02
ފެބްރުއަރީ 2010 -
ވަރަށް ގިނަ ފަހަރަށް ﷲ ގެ އަޅާއަށް ގިނަގުނަ ނިޢްމަތްތަކެއް
ދެއްވުމުން، އޭނާ އެކަމުގެ މަތިން ފޫހިވެ، އެކަމުގެ ބަދަލުގައި އެހެން
ކަމަކަށް އެދެއެވެ. އަދި އޭނާ ދެކޭގޮތުން، އޭނާ އެދޭ ކަންތަކަކީ އޭނާއަށް
މާހެޔޮކަމެކެވެ. ހަޤީޤަތުގައި ﷲ ތަޢާލާ އޭނާ، އެނިޢްމަތުން މަޙްރޫމެއް
ނުކުރައްވައެވެ. ނަމަވެސް އޭނާ އިތުރަށް ދެން އެނިޢްމަތް ތަޙައްމަލު
ނުކުރުމާއި، އޭނާގެ ކިބައިގައި އެނިޢްމަތާއި މެދު ހިތްނުތަނަވަސްކަމާއި،
ހިތްހަމަނުޖެހުން އުފެދުމަށް ދާންދެން، ﷲ ތަޢާލާ، އޭނާ އެ އިޚްތިޔާރުކުރި
ނުބައި ކަންތަކަށާއި، އޭނާގެ ޖާހިލުކަމަށް ޢުޛުރު ދެއްވަވައެވެ. އެއަށްފަހު
ﷲ ތަޢާލާ، އޭނާގެ ކިބައިން އެނިޢްމަތް ނަންގަވައެވެ. އަދި އޭނާއަށް އެނާ
ބޭނުންވި ކަންތައް ޙާޞިލުވުމުން، ކުރީގައި އޭނާއަށް ލިބިފައިވި ނިޢްމަތާއި،
އޭނާ އަށް މިހާރު ލިބިފައިވާ ކަންތަކާއި ހުރި ބޮޑުވެގެންވާ ތަފާތު އޭނާ
އަށް ފެނިގެންދެއެވެ. އެހިސާބުން އޭނާ، ކަންބޮޑުވުމާއި، ހިތާމައިން
ފުރިގެންދެއެވެ. އަދި އޭނާ އެދެނީ އޭނާއަށް ކުރިން ލިބިފައިވި ނިޢްމަތް
އަލުން އަނބުރާ ލިބުމަށެވެ. ﷲ ތަޢާލާ، އެއިލާހުގެ އަޅަކަށް ހެވަކަށް
އެދިލައްވާނަމަ، އެއަޅަކަށް ލިބިފައިވާ ނިޢްމަތަކީ ﷲ ތަޢާލާގެ ފަރާތުންވާ
ނިޢްމަތެއްކަން އެއަޅަކަށް ދައްކަވާނެއެވެ. އަދި ﷲ ތަޢާލާ ވަނީ އެއަޅަކާއި
މެދު ރުހިވޮޑިގެންކަން ވެސް އެއަޅަކަށް ﷲ ދައްކަވާނެއެވެ. އަދި އަޅާ، ﷲ
އަށް ޙަމްދު ކުރާނެއެވެ. އަދި މިނިޢްމަތް ބަދަލުކުރުމަށްޓަކައި ޝައިޠާނާ،
އޭނާގެ ނަފްސު ހައްލުވައިލައިފި ނަމަ، އޭނާ ﷲ ގެ ފަރާތުން ހިދާޔަތަށް
އެދޭނެއެވެ.
ﷲ ގެ ނިޢްމަތްތަކާއި މެދު، ﷲ ގެ އަޅާ ފޫހިވުމަށްވުރެ ބޮޑު ގެއްލުމެއް ނޯންނާނެއެވެ. އެގޮތުން ﷲ ގެ ނިޢްމަތްތަކަކީ، އެއީ އެއިލާހުގެ ފަރާތުންވާ ބަރަކާތެއްކަމުގައި ނުދެކުމާއި، އެނިޢްމަތްތަކަށް ޙަމްދު ނުކުރުމާއި، އެނިޢްމަތްތަކާއި މެދު އުފާވެސް ނުވާ ޙާލުގައެވެ. އެއާއި ޚިލާފަށް އެނިޢްމަތްތަކާއި މެދު، އޭނާ ފޫހިވެ، ޝަކުވާކޮށް، އަދި އޭނާ ދެކެނީ އެއީ އޭނާއަށްވާ އުނދަގުލެއް ކަމުގައެވެ. އެކަންތައްތަކީ ﷲ ތަޢާލާގެ ފަރާތުން ލިބިފައިވާ ބޮޑެތި ނިޢްމަތްތަކެއް ކަމުގައި އޭނާއެއް ނުދެކެއެވެ. ބޮޑު ބައިގަނޑުވަނީ ﷲ ގެ ނިޢްމަތްތަކާއި މެދު ދެކޮޅުވެރިވެފައެވެ. އެނިޢްމަތްތަކަކީ، ﷲ ގެ ފަރާތުންވާ ނިޢްމަތްތަކެއްކަން އެބައިމީހުންނަކަށް އިޙްސާސެއް ނުކުރެވެއެވެ. މީގެ އިތުރުން މިނިޢްމަތްތައް އެމީހުންގެ ކިބައިން، ނައްތާލުމަށްވެސް އެމީހުން މަސައްކަތް ކުރެއެވެ. އެއީ އެމީހުންގެ ނާއިންސާފުންނާއި އަދި އެމީހުންގެ ޖާހިލު ކަމުގެ ސަބަބުނެވެ. ﷲ ގެ އަޅާ ނިޢްމަތަކުން ދުރުވުމަށް މަސައްކަތްކުރާ ހިނދުގައިވެސް އޭނާއަށް ﷲ ތަޢާލާ އެނިޢްމަތް ދެއްވާފައިވަނީ ކިތައްކިތައް ފަހަރުހެއްޔެވެ. ހަމައެހެންމެ، ﷲ ގެ އަޅާ، ނިޢްމަތްތައް އޭނާއާއި ދުރަށް ގެންދަން މަސައްކަތްކުރަމުންދާ ހިނދުގައިވެސް، އޭނާއަށް ﷲ ތަޢާލާ އެނިޢްމަތް ދެއްވާފައިވަނީ ކިތައްކިތައް ފަހަރުހެއްޔެވެ.
އަދިވެސް ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
ﷲ ގެ ނިޢްމަތާއިމެދު، އެއިލާހުގެ އަޅާ ދެކޮޅުވެރިވުމަށްވުރެ ބޮޑު ނުބައި ކަމެއް ވާނެހެއްޔެވެ؟ އެފަދައިން ޢަމަލުކޮށްފިނަމަ، އޭނާ އެމަދަދުވެރިވަނީ އޭނާގެ ދުޝްމަނަށެވެ. އޭނާގެ ދުޝަމަން ވަނީ އޭނާގެ އެނިޢްމަތާއިމެދު ރުޅިވެރިކަމުގެ އަލިފާން ރޯކޮށްފައެވެ. އަދި ހީވެސް ނުކުރާހާ މިންވަރަކަށް އޭނާ މިއަލިފާންގަނޑު އިތުރު ކުރަމުންދެއެވެ. އެއަލިފާންގަނޑު ރޯކުރުމަށްޓަކައި އޭނާގެ ދުޝްމަނަށް ފުރުޞަތު ދިނީވެސް ޚުދު އޭނާއެވެ. އަދި އެއަލިފާންގަނޑު ވަރުގަދަކޮށް އޭތި ގޮއްވާލުމަށްޓަކައި ވެސް އެހީތެރިވެދިނީ ހަމަ އޭނާއެވެ. އާޚިރުގައި، އޭނާ އެއަލިފާންގަނޑުގެ ކިބައިން ރައްކައުތެރި ކަމަށް އެދެއެވެ. އަދި އެލިބުނުގެއްލުން، އޭނާ ބަދުނާމު ކުރެއެވެ.
އަޞްލު: ’އަލްފަވާއިދުން‘ ނެގި ތަރުޖަމާ ކުރެވިފައި.