03
ފެބްރުއަރީ 2010 -
އިމާމް އަބޫ ހަނީފާ އަށް އެކަލޭގެފާނުގެ އެނަންފުޅު (އެކަލޭގެފާނުގެ އަސްލު
ނަންފުޅަކީ ނުޢްމާން ބިން ޘާބިތް ބިން ޒޫތާ ބިން މާހްއެވެ.) ލިބިވަޑައިގަތް
ގޮތާއިމެދު އައިސްފައިވާ ލިޔުންތަކުގައި އަންހެނަކަށް އެކަކަށް ވުރެގިނަ
މީހުނާ ކައިވެނި ނުކުރެވެނީ ކީއްވެކަމާއި މެދު އައިސްފާވައި ވާހަކައެއް
ހިމެނިފައިވެއެވެ. އަބޫ ހަނީފާ އަކީ އާދަޔާ ޚިލާފު ނަންފުޅެކެވެ. މާނައަކީ
ހަނީފާގެ ބައްޕައެވެ. ހަނީފާ އަކީ އެކަލޭގެފާނުގެ އަންހެން
ދަރިކަނބަލުންނެވެ. މިއީ އެދުވަސް ވަރު މިކަން ކުރެވޭ ގޮތެއް ނޫނެވެ.
ޢާއްމުގޮތެއްގައި ނަން (ނުވަތަ ކުންޔާ) ދެވެނީ ފިރިހެން ދަރި ފުޅުގެ
ނަމުންނެވެ. މިކަން މިގޮތަށް ވެފައިވަނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ.
އެފަހަރެއްގައި އީމާމް އަބޫ ހަނީފާއާއި ކުރެވުނު މިސުވާލަކީ އެކަލޭގެ ފާނުގެ ހަޔާތްޕުޅުގައި، އެކަލޭގެފާނާ ކުރެވުނު ސުވާލަކަށް ޖަވާބު ނުދެވުނު އެންމެ ފުރަތަ ސުވާލެވެ. އެސުވާލަކީ، ”އެކަކަށް ވުރެ ގިނަ މީހުނާ ކައިވެނި ކުރުން އަންހެނުންނަށް މަނާ ވެވިގެންވަނީ ކީއްވެ އެއްޔެވެ؟“ މިއެވެ.
ދިގު ދެމިގެން ހިގައިދާނެ ބޮޑުވާހަކައެއް ކުރު ކޮށްލުމަށްޓަކައި އިމާމް އަބޫ ހަނީފާގެ އަންހެން ދަރިކަނބަލުން ތިމަން ކަމަނާ އަށް ތިސުވަލުގެ ޖަވާބު އެގިލައްވައޭ އަދި އެސުވާލަށް ޖަވާބު ދެއްވާނީ، އެކަމަނާގެ ޖަވަބު ރަގަޅުވެއްޖެނަމަ އިމަމް އަބޫ ހަނީފާގެ ތާރީޚްގައި އެކަމަނާގެ ނަންފުޅު ހިމެނުމަށް އެއްބަސް ވެވަޑައިގަތުމުން ކަމުގައި ދެންނެވިއެވެ. އިމާމް އަބޫ ހަނީފާ މިކަމާ އެއްބަސްވެ ވަޑައިގަތެވެ.
އެހެން ކަމުން އެކަމަނާ ގިނަ އަދަދެއްގެ އަންހެނުން އެއްކުރައްވާ ކޮންމެ އަންހެނެއް އަތަށް ތައްޓެއް ދިނެވެ. އަދި ބޮޑު ބޯތައްޓެއްގެ ކިރުގެނެސް ކޮންމެ މީހަކު އެމީހެއްގެ ތަށި ކިރުއެތި ތެރެއަށް ކޮއްޕާ އެމީހެއްގެ ތަށި ފުރާ ކިރު ނެގުމަށް ވިދާޅުވިއެވެ. އެމީހުން އެފަދައިން އެކަން ކުރިއެވެ. ދެން އެނެގި ކިރު އަނބުރާ ބޯތައްޓަށް އެޅުމަށް އެކަމަނަ ވިދަޅުވިއެވެ. އެމީހުން މިކަންވެސް ކުރިއެވެ. އެއަށްފަހު އަލުން އެތަށިތަކުން އެމީހަކު ބޯތައްޓަށް އެޅި އެމީހެއްގެ ކިރުކޮޅު ނެގުމަށް އެކަމަނާ ވިދަޅުވިއެވެ.
މިކަންވީ ޔަޤީނުންވެސް ނުކުރެވޭ ކަމަކަށެވެ. އަންހެނަކު އެކަކަށް ވުރެ ގިނަ މީހުނާ ކައިވެނި ކޮށްފިނަމަ އުފެދިދާނެފަދަ މައްސަލައެއްގެ މިސާލު، ހަނީފާ ދެއްކެވިއެވެ. އެކަކަށް ވުރެ ގިނަ މީހުނާ ކައިވެނިކޮށް އެމީހުނާ އެކު ރޭކޮށް ބަލިވެ އިނދެއްޖެނަމަ އެއުފަންވާ ކުއްޖާގެ އަސްލު ބައްޕަ އަކީ ކާކުކަށް ވަކިކުރުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. މިވެނި އެވެނި މީހެއްގެ ބައްޕައަކީ ކޮބާ ކަމާއި ދަރިފަސްކޮޅު ދެމިގެންދާ ގޮތް ބެލުން އޭރުންވާނީ ނުވާވަރު ކަމަކަށެވެ. އެކަމަނާ ދެއްވި މިޖަވާބަށް އިމާމް އަބޫ ހަނީފާ ވަރަށް ހިންހަމަ ޖެހިވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ނަންފުޅެއް ކަމުގައި ’އަބޫ ހަނީފާ‘ (ހަނީފާގެ ބައްޕަ) ނެންގެވިއެވެ. އެހެންކަމުން އެކަލޭގެފަނުގެ ދަރިކަނބަލުންގެ ނަންފުޅު ތާރީޚްގައި ހިމެނުނީއެވެ.
އަޞްލު: ލިޔުންތެރިޔާ