް ކަންތައް ދިމާވާގޮތަށް ތިބާގެ ގެ ޢިމާރާތް ނުކުރާށެވެ. ތިބާ ކައްކާ އެއްޗެހީގެ ވަސް އޭނާގެ ނޭފަތުގައި ޖައްސާ އޭނާ ނުރުހުނަ ނުދޭށެވެ. ނުވަތަ އޭނާއަށް އެކާއެއްޗަކުން ހަދިޔާކުރާށެވެ. ތިބާ މޭވާ ގަނެފިނަމަ، އޭގެން ބައެއް ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ދޭށެވެ. އަދި އެގޮތަށް ކަންތައްނުކުރާނަމަ، ސިއްރިޔާތުގައި އެތަކެތި ގެއަށް ވައްދާށެވެ. އަދި ތިބާގެ ދަރިފުޅު އެތަކެތި ހިފައިގެން ބޭރަށް ނިކުމެ އޭނާގެ ދަރިފުޅަށް އުދަނގޫ ކުރިއަ ނުދޭށެވެ.“

އަވަށްޓެރިންނަށް އިޙްތިރާމްކުރުމުގެ ތެރޭގައި، މިސްކިތުގައި ހަރަކާތްތެރިވުން ވެސް ހިމެނެއެވެ. ނަމާދަށް އަބަދުވެސް ފަރުވާތެރިވާންވާނެއެވެ. އަދި އޭގެ އިތުރުން މިސްކިތުގައި ވަގުތުކޮޅެއް ހޭދަކުރަންޖެހޭނެއެވެ. ބައެއްފަހަރުތަކުގައި ނަމަވެސް، މިސްކިތުގައި ބޭއްވޭ ކަންތައްތަކުގައި ބައިވެރިވުމަށް ސަމާލުކަންދޭންޖެހޭނެއެވެ.

އެއަށްފަހުގައި، އަހަރެމެންގެ ވިސްނުން ފުޅާކޮށް އަދި މުސްލިމު އުއްމަތަށް ކުރިމަތިވަމުންދާ ބޮޑެތި ކަންތައްތަކަށް ނަޒަރުހިންގަންޖެހޭނެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މުސްލިމު އުންމަތަށް ކުރިމަތިވަމުންދާ ކަންތައްތަކުގެ ތެރެއިން ކޮންމެވެސް އެއްކަމެއްގައި ޢަމަލީ ގޮތުން ބައިވެރިވެވިދާނެއެވެ. މީގެ ތެރޭގައި ހިމެނެނީ، މުސްލިމުންނަށް ކުރިމަތިވަމުންދާ ކަންތައްތަކަށް މީޑިއާގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރުމެވެ. ނުވަތަ ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ކުރިމަތިވަމުންދާ ވޭންތަކަށް ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރުމެވެ. މީގެ އެހެން ގޮތަކީ، މުދަލާއި ފައިސާގެ ނިޢުމަތްތައް ލިބިފައިވާ މީހުން، އެހީއަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމެވެ. އަދި، ބޭނުންތެރި އިސްލާމީ ފޮތްތައް ޗާޕުކޮށް ބެހުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަހަރެމެންނަށް، އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެއިލާހަށް ޚިދުމަތްކުރުމުގެ ހެޔޮ ތަޢުފީޤްދެއްވާށިއެވެ. އާމީން


އަޞްލު: www.islamtoday.com